އިޓަލީން އައި ފަތުރުވެރިއެއްގެ ފަރާތުން ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުމުގެ ކުރިން، އެ ގައުމުން މީހުން އައުން ހުއްޓުވުމަށް ދިވެހި ސަރުކާރަށް އެންގިކަމަށް ބުނާ ވާހަކަތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އެނބުރި ގައުމަށް ދިޔަ ފަހުންކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.
ނަމަވެސް، އެ މީހާ ރާއްޖެ އައުމުގެ ކުރިން، އިޓަލީގައި އެ ވައިރަސް ފެތުރެމުންދިޔުމާ ގުޅިގެން އެ ގައުމުން މީހުން އައުން ހުއްޓުވުމަށް އަޔާޓާއިން ޓޫރިޒަމް މިނިސްޓްރީއަށް އެންގިކަމަށް ބުނެ ބައެއް މީޑިއާތަކުންވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އަޔާޓާއިން އެފަދަ އެންގުމެއް އަންގައި ފޮނުވި ލިޔުމެއް ނެތް ކަމަށެވެ.
އަދި އަޔާޓާއަކީ އެފަދަ ޓްރެވަލް އެޑްވައިޒަރީތައް ނެރޭ ޖަމިއްޔާ އިން ނޫން ކަންވެސް މަބުރޫކު ފާހަގަކުރެއްވި އެވެ.
"ޑަބްލިޔުއެޗްއޯއިން އަކުންވެސް ނެތް އެއްވެސް ގައުމަކުން މީހުން އައުން ހުއްޓުވަން އެދިފައެއް. ޓްރެވަލް ރެސްޓްރިކްޝަންތަކަކީ އެ ގައުމެއް އަމިއްލައަށް އަޅާ ފިޔަވަޅެއް،" މަބުރޫކު ވިދާޅުވި އެވެ.
ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާ، މާލޭގައި ދެ ދުވަހު ހުރިކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އޭނާ މާލޭން ކޮންޓެކްޓްވި ކަމަށް ބެލެވެނީ، އޭނާ މާލޭގައި މަޑުކޮށްގެން ހުރި މާގިރި ހޮޓެލްގެ 15 މީހެއްގެ އިތުރުން ޓިކެޓިން އޮފީހުގެ މުވައްޒަފެވެ. ޓިކެޓިން އޮފީހުގެ މުވައްޒަފު ވައިރަހަށް ނެގެޓިވްވެފައިވާއިރު، މާގިރި ހޮޓަލުން އެކަހެރިކޮށްފައިވާ އެއްވެސް މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެ އިޓަލީ މީހާ ރިސޯޓުގައި ހުރި އިރުވެސް، ބަލީގެ އަލާމާތްތައް ހުރި ކަމަށާއި، ނަމަވެސް އެކަން ރިޕޯޓުކޮށްފައިނުވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އޭގެ ފަހުން، އޭނާ ފުރުމުގެ ކުރިން މާލޭގައިވެސް ދެ ދުވަހު ހުރިކަމަށް ސާރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އެ މައްސަލާގައި ވައިރަހަށް ޝައްކުކުރެވުނު މީހާގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަނުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެމައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީ ވަނީ ފުލުހުންނަށް އަމުރުކުރައްވައިފަ އެވެ.
މަބުރޫކު މިއަދު ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ވަރަށް ބާރަށް ކުރިއަށްދާކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިއަދު ނޫނީ މާދަމާ އެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުން ހިއްސާކުރާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ބައްޔަށް ރާއްޖެ އިން ވެސް ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.