ހަބަރު

ރިލްވާން ގެެއްލުމާއި އަފްރާޝީމްގެ މަރުގެ މައްސަލާގައި ހިމެނޭ ބަޔަކު ސީރިޔާ އަށް

Jan 6, 2015

ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވުމަށް އެންމެ ފަހުން އެ ގައުމަށް ދިޔަ ދިވެހިންގެ ތެރޭގައި، ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނު މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ތުހުމަތު ކުރެވޭ ބަޔަކު ހިމެނޭކަން "އަވަސް" އަށް އެނގިއްޖެ އެވެ.

މިކަން ކަށަވަރު ވެފައި ވަނީ އެ މީހުންގެ ބައެއް އެކުވެރިންނާއި އާއިލީ ގުޅުން އޮންނަ ބައެއް މީސްމީހުންގެ ފަރާތުންނެވެ. 

އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގެ ތެރޭ ހަ ދިވެއްސަކު ވަނީ ސީރިއާ އަށް ގޮސްފަ އެވެ. ތުރުކީ މަގުން ސީރިއާ އަށް އެތެރެވި މީހުންގެ ތެރޭގައި ދެ އަންހެނަކު ހިމެނޭ ކަމަށާއި އެއީ ހަނގުރާމަ އަށް ދިޔަ ދެ މީހެއްގެ އަނބިން ކަމަށް ވެސް ވަނީ އެނގިފަ އެވެ. އޭގެ ތެރެއިިން އެއް ދެމަފިރިއެއްގެ އަހަރު ނުވާ ދަރިއަކު ވެސް އެ މީހުންނާ އެކު ސީރިއާ އަށް ގެންގޮސްފައިވެ އެވެ. 

މިދިޔަ އޯގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ރެެއިން ފެށިގެން މިނިވަން ނިއުސްގެ ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލާގައި ހަަތަރު މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެ މީހުން ދޫކޮށްލާފައި ތިބި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ ފަހު މީހާ ދޫކޮށްލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު އެވެ.

ރިލްވާން ގެއްލުނު މައްސަލަޔާ ގޭންގުތަކާ ގުޅުން އޮތްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިން ވިދާޅުވެފައިވެ އެވެ. އެނގިފައިވާ ގޮތުގައި ރިލްވާން ގެއްލުނު މައްސަލާގައި ތުހުމަތުކުރެވޭ ބައެއް މީހުންނަކީ އަފްރާޝީމްގެ މަރުގެ މައްސަލާގައި ވެސް ތުހުމަތުކުރެވިފަައިވާ ބައެއް މީހުންނެވެ. އަދި އެ މީހުން ނިސްބަތްވަނީ ގޭންގަކަށެވެ.

ދެ ހާސް ބާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ އަފްރާޝީމް އަވަހަރާކޮށްލަން ހަމަލާ ދިންކަން ސާބިތުވެ ހ.ލޮބީ ހުސެން ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވާއިރު ހ.ހިކޯސްޓް އަލީ ޝާންގެ މައްޗަށް އެ މައްސަލާގައި ކުރި ދައުވާ ސާބިތު ނުވާ ކަމަށް ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފަ އެވެ. މި މައްސަލާގައި އިތުރު ހަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުުހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. ނަމަވެސް އެ މީހުންނާ އަފްރާޝީމްގެ މަރާ ގުޅުން އޮތީ ކިހިނެއް ކަމެއް ފުުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި، ސީރިއާ އަށް ގޮސްފައި ވަނީ މި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ސީރިއާ ސަރުކާރާ ދެކޮޅަށް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގާއިދާގެ އިތުރުން އެ ޖަމާއަތުގެ ދަށުން ހަރަކާތްތެރިވާ އެކި ޖަމާއަތްތަކުން ދަނީ ހަނގުރާމަ ކުރަމުންނެވެ. މި ޖަމާއަތްތަކުގެ ތެރެއިން ދިވެހިން ގުޅެމުން ދަނީ އަލްގާއިދާއާ ގުޅުން އޮންނަ ޖަބްހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރަންޓާ އެެވެ. އެ ޖަމާއަތާ އެކު ހަނގުރާމަކުރި ދިވެހިންގެ ތެރެއިން ބައެއް މީހުން މަރުވެ، ނުސްރާ އިން މީގެ ކުރިން އެކަން އިއުލާނުކޮށްފައިވެ އެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ދާހިލީ ހަނގުރާމައަކަށް ބަދަލުވެފައި ވާއިރު މިހާތަނަށް އެ ހަނގުރާމާގައި ވަނީ ދެ ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.