ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދުވަސްވީ މީހުނާއި ކުޑަކުދިން މިސްކިތްތަކަށް ނުދާން އިލްތިމާސްކޮށްފި

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއަސް ޕޮޒިޓިވް ވެފައިވާ ދެ މީހަކު ރާއްޖޭން ފެނުމާ ގުޅިގެން އެ ބަލީގެ އަލާމާތްތައް ހުރި މީހުނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް މިސްކިތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުމަށްޓަކައި އެ ވައިރަސްގެ އަލާމާތްތައް ހުންނަ މީހުން އާންމުން އެއްވެ އުޅޭ ތަންތަނަށާއި މިސްކިތުގެ ޖަމާއަތުގައި ބައިވެރިވާން މިސްކިތްތަކަށް ނުދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ. މި ގޮތުން ހުން އައިސް ތިބި މީހުނާއި ރޯގާ ޖެހިފައި ތިބި މީހުނާއި ކެއްސާ ކިބިހި އަޅާ މީހުނާއި ކަރަންޓީން ކޮށްފައިވާ ރަށަކަށް އަރައި ތިބި މީހުން ނުދިއުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަކުދިންނާއި މުސްކުިން ވެސް މިސްކިތްތަކުގެ ޖަމާއަތުގައި ބައިވެރިވާން އެ ތަންތަނަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އިސްލާމް ދީނުގައި މިފަދަ ބަލިމަޑުކަމުގެ ހާލުގައި ކަންކަން ކުރުމަށް ބާރު އަޅާފައި ވަނީ ވެސް އެ ގޮތަށެވެ. ކޮރޯނާ ވައިރަސް ފަދަ ނުރައްކާތެރި ބައްޔެއް އުޅޭއިރު، އެ ވައިރަހުގެ އަލާމާތްތައް ފެންނަ މީހުން މިސްކިތްތކަށް ނުދިއުމަކީ ދީނުގެ ރިވެތި އުސޫލުތަކުގެ ތެރޭގައިވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

މިފަދަ ދަނޑިވަޅުތަކުގައި ސަބަބުތަކުގައި ހިފައި މި ބަލިން މީހުން ރައްކާތެރިވުމަށް ގިނަގިނައިން ދުއާކޮށް ފަރުދީ ޒިންމާ އަދާ ކުރުމަށް ވެސް މިނިސްޓްރީގެ ބަޔާާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.

ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ ޅ. ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނެވެ. އެ މީހުން ވެސް ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އަދި އެ ރިސޯޓް މިހާރު އޮތީ މީހުން އަރާ ފޭބުން ވެސް މަނާކޮށްފަ އެވެ. އެ ރިސޯޓަށް އޮތީ އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ.

ކޮރޯނާއާ ގުޅިގެން ފަރުކޮޅުފުށީގެ އިތުރުން އާރަށާއި ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ވިލިވަރުގައި ވަނީ ކަރަންޓީނު ސެންޓަރެއް ގާއިމުކޮށްފަ އެވެ. ވިލުވަރުގައި ގާއިމް ކުރި އައިސޮލޭޝަން ފެސިލީޓީގައި 30 ކޮޓަރި ހުރެ އެވެ. އޭގެ ގެތެރެއިން 28 ކޮޓަރިއަކީ ސިންގަލް ރޫމެވެ. ދެން ހިމެނެނީ ޑަބަލް ރޫމްގެ ދެ ކޮޓަރި އެވެ.

މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އެހެންވެ ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އައުން ވެސް މަނާކޮށްފަ އެވެ. މިހާރު ރާއްޖޭގައި ތިބި އިޓަލީ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި ޗައިނާ އިން ވެސް މީހުން އައުން މަނާކޮށްފައިވެ އެވެ.