ދުނިޔެ

ސައުދީ ޝާހީ އާއިލާގެ އިތުރު މެންބަރުން ހައްޔަރު ކުރިކަމުގެ ތުހުމަތު

Mar 9, 2020

ރިޔާދު (މާޗް 9) - ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތް އިތުރު މެންބަރުންތަކެއް ހައްޔަރު ކުރަމުންދާ ކަމުގައި ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފި އެވެ.

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާ ދެކޮޅަށް ބަޣާވާތެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު ޝާހީ އާއިލާގެ އިސް ތިން މެންބަރަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައި ވަނީ ސަލްމާން ރަސްގެފާނުގެ ކޮއްކޯފުޅު ޕްރިންސް އަހުމަދު ބިން އަބްދުލް އަޒީޒާއި މުހައްމަދު ބިން ނާއިފު އާއި އޭނާގެ ކޮއްކޯފުޅު ނަވާފް ބިން ނާއިފު އެވެ. މީގެ ތެރެއިން މުހައްމަދު ބިން ނާއިފަކީ ކުރީގެ ވަލީ އަހުދެވެ.

ނަމަވެސް، ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ ތިން މެންބަރުންނަށް އެހީތެރިވެދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިންޓީރިއާ މިނިސްޓްރީގެ އިތުރުން އަސްކަރިއްޔާ އެތަކެއް އިސް އޮފިޝަލުންނާއި، އޮފިސަރުން ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.

އެހެނަސް، ސައުދީ ސަރުކާރުން އެކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.