ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާއަށް ޕޮޒިޓިވްވި މީހުނާ ކޮންޓެކްޓްވި 173 މީހުން ފާހަގަ ކުރެވިފައިވޭ

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ރާއްޖޭން ފޮޒިޓިވްވި ދެ މީހުންނާ އެކި ގޮތް ގޮތުން ކޮންޓެކްޓް ވެފައި ތިބި ކަމަށް 173 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ވައިރަސްއަށް ޕޮޒިޓިވް ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނާ ކޮންޓެކްޓްވި 93 މީހަކު ތިބީ ރިސޯޓްގެ ކޮޓަރިތަކުގައި ކަރަންޓީނުކޮށްފައި ކަމަށެވެ. އޭގެ އިތުރަށް 80 މީހުން ތިބި ކަމަށް އަމީން ވިދާާޅުވި އެވެ. އެކަމަކު އެ މީހުން ތިބި ތަންތަނުގެ ތަފުސީލެއް ނުދެއްވަ އެވެ.

އަމީން އިތުރަށް ވިދާޅުވީ ވައިރަސްއަށް ޕޮޒިޓިވްވެފައި ތިބި ދެ މީހުނާ ކޮންޓެކްޓްވި ކަމަށް ފާހަގަ ކުރެވުނު މީހުން ބައެއް ރަށްތަކުގައި ތިބި ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ މީހުންނަށް މިނިސްޓްރީން ފާރަލަމުންދާ ކަމަށެވެ.

ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީއަކު ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާއިރު، ށ. ފޯކައިދޫގައި ހުރި އެ ރިސޯޓްގެ ދިވެހި މުވައްޒަފަކު ވެސް ވަނީ ވައިރަސްއަށް ޝައްކު ކުރެވިގެން ކރަންޓީނު ކުރަން ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ފަށާފަ އެވެ. އޭނާ ފޯކައިދޫއަށް ގޮސް ހުރީ ޗުއްޓީއަށެވެ. އެއީ އެ ރަށް ބަންދު ކުރުމުގެ ކުރިންނެވެ.

އަމީން މިއަދު ވިދާޅުވީ ފޯކައިދޫން ކަރަންޓީނަށް ގެންދާ ދިވެހި މީހާގެ ސާމްޕަލް ނަގައި ޓެސްޓްކޮށް މާދަމާގެ ވަގުތެއްގައި އޭނާގެ ޓެސްޓެގެ ނަތީޖާ ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސާމްޕަލް ނަގައި ޓެސްޓްގެ ނަތީޖާ ލިބިފައި ނުވާ ދެ މީހަކު ތިބިއިރު އެ ދެ މީހުންގެ ނަތީޖާ ވެސް މާދަމާގެ ވަގުތެއްގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފަކު ވައިރަސްއަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރިސޯޓް މިހާރު އޮތީ މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ. އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި ކޮންސްޓްރަކްޝަންގެ މަސައްކަތަށް ރިސޯޓަށް ގޮސް ތިބި މީހުނާއި ރިސޯޓުގެ މުވައްޒަފުން ހިމެނޭ ހެން އިތުރު 420 ބިދޭސީން އެބަތިއްބެވެ.

ކޮރޯނާއާ ގުޅިގެން ފަރުކޮޅުފުށީގެ އިތުރުން އާރަށާއި ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ވިލިވަރުގައި ވަނީ ކަރަންޓީނު ސެންޓަރެއް ގާއިމުކޮށްފަ އެވެ. ވިލުވަރުގައި ގާއިމް ކުރި އައިސޮލޭޝަން ފެސިލީޓީގައި 30 ކޮޓަރި ހުރެ އެވެ. އޭގެ ގެތެރެއިން 28 ކޮޓަރިއަކީ ސިންގަލް ރޫމެވެ. ދެން ހިމެނެނީ ޑަބަލް ރޫމްގެ ދެ ކޮޓަރި އެވެ.

މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އެހެންވެ ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އައުން ވެސް މަނާކޮށްފަ އެވެ. މިހާރު ރާއްޖޭގައި ތިބި އިޓަލީ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި ޗައިނާ އިން ވެސް މީހުން އައުން މަނާކޮށްފައިވެ އެވެ.