ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑިސްއިންފެކްޓް ކުރަން މާގިރި ހޮޓާ ބަންދުކޮށްފި

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓަލީ ޓޫރިސްޓް މާލޭގައި މަޑު ކުރި މާގިރި ހޮޓާ ޑިސްއިންފެކްޓް ކުރަން ބަންދުކޮށްފި އެވެ.

މާގިރި ހޮޓަލުން ނެރުނު ނޯޓިސްއެއްގައިވާ ގޮތުން މުވައްޒަފުންނާއި ގެސްޓުން އަދި ކަސްޓަމަރުންގެ ސަލާމަތަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިންކިއުބޭޝަން ޕީރިއަޑަށް ފަހު އަދި މުޅި ހޮޓަލުގެ ހުރިހާ ތަނެއް ޑިސްއިންފެކްޓް ކުރުމަށް އެ ހޮޓާ ބަންދު ކުރީބ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށެވެ. އޭގެ ސަބަބުން ގެސްޓުންނާއި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް އެ ނޯޓިސްގައިވެ އެވެ.

އިޓަލީ މީހާ ރާއްޖެ އައީ ޅ. ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށެވެ. އޭނާ މާގިރި ހޮޓަލުގައި ދެ މަޑުކުރީ، އެއާޕޯޓަށް ފުރަން ގޮސް ނުފުރިގެންނެވެ. އެ ގޮތުން އެ ހޮޓަލުގައި އޭނާ މަޑުކޮށްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހުގަ އެވެ.

މާގިރި ހެޓެލްގެ 15 މީހަކު އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓުވުމުން އެ އެންމެން ވެސް ހޮޓަލުގައި ވަނީ އެކަހެރިކޮށްފަ އެވެ. އަދި އޭނާއާ ކޮންޓެކްޓްވި ޔުނިވާސަލް ޓިކެތް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތް ފެންނާތީ އޭނާ ވަނީ ކަރަންޓީނަށް ގެންގޮސްފަ އެވެ. އެކަމަކު އެ މުވައްޒަފު ވަނީ ވައިރަސްއަށް ނެގެޓިވް ވެފަ އެވެ.

ރާއްޖޭން މިހާތަނަށް ހަ މީހަކު ވައިރަސްއަށް ޕޮޒިޓިވްއިރު އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފާއި އެ ރިސޯޓުގައި ތިބި ދެ ޓޫރިސްޓުންނެވެ. އެއީ އެ އިޓަލީ މީހާއާ އެކި ގޮތް ގޮތުން ކޮންޓެކްޓްވި މީހުނެވެ. ދެން ޕޮޒިޓިވް ވެފައި ވަނީ އއ. ބަތަލާ ރިސޯޓުގައި ތިބި ދެ އިޓަލީ ޓޫރިސްޓެކެވެ.