ހަބަރު

އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމުން ހަތަރު މަހަށް ޖަލަށް ދާން ޖެހިއްޖެ

ތޫނު އެއްޗެއް ބޭނުންކޮށްގެން އަމިއްލައަށް އަތް ޒަހަމްކުރި މީހަކު ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މއ. ސްޓާލިންގްރޭޑް އަހުމަދު ޝާހުގެ މައްޗަށް ކޯޓުން އެ ހުކުމް ކުރީ ޖުލައި، 2013 ގައި ބިއްލޫރިކޮޅެއް ބޭނުންކޮށްގެން އޭނާގެ އަތް ޒަހަމް ކުރުމުންނެވެ.

ކޯޓުގެ ހުކުމުގައިވަނީ އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަކީ އިސްލާމީ ޝަރީއަތުގައި މަނާ ކުރައްވާފައިވާ ކަމެއް ކަން ކީރިތި ރަސޫލާގެ ހަދީޘްފުޅުން އެނގޭ ކަމަށެވެ. އެހެންވެ ޝާހުގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގަ އެވެ.

އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމުން މީގެ ކުރިން ވެސް ބައެއް މީހުންގެ މައްޗަށް ދައުވާކޮށް، ހުކުމްކޮށްފައިވެ އެވެ.