ބޮލީވުޑް

ކޮރޯނާވައިރަހާއެކު ފިލްމުތައް ނެރުން ލަސްކޮށްފާނެ!

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔެއަށް ބޮޑު ބިރުވެރި ކަމެއް ފެތުރިފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ ބޮކްސް އޮފީހަށް ވެސް މީގެ ނޭދެވޭ އަސަރުތައް ވަނީ ކުރަން ފަށާފަ އެވެ. މިދިޔަ ހަފުތާގައި ރިލީޒްކުރި "ބާޣީ 3" އަށް ވެސް އުންމީދު ކުރި ވަރުގެ ވިޔަފާރިއެއް ނުވާ ކަމަށް އިންޑަސްޓްރީގެ މީހުން ބުނެ އެވެ. އެހެންވެ މި މަހުގެ ތެރޭގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އާއި ރަންވީރު ސިންގުގެ "83" ރިލީޒް ކުރުން ލަސް ކުރުމުގެ ޚިޔާލެއް އެ ފިލްމު އުފެއްދި ފަރާތްތަކުން ގެންގުޅޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެ އެވެ.

ސަބަބަކީ ކޮރާނާވައިރަސް ދެކެ ގަންނަ ބިރުން ސިނަމާތަކަށް ދާން ގިނަ ބަޔަކު ބޭނުން ނުވާތީ ފިލްމުތައް އަޅުވައިފިނަމަ ފިލްމަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިދާނެތީ އެވެ.

އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި "ސޫރިޔަވަންޝީ" އާއި "83"ގެ ޕްރޮޑިއުސަރުން ކަމަށްވާ ރިލަޔަންސް އެންޓަޓައިންމަންޓުން މި ދެ ފިލްމު ރިލީޒްކުރާ ތާރީޚު ލަސްކުރަން މިހާރު ދަނީ ފިލްމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ. "ސޫރިޔަވަންޝީ" ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީޚަކީ މިމަހުގެ 24 ވަނަ ދުވަހެވެ. އަދި "83" ރިލީޒްކުރަން ހަމަޖައްސާފައި އޮތީ އަންނަ އެޕްރީލް 10 ވަނަ ދުވަހު އެވެ.

މިހާރު ވިސްނަމުންދަނީ "83" ރިލީޒް ކުރަން އޮތް ތާރީޚަށް "ސޫރިޔަވަންޝީ" ރިލީޒް ކުރުން ފަސް ކޮށްލުމަށެވެ. އެގޮތަށް ހަމަޖެހިއްޖެނަމަ "ސޫރިޔަވަންޝީ" ރިލީޒް ކުރާނީ މާޗް 24 ގައެވެ. އަދި "83" ރިލިޒްކުރުން މޭ 29 އަށް ބަދަލުކުރަން ދަނީ މަޝްވަރާ ކުރަމުންނެވެ. މިގޮތަށް ތާރީޚުތައް ބަދަލު ކޮށްފިނަމަ "83" ރިލީޒް ކުރާތާ ހަފުތާއެއް ފަހުން ސަލްމާން ޚާންގެ "ރާދޭ" ރިލީޒް ކުރާނެ އެވެ. އަދި މިއީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ހަނގުރާމައެއް ކުރިމަތި ވެދާނެ ކަމެކެވެ.

ސަލްމާންގެ "ރާދޭ" އާއެކު އަކްޝޭ ކުމާރުގެ "ލަކްޝްމީ ބޮމް" އާއި ހޮލީވުޑް ފިލްމު "ފާސްޓް އެންޑް ފިއުރިއަސް 9" ވެސް ރިލީޒް ކުރަން ހަމަޖެހިފައި ވާތީ އެ ދުވަސްވަރު ބޮލީވުޑްގެ ފިލްމުތަކުގެ ހަނގުރާމަ ވަރަށް ހޫނު ވެދާނެކަމަށް ބެލެވެ އެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން މިމަހު ރިލީޒްވާން ހުރި ފިލްމުތައް ރިލީޒްކުރުމަށް ޕްރޮޑިއުސަރުން ބިރު ގަންނަނީ ޓައިގާ ޝްރޮފްގެ "ބާޣީ 3"ގެ ބޮކްސް އޮފީސް ނަތީޖާ ދައްކަމުންދާ ގޮތުންނެވެ.

ނަމަވެސް ޓްރޭޑް އެނަލިސްޓުން ބުނެފައިވަނީ "ބާޣީ 3"ގެ ހޮނިހިރު ދުވަހުގެ ކަލެކްޝަން ތަންކޮޅެއް ދަށްވި ނަމަވެސް އާދިއްތަ ދުވަހުގެ ވިޔަފާރި ރަނގަޅު ކަމަށެވެ.

"ބާޣީ 3" އަށް ފުރަތަމަ ދުވަހު 17.50 ކްރޯޑު ލިބިފައި ވެއެވެ. މިއީ މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފެށުމެއް ލިބުނު ފިލްމަށް ވަނީ ވެފަ އެވެ. ގިނަ ބަޔަކު ބިރުގަތީ މި ފިލްމުގެ ދެ ވަނަ ދުވަހުގެ ކަލެކްޝަން 16.03 ކްރޯޑަށް ދަށްވީމަ އެވެ. ނަމަވެސް ތިން ވަނަ ދުވަހު އަނެއްކާވެސް ފިލްމުގެ ވިޔަފާރި ރަނގަޅުވެ 20.30 ކްރޯޑު ލިބިފައި ވެއެވެ. އެހެންވީމާ މި ފިލްމުގެ ވިޔަފާރިއަށް ބަލާފައި ކުރިޔަށް ހުރި ފިލްމުތައް ރިލީޒް ކުރުން ފަސްކުރަން ކޮންމެހެން ނުޖެހޭނެ ކަމަށް ފިލްމީ ވިޔަފާރިތައް ދިރާސާ ފަރާތްތަކުން ބުނެ އެވެ. ތިން ދުވަސް ތެރޭ 53.83 ކްރޯޑު "ބާޣީ 3" އަށް ލިބިފައިވާއިރު ކުރިޔަށް އޮތް ހޯމަ އަދި އަންގާރަ ދުވަހަކީ ވެސް އިންޑިއާ އަށް ބަންދު ދުވަސްތަކަށް ވާތީ މި ދެ ދުވަހު ވެސް ގިނަ އަދަދެއްގެ ބަޔަކު ފިލްމު ބަލަން ވަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.