ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސައުދީ އަަރަބިއްޔާ

ސައުދީން 11 ކޭސް، ފިޔަވަޅު އިތުރަށް ވަރުގަދަ ކޮށްފި

ސައުދީ އަރަބިއްޔާއިން: އަހުމަދު ހަމީދު އާދަމް
Mar 8, 2020

މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ސައުދީގެ 11 މީހަކަށް ޖެހިފަައިވާ ކަމަށް އެ ގަައުމުގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފި އެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ސައުދީން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ މިއަދުވެސް އެ ގައުމުން ކޮރޯނާގެ ހަތަރު ކޭސް އެއް ފެނިފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކީ ކޮރޯނާ ޖެހިފައިވާ މީހެއްގެ ކިބައިން އެ ވަައިރަހުގެ އަސަރު ކޮށްފައިވާ ތިން މީހުންނެވެ. ދެން ހުރި މީހަކީ އީރާނުން އައި މީހެކެވެ.

ހެލްތް މިނިސްޓްރީން ބުނީ މިއަދު ހަތަރު ކޭސް ފެނިފައިވަނީ ޤަޠީފް ސިޓީން ކަމަށެވެ. އެހެން ކަމުން ސަރުކާރުން ވަނީ މިހާރު އެ ސިޓީގެ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން އެ ސިޓީގެ ހުރިހާ ސުކޫލް، ޔުނިވާސިޓީތައް ވަނީ ދެ ހަފްތާގެ މުއްދަތަށް ބަންދުކޮށްފައެވެ.

ހެލްތް މިނިސްޓްރީން މިހާރު ވަނީ މުޅި ސައުދީއަށް ހާއްސަ ގަރާރެއްވެސް ނެެރެފައެވެ. އެގޮތުން ވޭތިވެދިޔަ ދެ ހަފްތާގައި މިސްރު، ލުބުނާން، އިޓަލީ އަދި ސައުތުކޮރެޔާއަށް ދަތުރުކޮށްފައިވާ އެ ގައުމުގެ ރައްޔިތުން ހޯމް އައިސޮލޭޝަންގައި ތިބުމަށް އަމުރުކޮށްފައެވެ. އެ އަމުރުގައިވާ ގޮތުން ދެ ހަފްތާގެ މުއްދަތަށް އައިސޮލޭޝަންގައި ތިބެން ޖެހޭނެއެވެ.

އަދި ސައުދީގެ އެެއްވެސް ރައްޔިތަކު އިރާނަށް ދަތުރުކުރުންވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.

ކޮރޯނާއާ ގުޅިގެން ސައުދީން ވަނީ އުމްރާގެ އަަޅުކަމަށް އެ ގައުމަށް އައުން ވަގުތީ ގޮތުން މަނާކޮށްފައެވެ.