ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކްރޮސްރޯޑްއަށް އާންމުން ދިޔުން ބަންދުކޮށްފި

Mar 8, 2020
1

ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކްރޮސްރޯޑަށް އާންމުން ދިޔުން ބަންދުކޮށްފި އެވެ. ބަންދުކޮށްފައިވަނީ ކްރޮސްރޯޑްގެ މެރީނާ އެވެ.

ކްރޮސްރޯޑްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ފިޔަވަޅު އެޅީ އެ ތަނުގެ މުވައްޒަފުންނާއި ގެސްޓުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އެގޮތުން ބަންދު ކުރުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ފިޔަވަޅު އެޅީ ކްރޮސްރޯޑްއިން ކޮރޯނާގެ އެއްވެސް އަލާމާތެއް ފެނިގެނެއް ނޫނެވެ.

ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ ޅ. ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނެވެ. އެ މީހުން ވެސް ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އަދި އެ ރިސޯޓް މިހާރު އޮތީ މީހުން އަރާ ފޭބުން ވެސް މަނާކޮށްފަ އެވެ. އެ ރިސޯޓަށް އޮތީ އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ.

ކޮރޯނާއާ ގުޅިގެން ފަރުކޮޅުފުށީގެ އިތުރުން އާރަށާއި ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ވިލިވަރުގައި ވަނީ ކަރަންޓީނު ސެންޓަރެއް ގާއިމުކޮށްފަ އެވެ. ވިލުވަރުގައި ގާއިމް ކުރި އައިސޮލޭޝަން ފެސިލީޓީގައި 30 ކޮޓަރި ހުރެ އެވެ. އޭގެ ގެތެރެއިން 28 ކޮޓަރިއަކީ ސިންގަލް ރޫމެވެ. ދެން ހިމެނެނީ ޑަބަލް ރޫމްގެ ދެ ކޮޓަރި އެވެ.

މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އެހެންވެ ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އައުން ވެސް މަނާކޮށްފަ އެވެ. މިހާރު ރާއްޖޭގައި ތިބި އިޓަލީ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި ޗައިނާ އިން ވެސް މީހުން އައުން މަނާކޮށްފައިވެ އެވެ.