ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ޕޮޒިޓިވްވާ އަދަދާއި މަރުވާ އަދަދު އިތުރުވެދާނެ"

ކޮވިޑް-19 އިގެ ނުރައްކާ ރާއްޖެއަށް ކުޑަނުވާ ކަމަށާ އެ ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވީ މީހުންގެ އަދަދުވެސް ރާއްޖޭގައި އިތުރުވެގެން ދާނެތީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދޭން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިލްތިމާސް ކުރައްވައިފި އެވެ.

ކޮވިޑް ޖެހިގެން ފުރަތަމަ ފަހަރަށް ރާއްޖެއިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 83 އަހަރުގެ އައިމިނަތު އާދަމެވެ.

އެމީހާއަކީ ރާއްޖެއިން 126 ވަނަ އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވި ސާމްޕަލް ނަގާފައި ވަނިކޮށް މަރުވި މީހެކެވެ.

އެ މައުލޫމާތު ހާމަ ކުރުމަށް ބުދަ ދުވަހުގެ ރޭ މެންދަމު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯހަށްދާއިރު ކުރިއަށް އޮތްތާވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. އަދި ހާލު ބޮޑުވާ ބަލި މީހުންގެ އިތުރުވެ މަރުވާ މީހުންގެ އަދަދު ވެސް މަތިވެދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން ރާއްޖޭގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި އެތައްހާސް ބިދޭސީނެއްގެ ދިރިއުޅުން އޮތް ގޮތް ކަމަށެވެ. އަދި ދަތިތަންކޮޅުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެން ޖެހުމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"..ކޮވިޑް-19 އިގެ ސަބަބުން އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ. އަޅުގަނޑުމެންގެ ތެރެއިން ކްރިޓިކަލް ހާލަތަށް ވެސް ދާނެ، ކްރިޓިކަލް ފަރުވާގެ ތެރޭގައި މީހުން ދުނިޔެ ދޫކުރާ އަދަދު ވެސް މިއަށްވުރެ އިތުރު ވެގެން ހިނގައި ދާނެ. މި ހާލަތު މިއީ ހުރިހާ ގައުމެއްވެސް ތަޖުރިބާކޮށްފައިވާ ހާލަތެއް. އަޅުގަނޑުމެންނާ ވެސް މި ހާލަތު އަރާ ހަަމަކުރާނެ. އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ އަދި ކަންކަން ތަރުތީބު ކޮށްފައިމިވަނީ އަޅުގަނޑުމެންނަށް ކުރިމަތިވާ ދަތި ހާލަތުން އަރައިގަތުމުގެ މައްޗަށް." އަމީން ވިދާޅުވި އެވެ.

.ކޮވިޑް-19 ގެ ސަބަބުން އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ. އަޅުގަނޑުމެންގެ ތެރެއިން ކްރިޓިކަލް ހާލަތަށްވެސް ދާނެ، ކްރިޓިކަލް ފަރުވާގެ ތެރޭގައި މީހުން ދުނިޔެ ދޫކުރާ އަދަދުވެސް މިއަށްވުރެ އިތުރުވެގެންދާނެ. މި ހާލަތު މިއީ ހުރިހާ ގައުމެއްވެސް ތަޖުރިބާކޮށްފައިވާ ހާލަތެއް. އަޅުގަނޑުމެންނާވެސް މި ހާލަތު އަރާ ހަަމަކުރާނެ. އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ އަދި ކަންކަން ތަރުތީބު ކޮށްފައިމިވަނީ އަޅުގަނޑުމެންނަށް ކުރިމަތިވާ ދަތި ހާލަތުން އަރައިގަތުމުގެ މައްޗަށް
އަބްދުﷲ އަމީން | ހެލްތް މިނިސްޓަރު

އަމީން ވިދާޅުވީ ކޮވިޑް ފެތުރެން ފެށުމާއެކު ރާއްޖެއިން އެ ވަގުތަކަށް މުނާސަބު ވަރަށް ގިނަ ފިޔަވަޅުތައް ގެން ދިޔައީ އަޅަމުން ކަމަށެވެ. އެގޮތުން މާލެ ލޮކްޑައުން ކުރުމަށް ނިންމި ނިންމުމުގެ ނަތީޖާ ކޮންމެވެސް ވަރަކަށް ފެނިފައިވާ ކަމަށެވެ.

ނަމަވެސް ހަގީގީ ނަތީޖާތައް ފެނި، ޕޮޒިޓިވްވާ މީހުންގެ އަދަދު މަތި ކުރެވޭނީ ސިއްހީ މާހިރުން ދީފައިވާ ހުރިހާ އިރުޝާދުތަކަށް އެއްވެސް މީހަކު އިސްތިސްނާނެތި ބޯ ލަނބަލައިގެން ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

"އަދަދު އިތުރު ވެގެން ގޮސް އަޅުގަނޑުމެންގެ ސިސްޓަމަށް ނުކަތާ ހިސާބަށް ގޮސް ފިނަމަ، އޭގެ ސަބަބުން ކުރިމަތިވާނެ ދަތިތަކާއި ގޮންޖެހުންތައް އެއީ އަޅުގަނޑުމެން އެންމެންނަށް ވެސް ލަފާ ކުރެވި އެނގޭ ދަތިތަކެއް. އެހެންވީމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑުމެންގެ ވިސްނުން މިހުރީ އަޅުގަނޑުގެ ހާލަތު ގޯސްވެގެން ދާނެ ކަމަށް ވިސްނާ އެ ހާލަތުގައި މަސައްކަތް ކުރަންޖެހޭ ގޮތުގެ މައްޗަށް."

އަމީން ވިދާޅުވީ މި ވަގުތު އެންމެ އިސްކަން ދެނީ ވީހާވެސް ގިނަ ބައެއްގެ ސާމްޕަލްތައް ނެގުމަށް ކަމަށެވެ. އަދި ނެގޭ ސާމްޕަލްތަކުގެ ނަތީޖާތައް އަަވަހަށް ހޯދާ ބަލިޖެހޭ މީހުން އެކަހެރިކޮށް ފަރުވާ ދިނުމަށް ކަމަށެވެ. މިކަމަށް އެހީތެރިވުމަށް ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ވީހާވެސް އަވަހަށް ރިޕޯޓް ކުރުމަށް މިނިސްޓަރު ވަނީ އެދި ވަޑައިގެންފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތީ އަދިވެސް ދަތި އުނދަގޫ ދުވަސްކަމެއް ކަމަށެވެ.

"ގޭގައި ކަރަންޓީން ކުރަންޖެހޭ ހާލަތު އަޅުގަނޑުމެންނަށް އަންނާނެ. އެ ވަގުތު އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެކަން އަޅުގަނޑުމެން ކުރަން ޖެހޭނެ. އެހެންވީމަ އެކަމަށް ވިސްނުމުގެ ގޮތުންނާއި، ވަސީލަތުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެ ހާލަތު އަޅުގަނޑުމެންނާ ބައްދަލު ނުކޮށް ދިއުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް އުންމީދު." އަމީން ވިދާޅުވި އެވެ.

މިހާރު އޮތް ހާލަތުން އަރައިގަތުމަށް ކޮންމެ މީހެއްގެ ޒިންމާވެސް އެބައޮތް ކަމަށް އަމީން ވިދާޅުވި އެވެ. ހާއްސަކޮށް ގައިދުރު ކަމަށް ކޮންމެ މީހަކުވެސް އިސްކަން ދިނުމަށް ގޮވާލެއްވިއެވެ.

ޕޮޒިޓިވްވާ ބައެއް މީހުންގެ ކޮންޓެކްޓްރޭސިން ހަދާއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ބަޔަކާއި ބައްދަލްވެފައިވާ މީހުން އެބަތިބި ކަމަށާ އެހެން ވަނީ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯނުލަބާތީ ކަމަށް ވިދާޅުވި އެވެ. މިހާރުވެސް ބާޒާރުމަތިން ފެންނަނީ އެފަދަ ހިތްދަތި މަންޒަރުތަކެއް ކަަމަށްވެސް އަމީން ވިދާޅުވިއެވެ.

ރައްކާތެރިވެވޭނީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާއެއް ކަމުގައި ދެކި ފިޔަވަޅުތަކުގައި ހިފަހައްޓައިގެން ކަމަށާ ކުއްލިއަކަށް ޕީކަށް އަރައިިފިނަމަ ރޭވިފައިވާ ނިޒާމުގެ ތެރެއިން ފަރުވާ ނުދެވޭނެ ކަމަށް އަމީން ވިދާޅުވިއެވެ.