ފައިސަލް ނަސީމް

އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފި

އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމު ދެއްވައިފި އެވެ.

ކްރޮސް ރޯޑުގައި ރޭ ބޭއްވި އޯކާ މީޑިއާ ގްރޫޕުގެ ހަތް ވަނަ "ގޯލްޑް 100 ގާލާ" ހަފުލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް އަބަދު ވެސް ދޭ ކަމަށެވެ.

އިގުތިސާދު ކުރިއަރުވާ ވަޒީފާތައް އުފެއްދުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ ދައުރު ފާހަގަކުރައްވާ ނައިބު ރައީސް ފައިސަލް ވިދާޅުވީ ގައުމީ ތަރައްގީއާއި މުޖުތަމައުގެ ލާބަޔާ މަންފާއަށް އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔެއެއްގައި އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި އާ އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ އާ ވިޔަފާރިތަކާއި ދާއިރާތައް އުފައްދަންޖެހޭ ކަމަށެވެ. ކާމިޔާބީތައް ހޯދުމަށް ވިލުންތެރި މަސައްކަތްތެރިން ބިނާކުރުމަށް އިސްކަން ދިނުމަށް ކުންފުނިތައް ހިންގުމުގައި ޙަރަކާތްތެރިވާ އިސްވެރިންނަށް ނައިބު ރައީސް ފައިސަލް ގޮވާލެއްވި އެވެ.

މި ހަފުލާގައި "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި އޭޑީކޭ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަހުމަދު ނާޝިދަށް އެވޯޑް ޙަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ހަފުލާގައި މި ލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.