އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެ ދުވަހަށް ބާއްވަން ތާއީދު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަވައިފި އެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ރާއްޖޭން ފެނުމާ ގުޅިގެން ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުންގެ ބައެއް މީހުން ދަނީ އިންތިހާބު ފަސް ކުރުމަށް އެދެމުންނެވެ. މި ގޮތުން މަޖިލީހުގައި ތިއްބެވި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ މެންބަރުންނާއި ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ އިންތިހާބު ފަސް ކުރަން ގޮވާލައްވާފަ އެވެ.
ކައުންސިލް އިންތިހާބުގެ ވޯޓު ބާތިލުވާ ގޮތް ބަދަލު ކުރަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިންތިހާބު ފަސް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ އިންތިހާބު އޮންނަން ޖެހޭ ދުވަހަށް އިންތިހާބު ބާއްވަން ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ އިންތިހާބު ބާއްވަން ޖެހޭ ތާރީހަށް ނުބާއްވައިފިނަމަ ގައުމަށް ހަމަޖެހުން ލިބެން ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމަކީ ޑިމޮކްރެޓިކް އިންތިހާބުތައް ފަސް ކުރުމެވެ.
ހަސަންޓޭ ވިދާޅުވީ ރާއްޖެ މި ވަގުތު އޮތް ހާލަތަށް ބަލާއިރު އިންތިހާބު ފަސް ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އިންތިހާބު އޮންނަން ޖެހޭ ތާރީހަށް ބާއްވާ އިންތިހާބުގެ ކަންކަން ނިންމަން ގޮވާލާއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު މި ގައުމުގައި މި އޮތް ހާލަތަށް ބަލާއިރު އިންތިހާބު ފަސް ކުރަން ޖެހޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ކުރިއަށް ގޮސް މި އިންތިހާބު ނިންމާފައި އަޅުގަނޑުމެން މި ގައުމަށް ހަމަޖެހުން ގެނެސް ގައުމުގެ ތަރައްގީއައިގެން ކުރިއަށް ދާންވީ، އެ ގޮތަށް ކަންކުރަން އަޅުގަނޑު ގޮވާލަން،" ހަސަންޓޭ ވިދާޅުވި އެވެ.
ރާއްޖޭން ވެސް ފެނިފައިވާ ކޮރޯނާ ވައިރަސްގެ ބައްޔާ ގުޅޭ ގޮތުް އޭނާ ވިދާޅުވީ އެ ކަން ރައްކާތެރި ވުމަށް ޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފައާއި އިރުޝާދުގެ މަތިން ކުރިއަށް ދިއުމުން ކަންކަން ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވެސް އިންތިހާބު އޮންނަން ޖެހޭ ތާރީހަށް ބާއްވައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކުރަން ޖެހޭ ކަމަށެވެ. އިންތިހާބު ލަސްކުރަން އިިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަމަށާއި އެކަމަކު އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
"އިންތިހާބު ފަސްކުރުމަކީ އޭގެ ސަބަބުން މުޅި ގައުމަށް އޭގެ ނުރައްކާތެރިކަން ކުރިމަތިވާނެ ކަމެއް، މި ބަލިމަޑުކަން އިތުރަށް ފެތުރެން ދިމާވާނެ އެއް ސަބަބު،" ޝިޔާން ވިދާޅުވި އެވެ.
ޝިޔާން އިތުރަށް ވިދާޅުވީ އަލަށް އިންތިހާބުވާ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ކޮމިޓީގެ މެންބަރުންނާ ގުޅިގެން ކޮރޯނާ ވައިރަސްއަށް އާންމުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމު މެދުވެރިކޮށް މަސައްކަތް ކުރާނަމަ އެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މުޅި ގައުމު ހުއްޓައިގެން މިކަން ވާކަށެއް ނެތް. މުޅި ގައުމު ހުއްޓައިފިއްޔާ މާނައަކީ މުޅި ގައުމު ބަނޑަށް ޖެހުނީ. ބަންދުކޮށްގެން މި ގައުމެއް ނުހިންގޭނެ،" ޝިޔާން ވިދާޅުވި އެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ބިލަށް ބަހުސް ކުރައްވަމުން އެންމެ ފުރަތަމަ ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އޭޕްރީލް ހަތަރުވަނަ ދުވަހު ބޭއްވުމަށް ގޮވާލެއްވި އެވެ. ގައުމަށް އޮތް ރަނގަޅު ގޮތަކީ އިންތިހާބު ލަސްނުކޮށް އެ އޮތް މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށްތަކުގެ ހިންގުން ގާނޫނީ ހުސް ކަމުގެ ތެރެއަށް ދިއުމަކީ އެއީ މި ރާއްޖެއަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތެއް ނޫން. އިންތިހާބު ލަސްނުކޮށް ބާއްވަން ޖެހޭ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ބަލިމަޑުކަން ފެތުރުން ފަދަ ކަންކަން ދިމާވާނެ ކަމަށާއި އޭގައި އޮންނާނެ ގޮތަކީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ތިބުން ކަމަށެވެ. ގައުމުގެ ކަންކަން ހުއްޓާލައިގެން ތިބެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.