ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"އެމްވީކްރައިސިސް" މައްސަލާގައި ޝުމްބާގެ ފޯނު އަތުލައިފި

Mar 10, 2020
2

"އެމްވީ ކްރައިސިސް"ގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް ގުރޫޕެއްގައި ދައުލަތުގެ ސިއްރު މައުލޫމާތުތައް ހާމަ ކުރަމުންދާ ކަމުގެ ތުހުމަތުގައި އަހުމަދު އަޝްރަފު، މަޝްހޫރު ނަމުންނަމަ ޝުންބާ ގޮންގްގެ ފޯނުތައް ފުލުހުން އަތުލައިފި އެވެ.

ކުރިމިނަލް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނުތައް އަތުލާފައިވަނީ މިރޭ، ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުން ނިންމައި އޭނާ ބޭރަށް ނުކުތް ވަގުތު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށެވެ.

ކޯޓުގައި އަމުރުގައިވާ ގޮތުން އެމްވީ ކްރައިސިސް ހިންގާ މީހާ ކަމަށް ތުހުމަތު ކުރެވެނީ ޝުމްބާއަށެވެ. އެ ތުހުމަތަށް ހެކި ލިބެނީ އޭގައި ކޮށްފައިވާ ޕޯސްޓްތަކުންނާއި އިންޓެލް ރިޕޯޓުން ކަމަށް އަމުރުގައިވެ އެވެ.

ކޯޓުގެ އަމުރުގެ ދަށުން ޝުމްބާ ބޭނުން ކުރާ ފޯނުތަކާއި ސިމްކާޑްތަކާއި މެމޮރީކާޑްތަކާއި އޭގައި ހުރި ހުރިހާ ޑޭޓާއަކާއި ހުރިހާ މުއާމަލާތްތަކެއް ހޯދުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ.

އެމްވީ ކްރައިސިސްގެ ނަމުގައި ޓެލެގްރާމްގައި ހިންގާ ގުރޫޕަކީ މާލެއަށް ފެނުގެ ކާރިސާ ދިމާވިއިރު ހިންގަން ފެށި ގުރޫޕެކެވެ. އެ ގުރޫޕަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ފްލޯކުރާ ޓެލެގްރާމް ގުރޫޕެވެ. އެ ގުރޫޕްގައި އަބަދުވެސް އެކި ކަންކަމުގެ އަޕްޑޭޓްތައްދީ އެކި ތުހުމަތުތައް ކުރެ އެވެ.

މިހާރު އެމްވީކްރައިސިސް ގުރޫޕްގައި ކޮރޯނާ ވައިރަސްއާ ގުޅޭ ތަފާތު ވާހަކަތަކުގެ ޕޯސްޓްތައް ދަނީ ކުރަމުންނެވެ. ބައެއް މައުލޫމާތުތައް ސަރުކާރުން ހާމަ ކުރުމުގެ ކުރިން އެ ގުރޫޕްގައި ޕޯސްޓުކުރެ އެވެ.