ބޮލީވުޑް

ޓައިގާއާއެކު "ބާޣީ4" ވެސް އުފައްދަނީ

"ބާޣީ 3"ގެ ބޮކްސް އޮފީސް ފާފޯމަންސުން އެ ފިލްމުގެ ޑައިރެކްޓަރު އަހުމަދު ޚާން ހުރީ ވަރަށް އުފަލުންނެވެ. އަދި މި ފްރެންޗައިސްގެ ހަތަރު ވަނަ ފިލްމެއް ވަރަށް އަވަހަށް ފެށިދާނެކަމުގެ އުންމީދު ވަރަށް ބޮޑެވެ.

ޑައިރެކްޓަރު ބުނި ގޮތުގައި ބާޣީ ފްރެންޗައިސްގެ ޕްރޮޑިއުސަރަކީ ސާޖިދް ނަދިއަދްވާލާ އެވެ. އޭނާ ބާޣީ 4 ފަށަން ނިންމައިފިނަމަ އޭނާ ހުރީ އެ ފިލްމުގެ މަސައްކަތް ފަށާ ގޮތަށެވެ. އަދި މި ފްރެންޗައިސް ކުރިޔަށް ގެންދިއުން މުހިއްމު ކަމަށް ވެސް ޑައިރެކްޓަރު ދެކެ އެވެ. އަހުމަދު ގަބޫލުކުރާ ގޮތުގައި ބާޣީ 4 ގައި ވެސް ޓައިގާ ޝްރޮފް ބައިވެރިކުރުން ވަރަށް މުހިއްމެވެ.

ޓައިގާ އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލު ކުޅެފައިވާ ބާޣީ ތިނަކަށް ފުރަތަމަ ތިން ދުވަސް ތެރޭގައި އިންޑިޔާއިން އެކަނި 53.83 ކްރޯޑު ލިބިފައި ވެއެވެ.

އަހުމަދު ޚާން ބުނި ގޮތުގައި ބެލުންތެރިންނަށް އޭނާގެ މަސައްކަތް ކަމުދިއުމަކީ އޭނާއަށް އެންމެ މުހިއްމު ކަންތަކެވެ. ބާޣީ 2 އަށް ވެސް ބެލުންތެރިން ވަރަށް ރަނގަޅު ތަރުހީބެއް ދީފައިވާތީ ބާޣީ ތިނަކަށް ވެސް މިހާ ރަނގަޅު ފެށުމެއް ލިބިދާނެކަމަށް އޭނާ އުންމީދުކުރި ކަމަށް އަހުމަދު ބުންޏެވެ.

ބާޣީ 2 ވެސް ޑައިރެކްޓްކުރި އަހުމަދު އެ ފިލްމުތަކުގެ ކާމިޔާބީގެ ކްރެޑިޓް ދެނީ ބަތަލު ޓައިގާ ޝްރޮފް އަށެވެ. ޓައިގާގެ މަޝްހޫރުކަމާއި އެކްޝަން މަންޒަރުތައް ކުޅެލަން ކުޅަދާނަވުން އެއީ "ބާޣީ" ފްރެންޗައިސް މިހާ ކާމިޔާބުވުމުގެ އަސްލު ކަމަށް ޑައިރެކްޓްރު ދެކެ އެވެ.

"ފިލްމު ކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ޓައިގާގެ ފޭނުން ގިނަވުން. އަދި އެކްޝަން މަންޒަރުތައް މޮޅުވުން ވެސް މިއީ އަނެއް ސަބަބު,"

މިހާރު ފިލްމު ކުޅޭ އެހެން އެކްޓަރުންނަށް އެކްޝަން މަންޒަރުތައް ކުޅެވުނަސް ޓައިގާ އާ އެއް ފެންވަރަކަށް އެ މަސައްކަތް ނުކުރެވޭކަން އަހުމަދު ފާހަގަ ކުރި އެވެ. ޓައިގާ އަކީ އެކްޝަން އަށް ވަރަށް ފުރިހަމަޔަށް ތަމްރީނު ހޯދާފައިވާ އެކްޓަރަކަށް ވާތީ އޭނާ އެ ކުޅޭ ފެންވަރަށް އެހެން މީހުންނަށް އެ މަސައްކަތް ނުކުރެވެނީ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

"އެކްޝަން މަންޒަރުތައް ނަގާއިރު އަހަރެންގެ ސްޓްރެސްގެ 80 ޕަސެންޓް ދަށްވޭ އެ މަންޒަރުތައް ކުޅެނީ ޓައިގާ ވީމަ. ސަބަބަކީ ކިތަންމެ ބުރަކޮށް މަސައްކަތްކޮށްގެން ނަމަވެސް އެ މަންޒަރެއް ޓައިގާ އެ ކުރެވެން އޮތް އެންމެ ފުރިހަމައަކަށް ކުރާނެކަން ޔަގީންވާތީ. ބުނާ ވަރަށް ވުރެ ވެސް ފުރިހަމައަށް އެ މަންޒަރެއް ކުޅެލެވޭކަހަލަ އެކްޓަރެއް ލިބިފައިވާނަމަ ޑައިރެކްޓަރެއްގެ މަސައްކަތް ވަރަށް ފަސޭހަވާނެ،" އަހުމަދު ބުންޏެވެ.