ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އޭޓީއެމް ފެއާ ވެސް ފަސްކޮށްފި

Mar 10, 2020

ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބިރަށް އެރޭބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފަސްކޮށްފި އެވެ.

މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އޭޓީއެމް މި އަހަރު ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 6 އިން 8 ގެ ނިޔަލަށް ދުބާއީގަ އެވެ.

އޭޓީއެމް ފަސް ކުރިކަން އަންގައި ފެއާ އިންތިޒާމު ފަރާތުން މިހާރު ވަނީ އޭޓީއެމް ފެއާ ފަސް ކުރިކަން ރާއްޖެއަށް ވެސް އަންގާފަ އެވެ. އަދި މިހާރު މި ފެއާ ބާއްވަން ނިންމާފައިވަނީ ޖުލައި މަހު އެވެ.

އޭޓީއެމް ފެއާ ފަސް ކުރިއިރު ފެއާ އިންތިޒާމު ކުރާ ޔޫއޭއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 45 މީހުން ވަނީ މިހާތަނަށް ފެނިފަ އެވެ.

މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އޭޓީއެމްއަކީ ރާއްޖެއަށް މުހިންމު ފެއާއެކެވެ. ސަބަބަކީ މެދުއިރުމައްޗަކީ ރާއްޖޭގެ ޓޫރިޒަމަށް މުުހިންމު މާކެޓަކަށް ވުމެވެ. ކޮންމެ އަހަރަކު ވެސް އޭޓީއެމް ފެއާގައި ރާއްޖެއިން ގިނަ އަދަދެއްގެ ކުންފުނިތައް ބައިވެރިވެ އެވެ.

އޭޓީއެމް ފެއާ ފަސް ކުރިއިރު، ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ބާލިން ވެސް މި އަހަރު ނުބާއްވަން ފެއާ އިންތިޒާމުކުރާ ފަރާތުން ވަނީ ނިންމާފަ އެވެ.

އޭޓީއެމް ފެއާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ފައިދާތަކެއް ކުރެ އެވެ. އަދި މެދުއިރުމަތި ވެފައިވަނީ ރާއްޖޭގެ ޓޫރިޒަމަށް އެންމެ ޕޮޓެންޝަލް އޮތް އެއް ހިސާބަށެވެ. މެދުއިރުމަތިން މިދިޔަ ޖެނުއަރީ މަހު 7,297 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ.