ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މަސްވެރިންގެ ފައިސާ އެކައުންޓަށް: ތާރީހީ ބަދަލެއް

May 9, 2020
2

މަސްވެރީން ތަރައްގީ ވެއްޖެ އެވެ. އޮޑި ފަހަރުން ބާނާ މަހުގެ އަދަދު އިތުރު ވެއްޖެ އެވެ. އޮޑި ފަހަރު ބޮޑުތިވެ، ޒަމާނީ އާލާތްތައް ހަރުކޮށްފި އެވެ. މި ހުރިހާ ބަދަލެއް އައިއިރު ވެސް، ދިވެހި މަސްވެރިކަމުގައި ބަދަލު ނުވާ ކަމެއް އެބައޮތެވެ. އެއީ މަސްވެރިން ބާނާ މަހަށް ފައިސާ ދޭ ގޮތެވެ. މަސްވެރިކަމުގެ ދިގު ތާރީހުގައި މިއަދާ ހަމައަށް ވެސް ފައިސާ ދެނީ ނަގުދު ފައިސާ އިންނެވެ. މިކަން ކުރަން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ކޮންމެ މަހަކު އެތައް ފަހަރު ހިންގަން ޖެހެނީ ނުރައްކާތެރި "މިޝަން" އެކެވެ.

ބޭންކުން ފައިސާ ނަގައިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވަން ކުރާ މި މަސައްކަތް ހިންގާއިރު އެ ކުންފުނީގެ ވެރިން ތާއަބަދު ތިބެން ޖެހެނީ ނޭވާ ހިފަހައްޓާލައިގެނެވެ. ހަމަނޭވާއެއް ލެވޭނީ މަސްވެރިންނަށް އެ ފައިސާ ލިބުނުކަން ޔަގީން ވުމުންނެވެ. މިގޮތަށް ފައިސާ ފޮނުވުމުގައި މީގެ ކުރިން އެތައް މިލިއަން ރުފިޔާއެއް ގެއްލި، ފޭރިފައި ވެސް އެބަހުއްޓެވެ.

ނަމަވެސް، ކޮވިޑް-19 އާއެކު ރާއްޖެއަށް އައި ބަދަލުތަކުގެ ތެރޭގައި އައި ބޮޑު އެއް ބަދަލަކަށް މިކަން ވެސް ވެއްޖެ އެވެ. މިހާރު މަސްވެރިން ތިބި ތަންތަނަށް ފައިސާ ގެންދިއުމުގެ ބަދަލުގައި ފައިސާ ދޭނީ އޮންލައިން ޓްރާންސްފާގެ ގޮތުގަ އެވެ.

"މިއީ ފާހަގަ ކޮށްލަން ޖެހޭ ހެޔޮ ބަދަލެއް. މިހާރު އަޅުގަނޑުމެން ފައިސާ ގެންދިއުމުގެ ބަދަލުގައި މަސްވެރިންގެ އެކައުންޓް ތަކަށް ފައިސާ ޖަމާ ކޮށްލަނީ. މިކަން މި ކުރަނީ މަސް ގަންނަ ތަންތަނުން ހިސާބުތައް ދިނީމަ އެއަށް ބަލާފައި، ހެޑް އޮފީހުން ބަލައި ވެރިފައި ކުރުމަށްފަހު،" ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި އެވެ.

މަސްވެރިންނަށް ފައިސާ ޓްރާންސްފާ ކުރަން ފެށުން ވެގެން ދަނީ، މަސްވެރިންގެ މަސައްކަތަށް ވެސް ލިބޭނެ ލުއި ފަސޭހަ އަކަށެވެ. ކުރިން އުފުލަން ޖެހުނު ތަކުލީފެއްގެ ނިމުން އައުމަށް މިކަަން ވާނެ އެވެ.

މަސްވެރިންނަށް އާއްމުކޮށް ފައިސާ ދެނީ ހަފުތާއަކު އެއް ފަހަރު އެވެ. ބައެއް ފަހަރު މަސްވެރިން މަސް ކިރުވާފައި ރަށަށް ގޮސްފަ ހަމައެކަނި ފައިސާ ބަލާ ދަތުރު ހަދައިގެން ދާން ޖެހޭ ފަހަރު ވެސް ދެއެވެ. ނަަމަވެސް މި ބަދަލާއެކު މަސްވެރިންނަށް އެ ބުރަ ކެނޑިގެން ދާނެ އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއެކު، ސިއްހީ މާހިރުން ވަނީ ނަގުދު ފައިސާގެ ބަދަލުގައި "ކޭޝް ލެސް" ޓްރާންސް ސެކްޝަންގެ ބޭނުން ހިފަން އެދި ވަޑައިގެންފަ އެވެ. ސަބަބަކީ ފައިސާއަކީ ގިނަ ބަޔަކު އަތްލައި އުޅޭ އެއްޗަކަށްވާތީ އެވެ. ފައިސާއިން ކޮވިޑުގެ ވައިރަސް ގައިން ގަޔަށް އެރުމުގެ ފުރުސަތު އޮންނާތީ އެވެ.

މިފްކޯގެ އެމްޑީ އިސްމާއިލް ވިދާޅުވި ގޮތުގައި މި ބަދަލަކީ އެޅުނު މުހިންމު ފިޔަވަޅެކެވެ.

"ރައްކާތެރިކަމުގެ ގޮތުން، ބެލިއަސް މިއީ ރަނގަޅު ފިޔަވަޅެއް. ހާއްސަކޮށް މިހާރުގެ ހާލަތަށް ބަލާނަމަ،" އިސްމާއިލް ވިދާޅުވި އެވެ.

މަސްވެރިންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރަން ބާރު އެޅުމުގެ ގޮތުން، ގައުމީ ބޭންކް (ބީއެމްއެލް) އިން މީގެ ކުރިން ވަނީ މަސްވެރިންނަށް ހާއްސަ ކާޑެއް ވެސް ތައާރަފުކޮށްފަ އެވެ. އެ ކާޑާއެކު ތައާރަފު ކޮށްފައިވާ "ޑިޖިޓަލް ވޮލެޓް" ނުވަތަ އޮންލައިން ޕޯޓަލްއެއް ހިމެނެ އެވެ. އެހެން އޮތުމުން އެ ނިޒާމު ބޭނުން ކޮށްގެން މޮބައިލް ޕޭގެ ހިދުމަތް ވެސް ހޯދެ އެވެ.

މި ހިދުމަތާއެކު ތައާރަފުކުރި މަސްވެރިންގެ ކާޑަކީ ވެސް ކޭޝް ކާޑު ގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ. މި ކާޑު މެދުވެރިކޮށް ޕީއޯއެސް މެދުވެރިކޮށް ތަކެތި ގަނެވޭނެ އެވެ. އަދި އޭޓީއެމްތަކާއި އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ އެވެ. ކާޑުން އޮންލައިން ވިޔަފާރިތަކަށް ފައިސާ ދެއްކޭއިރު، އޮޑިއަށް ތެލާއި އައިސް އަދި އެހެނިގެން ތަކެތި ގަތުމަށް ފަހު ޕީއޯއެސް މެދުވެރިކޮށް ފައިސާ ދައްކާ ލެވޭނެ އެވެ. ކާޑުގެ އަނެއް ފަސޭހައަކީ އެއީ "ރީޗާޖު" ކޮށްލެވޭނެ އެއްޗަކަށް ވުމެވެ.

އަދި އެއީ ރާއްޖޭން ބޭރުގައި ވެސް ފަސޭހަ ކަމާއެކު ބޭނުން ކޮށްލެވޭނެ ކާޑެކެވެ. މަސްވެރިޔާ ރާއްޖޭން ބޭރަށް ގޮސް ޕީއޯއެސް އާއި ކޭޝް ކާޑުން ފައިސާ ދައްކާލެވޭނެ އެވެ. މިހާރު މަސްވެރިންނަށް އޮތީ މި ކާޑު ވީހާ ވެސް ގިނަ އިން ބޭނުން ކުރުމެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި މަސްވެރިޔާ ކާޑް، އަށް ދޯންޏަކުން ބޭނުންކުރެ އެވެ. ކޮވިޑް-19 އާ ގުޅިގެން ފައިސާ ޖަމާ ކުރަނީ ރަސްމީކޮށް އެ ކުންފުންޏަށް ސިޓީއަކުން އެންގުމުން އެކައުންޓު ތަކެއް ރަޖިސްޓްރީ ކުރުމަށްފަހު އެކައުންޓް ތަކަށް ޖަމާކޮށް ދީގެނެވެ.

"މި ކާޑުގެ ބޭނުން ކުރާ އަށް ދޯނި މިހާރު އެބަ އޮތް. އެހެން ދޯނި ފަހަރު ވެސް މި ކާޑަށް ހުށަހަޅާފައި ވެސް އެބަހުރި. ބޭންކްއާ ގުޅިގެން މި ދަނީ މި ކާޑުތައް ވެސް އެކްޓިވް ކުރަން މަސައްކަތް ކުރަމުން. ކާޑު އެކްޓިވް ނުވި ނަމަވެސް މިހާރު ފައިސާ ފޮނުވަމުން މިދަނީ އޮންލައިންކޮށް،" އިސްމާއިލް ވިދާޅުވި އެވެ.

މަސްވެރިންނަށް ފައިސާ ދެމުން ގެންގޮސްފައި ވަނީ ޒަމާނުއްސުރެ ނަގުދު ފައިސާ އިންނެވެ. ނަމަވެސް އޮންލައިން ޓްރާންސްފާ ކުރަން ފެށުމަކީ މަސްވެރިކަމަށް ވެސް ލިބުނު ކުރި އެރުމެކެވެ.