(8 މާރިޗު 2020 އާ ގުޅޭ)
ހޭޒަލް ބުނަން ބޭނުންވެ ނުބުނެވިގެން އުޅެނީ ކީކޭކަން ދާރިއަން ހާމަކުރިއެވެ. އެ ދެ ލޮލަށް ބަލަން އިނދެ އެބަހުގެ ޔަގީންކަން ހޭޒަލްގެ ހިތާއި ޟަމީރު ޤަބޫލުކުރިއެވެ.
ގެއަށް އައިސް ހޭޒަލް ވަން އިރު އިރުއޮއްސިއްޖެއެވެ. ކައިރީގައި ހުންނަ މިސްކިތުން މަޢްރިބު ނަމާދަށް ބަންގި ގޮވާއަޑު ގޭތެރެއަށް ވެސް އިވިއިވި ހުއްޓެވެ. ސިޓިންރޫމަށް ސާއިރާ އެ ނިކުތީ ތިންވަނަ ފަހަރަށެވެ. ހޭޒަލް ގެއަށް ނާންނާތީ އެކަމުގެ ޚިޔާލުގައި ހުރެއެވެ. ގޭތެރެއަށް ވަދެގެން އަންނަ ހޭޒަލް ފެނުނީ އެވަގުތެވެ. ވަގުތުން ސާއިރާގެ މޫނުން ހިނިތުންފާޅުވެއްޖެއެވެ. ދަރިފުޅު ބަދަލުކޮށްލި ހިނިތުންވުން ފެނިފައި ވާހަކަދެއްކުން މުހިންމު ކަމުގައި ސާއިރާ ނުދެކުނެވެ. ދަރިފުޅަށް ހިނިތުންވެލާފައި އޭނާ ވެސް އެނބުރި ކޮޓަރިއަށް ދިޔައީއެވެ.
* * * * *
ކައިވެނި ކުރާ ވަގުތެއްކަމުގައި ކަނޑައެޅިފައި އޮތީ ރޭގަނޑުގެ ވަގުތެވެ. މާލޭގެ މަޝްހޫރު ހޮޓަލެއްގެ ބޮޑު ހޯލުގައެވެ. ވަލީމާ ބޭއްވުމަށް ތައްޔާރުކޮށްފައި އޮތް ހޯލުގެ އެތެރެ ޒީނަތްތެރި ކޮށް ވަނީ ނިމިފައެވެ. މުޅިތަނުން ފެންނަނީ ކަޅުކުލައާއި އަޅިކުލައާއި ހުދުގެ އިތުރުން ރަންކުލައާ ގުޅޭ ކުލަތަކެވެ. ގިނަ އަދަދަކަށް މައު ބޭނުންކޮށްފައި ވެއެވެ. ހިނގާއުޅުމަށް އުޅުމަށް ދަތިނުވާނޭހެން ވަށް މޭޒުތައް ހޯލުތެރޭގެ އެކި ދިމާގައި އަތުރާފައި ހުއްޓެވެ. ކޮންމެ މޭޒެއްގެ ކައިރީ ހަ މީހުންނަށް ތިބެވޭނޭހެންނެވެ. ވަލީމާގައި މެހެމާނުންނަށް މަރުޙަބާ ކިޔުމަށް ދެމަފިރިން ހުއްޓި ތިބޭނޭ އިސްޓޭޖު ވެސް ހުރީ މޭޒުތަކުގައި ތިބޭ މީހުންނަށް ފެންނާނޭ ގޮތަށް ތައްޔާރުކުރެވިފައެވެ.
އިރުއޮއްސުނުއިރު ސާއިރާގެ އެކުވެރިޔެއްގެ ސްޕޮންސާގެ ދަށުން މާލޭގެ މަޝްހޫރު ސެލޫނަކުން އަންހެން ކުދި ބަޔަކު އެ ގެއަށް އައެވެ. މޭކަޕާއި ބުރުގާތައް އެޅުމުގައި އެކުދީން އެހީތެރިވިއެވެ. ޒީނަތްތެރިވުމުގެ ހުރިހާކަމެއް ނިންމާލެވުނީ އިޝާ ނަމާދުގެ ފަހުގައެވެ.
"ޒެއްލު..." އުނގުގައި ބާއްވާފައި އޮތް ހޭޒަލްގެ ދެއަތުގައި ހުރި މަޑު ތުރުތުރުލުން ސާއިރާއަށް ފާހަގަވީއެވެ. އެ ދަރިފުޅުގެ ނަޒަރު ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ހުއްޓިފައި ހުރިއިރު ތުންތަޅުވަމުންދިޔައެވެ. އޭރު އެމީހުން ތިބީ ކާރުގައެވެ. ވަލީމާ އޮތް ހޮޓެލަށް ދިއުމުގެ މަގުމަތީގައެވެ.
"ކިހިނެއްވީ؟" ހޭޒަލް ބަލާލުމުން ސާއިރާ އަހާލިއެވެ. ދަރިފުޅުގެ ކަނާއަތްތިލަ ނަގައި ސާއިރާގެ ދެއަތުގެ ތެރޭ ހިފަހައްޓާލިއެވެ.
"ކަމެއްނުވޭ" ހޭޒަލް ހިނިތުންވެލިއެވެ.
"އަދިވެސް ހާސްވެފަ ދޯ... ކޮންކަމަކަށްތަ ތިއެދެނީ، މަންމައަށް އެނގޭ ދަރިފުޅު އެއްޗެކޭ އެބަކިޔާކަން" އަތުތެރޭ އޮތް ހޭޒަލްގެ އަތްތިލައިގައި ސާއިރާ ފިރުމާލިއެވެ.
"އަޅުގަނޑުގެ ކަންކަން އަޅުގަނޑަށް ފަސޭހަކޮށްދެއްވުމަށް... އަލަށް މީހަކާ އިންއިރު މިހާ ތައްޔާރީތަކެއްނުވޭ" މަންމަގެ ކޮނޑުގައި މަޑުމަޑުން ބޯޖައްސާލަމުން ހޭޒަލް ބުންޏެވެ. ސާއިރާއަށް ވިސްނުނެވެ. ހިނިތުންވެލުމާއެކު އޭނާ ހިމޭންވިއެވެ. ނަމަވެސް ދަރިފުޅުގެ ހާސްކަން ކުޑަވޭތޯ އެ އަތުގައި ފިރުމާދިނެވެ.
* * * * *
ކައިވެނި ކޮށްދޭ ވަގުތު ބައިވެރިވާ މީހުން ހޯލުތެރެއަށް ޖަމާވަމުންދިޔައެވެ. އެކަމަށް ޚާއްޞަ ކުރެވިފައި ހުރި ދިގު މޭޒުގެ ކައިރީ ދާރިއަން ހުއްޓިލައިގެން ހުއްޓެވެ. އަޅިކުލައިގެ ސްލިމްފިޓް ސޫޓުގައި އޭނާގެ ހަށިގަނޑު ފެންނަލެއް ވަކިން ސީދާއެވެ. ޖީބުގައި ޝިފޯން ޗޮކުލެޓުކުލައިގެ ރުމާކޮޅުގެ ކަން ފެންނަ ގޮތަށް ޖަހާފައި ހުއްޓެވެ. އަޅާފައި ހުރި ހިމަ ޓައީ ވެސް ހުރީ ހަމަ އެކުލައިންނެވެ. އެއާ ގުޅުވައި އަރާފައި ހުރީ ޗޮކުލެޓު ކުލައިގެ ބޫޓަކަށެވެ. ޙަފުލާއާ ގުޅޭ ކުޑަ މާކޯޅިއެއް ޖެކެޓުގައި ހަރުކޮށްލެވިފައި ވެއެވެ. އޭނާގެ ހިނދި ބަނޑުގައި އަތްޖައްސާލެވުނީ ހިތްއަވަސްވެފައި ހުރިވަރުންނެވެ. އެ ދެ ލޯ ހުއްޓިފައި ހުރީ ހޯލުގެ ދޮރާ ދިމާއަށެވެ. އެ ދޮރުން ހޭޒަލް ވަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. އައިކު އައިސް ހޭޒަލްމެން އެ ހޮޓެލަށް އަތުވެއްޖެޔޭ ބުނީއްސުރެ ދާރިއަންގެ ސަމާލުކަންވަނީ އެ ދޮރަށް ހުއްޓިފައެވެ.
ދާރިއަން ލާލާ ހުރި ނޭވާ ހުއްޓުމަކަށް އައެވެ. ސާއިރާއާ ދާދި ގާތުގައި ހުރެ ހޭޒަލް ވަދެގެން އައެވެ. އަޅާލާ ކޮންމެ ފިޔަވަޅަކާއެކު އެ ހުދު ދިގު ހެދުމުގެ ފަސްބައި ދަށުން ހޭޒަލްގެ ބޫޓު ފެންނަނީ ކިރިޔާއެވެ. ދޫކޮށް ހުރި އެ ކައިވެނި ހެދުމުގައި ހޭޒަލްގެ ފުރިހަމަކަން ދުލަކުން ބަޔާނެއް ނުވާނޭކަން އެނގި ދާރިއަންއަށް ހީނލެވުނެވެ. ކަރުދޮށުން ފެށިގެން ދެކޮނޑާއި މޭމަތީގެ ބައެއް ރަންފަށުވީގެ މަސައްކަތުން ފަޅުފިލާލެވިފައި ވެއެވެ. ހެދުމުގެ ވަކި ހިސާބަކުން ފަސްބަޔާއެކު ވެސް ފަށުވީގެ މަސައްކަތްތައް ފެންނަން ހުއްޓެވެ. އެންމެންގެ ތެރެއިން ހޭޒަލްއާއި ސާއިރާ ފުރަތަމަ ގާތްވެލީ އިބާއެވެ. މަންމަގެ ހަރަކާތްތައް ހުރިގޮތުން މަންމައަށް ވެސް ހޭޒަލްގެ ރީތިކަން ފާހަގަވެއްޖެކަން ދާރިއަންއަށް އެނގުނެވެ. ހިތަށް ލިބުނު އުފާވެރިކަމުން ހިނިތުންވުން ފުޅާވެލިއެވެ. އެހެންނަމަވެސް ތިރީތުންފަތުގައި ދަތްއަޅާލައި ދާރިއަން އެ ހިނިތުންވުން ހުއްޓުވަން މަސައްކަތްކޮށްލިއެވެ.
އަށެއް ޖެހިއިރު މޭޒުދޮށުގައި އެންމެން ހަމަވެއްޖެއެވެ. ކައިވެނީގެ ކަންކަން ފެށިއްޖެއެވެ. ލޮލުގެ ހިމަކޮޅުން އިރުއިރުކޮޅާ ހޭޒަލްއާ ދިމާއަށް ދާރިއަންއަށް ބަލާލެވެއެވެ. އިސްޖަހާލި ގޮތަށް ހޭޒަލް އިނީއެވެ. އެހެންވިޔަސް ޤާޟީ ދައްކާ ވާހަކަ އޭނާ އަޑުއަހައެވެ. އެ ވާހަކަތަކަކީ އޭނާއަށް އާ ވާހަކަތަކެއް ނޫނެވެ. ގިނައިރެއްނުވެ އަނބި ޤަބޫލުކޮށްފިންކަން ދާރިއަން ބުނެލި އަޑު ސާފުކޮށް ހޭޒަލްއަށް އިވުނެވެ. ރީތި ގޮތަކަށް ފްރޭމް ކުރެވިފައިވާ ހޭޒަލްގެ ކައިވެނީގެ ރަން ދާރިއަން ހަވާލުކުރިއެވެ. ތިން ދިމާލަކުން ބަހައްޓާފައި ހުރި ސްޓޭންޑުތަކުގެ ކެމެރާތަކުން އެ މޭޒުދޮށުގައި ހިނގަމުންދާ ހުރިހާކަމެއް ރިކޯޑުވަމުންދިޔައެވެ. އެންމެންގެ މޫނުން އުފާވެރިކަން ފާޅުވިއެވެ. އިބާއާއި ސާއިރާއަށް އުފަލުން ބައްދާލެވުނެވެ. އެ މޭޒުދޮށުގައި އިން ހުޒާމްއަށް ދަރިފުޅުގެ އެއްވެސް ސަމާލުކަމެއް ނުލިބުނެވެ. އެހެންނަމަވެސް ރިޒްވާނު އޭނާއާމެދު ބެހެއްޓި ގާތްކަން ހުޒާމް ހަނދާންނުނެތޭނެއެވެ. އޭނާ ދޫކޮށްލާފައި ދިޔަ ދެ ދަރީން ޒުވާނުންނަށްވެފައި ތިބިއިރު ފެންނަނީ އަޙުލާޤު ރަނގަޅު ހަރުދަނާ ކުދިބައެއްގެ ގޮތުގައެވެ. ސާއިރާ ވެސް ފެންނަނީ އުފަލުން ހުރިތަނެވެ. ހޭޒަލްއާއި ދާރިއަންއާ ހުޒާމް ސަލާމްކޮށްލިއެވެ. ކައިވެނީގެ ތަހުނިޔާކިޔެވެ. އޭނާ އެތަނުގައި ހުންނާކަށް ގަސްދެއްނުކުރިއެވެ. ޚުދު އޭނާއަށް ވެސް އިޙްސާސް ކުރެވުނީ އެންމެންގެ ނަޒަރުގައި އޭނާއަށްވުރެ ހޭޒަލްގެ ބައްޕަ ކަމުގައި ރިޒްވާނު ބަލައިގަންނަތަނެވެ. ކަންކަމުގެ ލަފާ އެހުމާއި މަޝްވަރާ ކުރުމުގައި ރިޒްވާނު އިސްކުރެއެވެ. އެތަނުގައި ހުރުމުގެ ބޭނުމެއް އޮތްކަމަށް ނުފެންނާތީ ބަހަނާއެއް ދައްކާފައި ހުޒާމް ހިނގައްޖެއެވެ. އޭނާ ގާތު މަޑުކުރުމަށް އެކަކު ވެސް ނުބުންޏެވެ.
ވަލީމާއަށް ދަޢުވަތު ދިން މެހެމާނުން އަންނަންވާއިރަށް ދެމަފިރިންނަށް ޚާއްޞަ ކުރެވިފައި ހުރި ތަނުގައި ހޭޒަލްއާއި ދާރިއަން ތިއްބެވެ. އެކިއެކި ކަންކަމުގައި އެންމެން މަޝްޢޫލުވެފައި ތިބި ވަގުތުގައި ހޭޒަލްގެ އަތުގައި ދާރިއަން ހިފާލިއެވެ. ހޭޒަލްގެ އަތްތިލައިގެ ފިނިކަން ދާރިއަންއަށް އިޙްސާސް ވިއެވެ. ދެމީހުންގެ ނަޒަރު އަމާޒުވެލިއެވެ.
"މައި ވައިފް" ހިނިތުންވުމަކާއެކު ދާރިއަން ބުނެލިއެވެ. އެ ދެ ލޮލުން ލޯބި ފާޅުވާކަން ގައިމެވެ.
މަޑުމަޑުން ހޯލްތެރެ ފުރިއްޖެއެވެ. ދާރިއަންއާއި ހޭޒަލްގެ ކަނާއަތް ފަރާތުގައި ދެބަޔަށް ހުރި ކޭކު ބެހެއްޓިފައި ހުއްޓެވެ. އެ މޭޒުގައި ދެން ހުރީ މެހެމާނުން އެނބުރި ދާއިރު ދޭން ތައްޔާރުކުރެވިފައި ހުރި ހަދިޔާއެވެ. ކަޅުފޮށިތަކުގައި ހުދު ރިބަންކޮޅަކުން ބަންދުކުރެވިފައެވެ. އެ ދެމަފިރިންގެ ވައަތް ފަރާތުގައި ފޮޓޯބޫތު ކޯނާއެއް ހުއްޓެވެ. ޒުވާނުންނަށް ޚާއްޞަކުރެވިފައެވެ. ޢާއިލާގެ އަންހެނުން ތިބީ އަޅިކުލައިގެ ހަވީރީ ހެދުމުގައެވެ. ފިރިހެނުން ތިބީ ކަޅުކުލައިގެ ރަސްމީ ހެދުންތަކުގައެވެ. ޙަފުލާގައި ބައިވެރިވި އެންމެންގެ ތެރޭ ގިނައީ ދާރިއަންއާއި ހޭޒަލްއަށް އެއީ ކޮންބައެއްކަން ނޭނގޭ މީހުންނެވެ. މައިންބަފައިންގެ ގާތްމީހުންނާއި ތިމާގެ މީހުންގެ އިތުރުން ޢާއިލާގެ އެހެންކުދީންގެ ރައްޓެހިންނެވެ.
ޙަފުލާ ނިމުނީ ރޭގަނޑު އެގާރަޖެހިއިރުއެވެ. އައިކުގެ ފޯރި ގަދަވީ އެވަގުތެވެ. އާތިޝްގެ ވެސް ނުފެންނަ ސިފައެއް އައިކުއާ ޖެހުމުން ފެނިގެން ދިޔައެވެ. ލިއަމްއާ ކައިވެނި ކުރިއިރު ޢާއިލާގެ މެންބަރުންގެ ސަމާސާތަކެއް ހޭޒަލް ނުދެކެއެވެ. އޭރު ހުރިހާކަމެއްގައި އުޅުނީ ރައްޓެހި ރަޙުމަތްތެރީންނެވެ. އެކަމަކު އެ ދުވަހުވެސް އޭނާގެ ޢާއިލާ ތިބީ އޭނާއަށް ޓަކައި އުފަލުންކަން އެނގެއެވެ. މިފަދަ ކުދިކުދި ޚިޔާލުތައް ހޭޒަލްގެ ހިތަށް އުނދަގޫކުރިއެވެ. އެންމެން ހީވަނީ މިރޭ މާ ލޯބިން އުޅޭ ހެނެއެވެ.
ހޭޒަލްއާއި ދާރިއަންއާއެކު ދެ ޢާއިލާގެ މެންބަރުން ވެސް އައީ ރިޒްވާނުމެން ގެއަށެވެ. ދާރިއަންގެ ނިންމުމަށް އިބާ ދެކޮޅުނުހެދި ނަމަވެސް ހޭޒަލްގެ ގާތުން އެގެއަށް ގިނަގިނައިން އަންނަންވާނޭ ކަން އިބާ ބުންޏެވެ. އޭނާ ލޯބިން ޅީދަރިފުޅުގެ މޫނުގައި ބޮސްދިނެވެ. ތަހުމީނާ ވެސް ހަމައެފަދައިން ކަންތައް ކުރިއެވެ. ހޭޒަލްގެ ބޮލުގައި ފިރުމަމުން އޭނާގެ މާމަދަރިފުޅުގެ ހޮވުމާމެދު ހިތްހަމަޖެހިފައި ހުރިވަރު ހާމަކުރިއެވެ. އަލަތު ދެމަފިރިންނަށް ބަރަކާތްލެއްވުމަށް ދުޢާކުރިއެވެ.
ފުރަތަމަ ގެއިން ނުކުތީ ދާރިއަންގެ ޢާއިލާއެވެ. އެމީހުނަށްފަހު އާތިޝްގެ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅެވެ. ގޭގައި ސާއިރާއާއި ރިޒްވާނާއެކު ދާރިއަންއާއި ހޭޒަލް އެކަނިވީއެވެ. ދާރިއަންގެ ކޮނޑުގައި ރިޒްވާނު ޖަހާލީ އެވަގުތެވެ.
"ހޭޒަލް ގޮވައިގެން ކޮޓަރިއަށް ދާންވީނު، ބައްޕަމެން ވެސް ނިދަން މިވަންނަނީ" ރިޒްވާނު ބުންޏެވެ. އޭނާގެ ނަޒަރު ހުރީ ހޭޒަލްއަށް ހުއްޓިފައެވެ. އެ ދަރިފުޅު ކަންތައްކުރާނޭ ގޮތަކާމެދު ފިކުރު ބޮޑުވެފައެވެ.
ހޭޒަލްގެ ކޮޓަރި ކައިވެންޏަށް ޓަކައި ރިޒްވާނު ވަނީ ބަދަލުކޮށްދީފައެވެ. ތަނުގެ ފަރުނީޗަރު އާކޮށްދީފައެވެ. ހޭޒަލްގެ ފަހަތުން ދާރިއަން ކޮޓަރިއަށް ވަނެވެ. ބޮކިތައް ދިއްލާލެވުމާއެކު ހޭޒަލްގެ ފިޔަވަޅު މަޑުޖައްސާލިއެވެ. ދާރިއަން ކުރިއަށް ޖެހިލައި ހޭޒަލްއާ ދިމާއަށް އެނބުރިލިއެވެ.
"އެންމެންނަށް ސްމައިލްކޮށްކޮށް މި ދެ ކޯ ވާޅުވެއްޖެ ދޯ" ދާރިއަން ފިރުމާލީ ހޭޒަލްގެ ކޯތާފަތުގައެވެ. ބީހިލުމަށް އޭނާ ހޯދި ބަހަނާއެއް ކަހަލައެވެ. ޖެހިލުންވެފައިވާ ބެލުމަކުން ހޭޒަލް ބަލަން ހުރީއެވެ. މަޢުނަވީ ބެލުމަކުން ދާރިއަން ބަލަން ހުރީ ނަޒަރު ވަކިކޮށްލަން ބޭނުންނުވެފައެވެ. އޭނާގެ ހިތުގެ ޝުޢޫރުތައް ހޭޒަލްއަށް އިވޭނެނަމައޭ އޭނާ ހިތަށް އަރައެވެ. ލުއި ހިނިތުންވުމެއް ދިނުމާއެކު ދާރިއަން ދުރަށް ޖެހިލައިފިއެވެ. ކޮޓަރިއަށް ނަޒަރު ހިންގަމުން ދާރިއަން ހެދުން ބަދަލުކުރަން އުޅުނެވެ. އޭނާ އަލަމާރި ހުޅުވާލީ އޭގައި އޭނާގެ ހުރިހާ އެއްޗެއް ހުރިކަން އެނގޭތީއެވެ. އޭނާގެ ހަރަކާތްތަކައް ހޭޒަލް ބަލަން ހުއްޓެއްކަމަކު އެކަމަށް ދާރިއަންގެ ފަރުވާލެއް ނެތެވެ.
ދާރިއަން ފާޚާނާއާ ދިމާއަށް ދިޔައިރު އުނުގައި އޮޅާލާފައި އޮތް ތުވާލި ފިޔަވައި އެހެން އެއްޗެއް އެ ހަށިގަނޑަކު ނުވެއެވެ. ހޭޒަލްއަށް ހިންދިރުވާލެވުނެވެ. އިސްޖަހާލުމާއެކު ދެން ވެސް ހުރެވުނީއެވެ. މަޑުމަޑުން ކަނާއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. ކުރީގެ ކައިވެނީގެ ރޭތައްމަތިން އޭނާ ހަނދާންކުރަން ބޭނުންނުވިޔަސް އެ މަންޒަރުތައް ސިފަވަނީއެވެ.
"ހޭޒަލް!... އަދިވެސް ޗޭންޖު ނުކުރަންތަ؟ ފެންވަރާލައިގެން އާދޭ، އެނގޭ ވަރުބަލިވެފަކަން ތިހުރީ، އެހެންވިޔަސް ހިތްވަރުކޮށްލާފަ ދެ ރަކުއަތުގެ ނަމާދެއް އަހަންނާއެކު ކޮށްލަންވީނު" ފާޚާނާއިން ނުކުތް ދާރިއަން ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
"ކިހިނެއްވީ؟... ނުކުރެވޭތަ؟" ހޭޒަލް ހިމޭންވެފައި ބަލަން ހުރުމުން ދާރިއަން އަހާލިއެވެ.
"އަހަންނަށް ނުކުމެވޭލެއް ލަސްވެދާނެ" ހޭޒަލް ބުންޏެވެ.
"ރަނގަޅުވާނެ، އަހަރެން މަޑުކުރާނަން" ދާރިއަން ބުންޏެވެ.
ހޭޒަލް ރީތިވާ މޭޒުކައިރީ ހުއްޓުނެވެ. ގޮނޑީގައި އިށީން ގޮތަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ބުރުގާ ބޭލުން ފަސޭހައެއްނުވިއެވެ. އޭނާގެ އަތްނުފޯރާ ހިސާބަށް ވެސް މޭކަޕްކޮށްދިން ކުދީން ފިންޖަހާފައި ހުއްޓެވެ. ސްވެޓްޕޭންޓު ލައި ނިމިގެން އުނަގަނޑުން ތުވާލި ނައްޓާލި ދާރިއަންއަށް ހޭޒަލް އުޅޭ ގޮތް ފެނުނީ ދެނެވެ. އޭނާ ތުވާލި އަޅުވާފައި އައިސް ހޭޒަލްގެ ފުރަގަހުން ހުއްޓިލިއެވެ. ލޯގަނޑުން ދާރިއަންގެ އެއްވެސް އައިބެއްނުވާ ފުރިހަމަ ހަށިގަނޑު ހުރީ ފެންނާށެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ މަސްތައް ހަރުވެފައި ހުރި ގޮތުން ވަކިން ފިރިހެންވަންތައެވެ. ޚާއްޞަކޮށް އެ ހިނދި ބަނޑުގައި ގޮޅިގޮޅިއަށް ހުރި މަސްތަކެވެ. އެތަނަވަސް މޭގައި އިސްތަށިތައް ހުރީ ކިރިޔާ ފެންނަވަރަށް ކުރުކޮށްފައެވެ. އޭނާގެ އެ ޖެހިލުންކުޑަކަން ހޭޒަލް އަޖައިބު ކުރުވިއެވެ. ހަމައެއާއެކު ހޭޒަލްގެ ޟަމީރު ހަނދާންކޮށްދިނީ އޭނާއަކީ ދާރިއަންގެ ހަލާލު އަނބިމީހާކަމެވެ. އެ ހާމަކަން ބޮޑު ޢަމަލުތަކުގެ އަސްލަކީ އެއީ ކަމެވެ. އޭނާ ދާރިއަންގެ ހައްޤަކަށްވުމެވެ.
"އަހަރެން އެހީވެދެންތަ؟" ދާރިއަން އަހާލިއެވެ. ހޭޒަލް ބޯޖަހާލިއެވެ. އެއާއެކު ނިކަން ފަރުވާތެރިކަމާއެކު ބުރުގާ ހަރުކުރަން ޖަހާފައި ހުރި ޕިންތައް ދާރިއަން ނައްޓައިދޭން ފެށިއެވެ. އެކަން ކުރެވުމުން ހޭޒަލްގެ ބޮލާއި ބުރުގާ ދާރިއަން ވަކިކޮށްލަދިނެވެ. އޭނާ ބަލަން ހުއްޓާ ހޭޒަލް ތެދުވެއްޖެއެވެ. ދާރިއަންއަށް އިތުރު ފުރުޞަތެއް ނުދީ އަވަސްއަވަހަށް ހޭޒަލް ފާޚާނާއަށް ވަނީއެވެ.
ފެންވަރައިގެން ހޭޒަލް ނުކުތްއިރު އެނދުގައި ދާރިއަން އިނެވެ. ކަކުލުގައި ދެއަތް އަޅުވާލައިގެން ގުދުވެލައިގެންނެވެ. ހުދު ކުރުތާއަކުން އެ ހަށިގަނޑު މިހާރު ހުރީ ނިވާކޮށްލާފައެވެ. ހޭޒަލް އިސްތަށިގަނޑު އޮމާންކުރުމަށްފަހު އެއްފަރާތަށް ވާހެން ގަތާލިއެވެ. އެނދުކައިރީ ފަތުރާފައި އޮތް މުސަލަ ފެނުމުން ހޭޒަލް ވެސް އޭނާގެ މުސައްލަ ނަގައިގެން އައިސް ނަމާދަށް ތައްޔާރުވިއެވެ. މުޅި މީހާ ނިވާވާރުގެ ބޮޑު ހެދުމެއް ފަދަ ދޮޅި ހެޔޮވަރުކޮށްލުމަށްފަހު ދާރިއަންއަށް ބަލާލިއެވެ. އޭނާ އަނގައިން ބުނުމެއްނެތި ތެދުވެގެން އައިސް ނަމާދަށް ހުއްޓިއްޖެއެވެ.
ދެ ރަކުއަތުގެ ނަމާދު ކުރުމަށްފަހު ދާރިއަން ދުޢާކުރީ ހޭޒަލްއަށް އިވޭނޭ ވަރަށެވެ. މިފެންނަނީ ހޭޒަލްއަށް އާ ކަންތައްތަކެވެ. ދާރިއަން ތެދުވުމުން އޭނާ ވެސް ތެދުވީއެވެ. މުސައްލަ ނަގަފާއި އެ އޮންނަ ތަނުގައި ބާއްވާފައި ދޮޅި ވެސް ބޭލިއެވެ. ދެން އެނބުރިލިއިރު ދާރިއަން ހުރީ އޭނާގެ ގާތުގައެވެ. ހޭޒަލްގެ އަތުގައި ދާރިއަން ހިފާލުމާއެކު ގެނެސް އެނދުގައި ބޭންދިއެވެ. އަނބިމީހާގެ ކުރިމަތީ އޭނާ ވެސް އިށީނެވެ. ހޭޒަލްގެ ބޮލުގައި އަތް ބާއްވާލައި ދާރިއަން ދުޢާކުރިއެވެ. ހޭޒަލްގެ ނިތްކުރީގައި ބޮސްދީފައި އެ ދެއަތްތިލައިގަ ހިފާލައިގެން އިނދެ ދާރިއަން ވާހަކަދެއްކިއެވެ.
"އަހަރެން ހޭޒަލްދެކެ ވަރަށް ލޯބިވޭ، ކައިވެނި ކުރީ ދިރިއުޅުމުގެ ހެޔޮ ނިޔަތުގައި، އުންމީދުކުރަނީ ﷲ އަހަރެމެންނަށް ސާލިޙު ދަރިންތަކެއް ދެއްވާ އަހަރެމެންގެ ދިރިއުޅުން އާބާދުވުމަށް، އަހަރެންގެ އަނބިމީހާއަށް ޤަދަރު ކުޑަވާނޭ އެއްވެސް ކަމެއް އިންޝާﷲ އަހަރެން ނުކުރާނަން، އަހަރެންގެ ނިންމުންތަކުގައި ހޭޒަލްގެ ޚިޔާލު އަހަރެން ބޭނުންވާނެ، އަހަރެންނަކީ ހުރިހާ ގޮތަކުން އެންމެ ފުރިހަމަ ފިރިއަކަށްނުވާނެ، އެކަމަކު އަހަރެން މަސައްކަތްކުރާނަން، އަހަރެންގެ އަނބިމީހާގެ ކަންތައްތަކުގައި އަހަންނަކީ ވަރަށް އަމިއްލަ އެދުން ބޮޑުމީހެއްކަން ހޭޒަލް ބުނެދޭން ބޭނުން، ޖެލަސީއޭ މިކިޔާ އިޙްސާސް އަހަރެންގެ ލޭގައި ވެސް ހިނގާ... ހިލޭ ފިރިހެނަކު އަހަރެންގެ އަނބިމީހާގެ ބޮލުން އިސްތަށްޓެއްގައި ވިޔަސް ބީހެން އަހަރެންނަށް ޤަބޫލެއްނުވެވޭނެ، މިހާރު ތީ ހަމައެކަނި އަހަރެންގެ މީހެއް، އަހަރެންގެ ވާޖިބުތަކަށް އަހަރެން ފަސްނުޖެހޭނަން، އަހަރެންގެ ހުރި އުނި ސިފަތަކުން ދުރުކޮށްދެއްވުމަށް ﷲއަށް ދަންވާނަން، ހޭޒަލް ނޭދޭ ކަންތައްތަކުން އަހަރެން ދުރުވާން މަސައްކަތްކުރާނަން، އަހަރެންގެ ހުރިހާކަމެއް ކޮށްދޭ މީހަކީ އަހަރެންގެ އަނބިމީހާއަށްވުން އަހަރެން އެދެނީ، އެއްވެސް ކަމެއް އެހެންމީހަކަށް ނުޖައްސައްޗޭ!... ﷲ ހުއްދަކުރެއްވި ގޮތުގައި އޭގެ އެންމެ ފުރިހަމައަށް އަހަރެން ހޭޒަލްދެކެ ލޯބިވާނަން، އަހަރެން ހޭޒަލްއަށް ބޭނުންވެގެން ގޮވާލާނީ އެ ފުރުޞަތު އަހަންނަށް ހޭޒަލް ދިނީމަ، އޭގެ ކުރީން އަހަރެންގެ ޚިއްސުތައް ހިފަހައްޓަން މަސައްކަތްކުރާނަން... ހޭޒަލް!... އަހަރެމެން ދެމެދުގައި އޮންނަ ކަންކަން އިތުރު މީހަކަށް އެނގިގެންނުވާނެ، އަހަންނަކީ ހޭޒަލްގެ ކަންކަން ޚިއްޞާކުރެވޭނެ ގާތް ރަޙުމަތްތެރިއެއް، އަހަރެން ހޭޒަލްގެ ހުރިހާ ވާހަކައެއް އަޑުއަހާނަން، ހަމައެއާއެކު އަހަންނަކީ މިހާރު ހޭޒަލްގެ ފިރިމީހާކަން ދަންނައްޗޭ، އަހަރެން ގާތު ހޭޒަލްއާ އެއް އެނދުގައި ނުނިދުމަށް ނުބުނާނެކަމަށް އަހަރެން ހީކުރަނީ..." ހޭޒަލްއަށް ހިނިތުންވުމެއް ދިނުމާއެކު އެ ދެއަތްތިލައިގަ ދާރިއަން ބޮސްދީފިއެވެ. ހޭޒަލް ބޯޖަހާލިއެވެ.
"ތެންކިއު..." ހޭޒަލް މަޑުމަޑުން ބުނެލިއެވެ.
"ޒެލް އަހަރެން ކައިރީ ބުނާނޭ އެއްވެސް އެއްޗެއް ނެއްތަ؟" ހޭޒަލް މަޑުމަޑުން އިންނަން ފެށުމުން ދާރިއަން އަހާލިއެވެ.
"ވަރުބަލިވެއްޖެ" ހޭޒަލް ބުނެލިއެވެ. އޭނާ ދެއްކީ ޤަބޫލުކުރެވޭ އުޒުރެކެވެ. ދާރިއަން ބޯޖަހާލާފައި ތެދުވިއެވެ. އެނދަށް ބަލާލާފައި އޭނާ ބޯކަހާލިއެވެ.
"ކޮންކޮޅަކު ޒެލް އޮންނާނީ" ދާރިއަން އަހާލިއެވެ. ބޭއިޚްތިޔާރުގައި ހޭޒަލްއަށް ހިނިތުންވެވުނެވެ. ބައެއްފަހަރަށް ދާރިއަންގެ ފުށުން ފެންނަ އެފަދަ ކުދިކުދި އަދާތަކަކީ މުސްތަޤުބަލުގެ އަލިކަން އިޙްސާސްކޮށްދޭ އިޝާރާތަކަށް ފުދެއެވެ. އޭނާގެ ތެދުވެރި ސާފު ހިތުގެ މައުސޫމްކަން ފާޅުވެއެވެ. ހޭޒަލް އޮންނާނޭ ކޮޅެއް އަންގާލުމަށް އިޝާރާތްކޮށްލިއެވެ. އެއާއެކު ދާރިއަން އައިސް އެނދަށް އަރައިފިއެވެ. އޭނާއަށްވީ ތަނުގައި ހަމަޖެހިލިއެވެ.
ކޮޓަރީގެ އަލި ފަނޑުވެ ހިމޭންވެއްޖެއެވެ. ކަނާތްފަރާތަށް ދާރިއަން އެނބުރިލައިގެން އޮތެވެ. އޭނާއަށް ފެންނަނީ ހޭޒަލްގެ ފުރަގަހެވެ. ވަރުބަލިވެފައި ހުއްޓެއްކަމަކު އޭނާއަކަށް ނުނިދުނެވެ. އެނދުގައި އޮށޯވެގެން އޮންނަތާ ދެގަޑިއިރު ފާއިތުވީއިރު ނިދީގެ އެއްވެސް އަސަރެއް ލޮލުގައި ނެތެވެ.
ހޭޒަލްގެ ދެ ލޯ ފެންކަޅިވަމުންދިޔައެވެ. އޭނާއަށް ރޮވެނީއެވެ. ކައިވެނީގެ ފުރަތަމަ ރޭ ލިއަމްއާއެކު ހޭދަވެގެން ދިޔައީ ނުހަނު އަވަހަށެވެ. ރޭގަނޑުގެ ނިދިން އެރޭ ހޭޒަލް މަހުރޫމުކުރުވީ ލިއަމްގެ މަސްތަކުރުވަނިވި ބީހުންތަކެވެ. ހޭޒަލްއަށް ވިސްނާލެވުނެވެ. އޭނާއާއި ލިއަމްގެ ކައިވެނީގެ ރޭ ދެމީހުން ތިބީ އެޕާޓްމެންޓަށް ނުވަދެވިގެންނެވެ. އޭރު އަދި ކޮޓަރިއާ ހަމައަށް ފޯރާނޭ ކަމެއް ވެސް ޔަގީނެއްނުވެއެވެ. އޭނާ ގާތު ނަމާދުކުރުމަށް ލިއަމް ނޭދެއެވެ. ޚުދު ހޭޒަލްއަށް ވެސް އެކަމުގެ ޢިލްމު ލިބިފައެއްނެތެވެ. ދެމަފިރިންގެ ދެމެދުގައި ލޯބިލެއްވުމަށާއި ބަރަކާތްލެއްވުމަށް ދެމީހުންކުރެ އެކަކު ވެސް ދުޢާއެއް ނުކުރެއެވެ. ކައިވެންޏަށްފަހު ދެމެދުގައި އޮންނަންޖެހޭނެ ގާތްކަމާއި އެކަކުއަނެކަކާ މެދު ކުރާ އުންމީދުތަކުގެ ވާހަކައެއް ނުދައްކައެވެ.
ކޮންމެކަމެއްގެ ވެސް ފެށުން ގޯސްވެއްޖެނަމަ އެކަމެއް ދާނީ ގޯހުން ގޯހަށެވެ. ހޭޒަލްއަށް ވެސް ވިސްނުނީ އެހެންނެވެ. އޭނާއާއި ލިއަމްގެ ފެށުން ރަނގަޅު ކުރެވުނުނަމަ އެ ދެމެދަށް ބަރުދާސްތުކުރަންދަތި ހިތްދަތި ނިމުމެއް ނައީހޭ ހޭޒަލްގެ ސިކުނޑިއަށް އެރިއެވެ. އަނެއްކޮޅުން އޭނާ އެ ޚިޔާލުތައް ކުރުމަކީ ދާރިއަންގެ މައްޗަށް ވެވޭ އިންސާފެއް ނޫންކަން އަމިއްލަ ޟަމީރު ވިސްނައިދިނެވެ. އެކި ޚިޔާލުތަކުން ހޭޒަލްގެ ރުއިން ގަދަވިއެވެ. އޭނާ ދެއަތުން އަނގަމަތީ އަޅައި ބާރުކޮށްލިއެވެ. ހިތް ނޭދުނަސް ނަފްސަށް މަޖުބޫރުކުރަންވީކަމެއް ނޫނީ އެހިތަށް ވަގުތުދީ އޭގެ ރުހުމުގައި ދިރިއުޅުމައިގެން ކުރިއަށްދާންވީ ކަމެއްނޭނގެއެވެ. ފުރިހަމަ ގޮތުގައި ﷲއަށް ވަކީލު ނުކުރެވޭތީ އެކަމުގެ ހިތާމަ ވެސް ހޭޒަލްގެ ވިއެވެ. އެހެންނަމަ ހުރިހާ ބިރުވެރިކަމަކާ ހިތްނުތަނަވަސް ކުރުވާ ޚިޔާލުތަކުން އޭނާ ހުރީހީ މިންޖުވެގެންނެވެ.
ހޭޒަލްގެ ގައިގާ ހިފަހައްޓާލަން ދާރިއަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އޭނާއަށް ހޭޒަލް ރޯކަށް އެނގެއެވެ. އޭނާ ހަރަކާތެއް ކޮށްލައިފިނަމަ ހޭޒަލްގެ އެ މިނިވަންކަން ނިމުމަކަށް އަންނާނޭކަން ދާރިއަންއަށް ވިސްނެއެވެ. އޭނާ ރޯން ފުރުޞަތު ދީގެން ދާރިއަން އޮތީ ރުއިމަށްފަހު ހޭޒަލް ހަމަޖެހޭނެކަން އެނގޭތީއެވެ.
* * * * *
ފަތިސް ނަމާދުކޮށްގެން ދާރިއަން ގެއަށް އައީ ރިޒްވާނާއެކުއެވެ. ބައްޕާއޭ ގޮވާލަންވީމަ ދާރިއަން ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. އޭނާގެ އެ ލަދުވެތިކަން ރިޒްވާނަށް ނުހަނު ކަމުދިޔައެވެ. ގާތްކަން އިތުރުކުރުމުގެ ނިޔަތުގައި ރިޒްވާނު ވާހަކަދެއްކީ ދަރިފުޅު ކިޔައިގެންނެވެ.
އެނދުމަތީ ހޭޒަލް ގުރުއާން ކިޔަވަން އިނެވެ. ދާރިއަން އައިސް އަނެއްފަރާތުން އެނދުގައި އިށީނެވެ. ހަނީމޫނަށް ތަނަކަށް ދާން އިހަށް ބޭނުންނުވާކަން ދާރިއަން އޮތީ ބުނެފައެވެ. އެހެންނަމަވެސް ޒުކަން ވަނީ އޮފީހުން ދާރިއަންނަށް އެއްމަހުގެ ޗުއްޓީ ދީފައެވެ. ތަނަކަށް ނުދިޔަޔަސް އަނބިމީހާއާއެކު ވަގުތު ހޭދަކުރަންޖެހޭނެކަން ޒުކަން އޮތީ ދާރިއަންއަށް އަންގާފައެވެ.
ހެނދުނުގެ ނާސްތާ ކުރުމުގައި ދާރިއަން އެދުނު ފަދައިން އޭނާއަށް ބޭނުންވާނޭ ހުރިހާކަމެއް ކޮށްދޭތީ ފެނުނީ ހޭޒަލްއެވެ. އޭނާގެ ބަސް ހޭޒަލް އަހައިފިކަން އެނގުމުން ދާރިއަން އިނީ ވަކިން ބޮޑަށް ހިތްހަމަޖެހިފައެވެ. އެންމެން ސައިބޮއެ ނިމުމުން ދާރިއަން އައީ ހާމަފެންޑާއަށެވެ. ފޯނުކޯލެއް ކުރަން ޖެހިފައިކަން އޮތީ ބުނަމުންނެވެ. އޭނާ ވަރަށް ގިނައިރު އެ މީހަކާ ވާހަކަދެއްކުމަށްފަހު ކޯލު ބޭއްވިއެވެ. އެނބުރި އެޕާޓްމެންޓަށް އައިސް ރިޒްވާނާ ބައްދަލުކުރިއެވެ. އެ ދެމެދުގައި ވާހަކަދެކެވުމަށްފަހު ހޭޒަލްވީ ތަނެއް ދާރިއަން ހޯދިއެވެ.
ސްޓަޑީ ރޫމަށް ދާރިއަން ވަންއިރު މޭޒުދޮށުގައި ހޭޒަލް އިނެވެ. އޭނާގެ ޑެސްކްޓޮޕާއި ޓެބްލެޓާއި އެ ނޫން ވެސް މަސައްކަތްކުރާ ސާމާނު އެތަނުގައި ހުއްޓެވެ. ގޮނޑީގައި ހޭޒަލް އިން ގޮތުން އޭނާ މަސައްކަތެއް ކުރަނީކީ ނޫންކަން ދާރިއަންއަށް އެނގުނެވެ. އޭނާ ދާރިއަންއާ ދުރުދުރުން އުޅޭން ބޭނުންވަނީ ކަމަށް ވެދާނޭ ދާރިއަންއަށް ހީކުރެވުނެވެ.
"ހޭޒަލް..." ދާރިއަން ގޮވާލިއެވެ. ވާހަކައެއްދައްކަން ވެފައި އެބައޮތްކަން ބުނެ ކޮޓަރިއަށް އައިސް ދިނުމަށް އެދުނެވެ.
ހޭޒަލް ކޮޓަރިއަށް ވަނީ ދާރިއަން އައި ފަހުންނެވެ. އެނދުގައި އޭނާގެ ގާތުގައި އަތް ޖައްސާލަމުން ހޭޒަލް ގާތު އިށީންނަން ދާރިއަން ބުނެލިއެވެ.
"އަހަރެން ގަސްދުކޮށްފައި އޮތްކަމެއް ބުނަންވެގެން... ފުރުޞަތު ވެސް ލިބުނީމަ" ދާރިއަން ވާހަކަފެށިއެވެ.
(ނުނިމޭ)