ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވަން އެންޑް އޮންލީ ރިސޯޓުން ވައިރަހަށް ޝައްކު ކުރެވޭ މީހަކު ކަރަންޓީނު ކުރަނީ

Mar 10, 2020
1

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއެކު، އެ މީހާ ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މި ބައްޔަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ ވައިރަހަށް ޝައްކުކުރެވޭ މީހާ ފެނުމާއެކު، އެ ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލެވިފައިވާ ކަމަށެވެ.

އެގޮތުން، އަރާ ފޭބުން މަނާކޮށްފައިވާ ރިސޯޓުގެ އަދަދު މިހާރު ވަނީ ފަހަކަށް އަރައިފަ އެވެ.

ވަން އެންޑް އޮންލީ ރީތި ރަށާއި، ބަތަލާގެ އިތުރުން ކުރެއްދޫއަށްވެސް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، އއ. ކުރަމަތި ރިސޯޓްގައި ހުރި ބިދޭސީއަކާއި ވިލިމަންދޫ ރިސޯޓުގައި ހުރި ދިވެހި މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ވަގުތީގޮތުން ހުއްޓުވައިފަ އެވެ.

ވިލަމަންދޫގެ އެ މުވައްޒަފަކީ ކުރެއްދޫ ރިސޯޓަށް ޗުއްޓީއެއްގައި ދިޔަ މީހެކެވެ.

ބަތަލާ ރިސޯޓުން އިތުރު ދެ މީހަކަށް ޝައްކު ކުރެވިގެން އެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.