ބޮލީވުޑް

"އަންގްރޭޒީ މީޑިއަމް"އަށް ފަހު ދެން އޮތީ "ޗައިނީޒް މީޑިއަމް"

އިރްފާން ޚާނާއި ރާދިކާ މަދަން އަދި ކަރީނާ ކަޕޫރު ތަރިންގެ ގޮތުގައި ހިމެނޭ "އަންގްރޭޒީ މީޑިއަމް" އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު މި ފިލްމާ މެދު ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. އެއާއެކު ޕްރޮޑީއުސަރު ދިނޭޝް ވިޖަން ވަނީ މި ފްރެންޗައިސްގެ ފިލްމުތަކުގެ ފޭނުންނަށް އިތުރު އުފާވަރި ހަބަރެއް ދީފަ އެވެ. މި ފްރެންޗައިސްގެ ތިން ވަނަ ފިލްމެއް "ޗައިނީޒް މީޑިއަމް"ގެ ނަމުގައި އުފައްދަން ގަސްތުކުރާ ވާހަކަ އެވެ.

އަންގްރޭޒީ މީޑިއަމް ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓެއްގައި ދިނޭޝް ބުނީ މިއީ ފްރެންޗައިޒް އަކަށް ހަދަން ގަސްތުކުރާ ކަމަށެވެ.
ތައުލީމަކީ ޔުނިވާސަލް ސަބްޖެކްޓަށް ވާއިރު މީގެ ފްރެންޗައިޒް އެއް އުފެއްދުމަށް މައްސަލައެއް ދިމާނުވާނެ ކަމަށް ޕްރޮޑިއުސަރު ދެކެ އެވެ. އެހެންވެ ޗައިނީޒް މީޑިއަމް ކިޔާ ފިލްމެއް އުފެއްދުމުގެ ވިސްނުމެއް ޕްރޮޑީއުސަރު ގެންގުޅޭކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ފިލްމު ފެށޭނެ ދުވަހެއް ބިނާވާނީ އޭނާގެ އެކުވެރިޔާ އަދި "އަންގްރޭޒީ މީޑިއަމް" ބަތަލު އިރްފާންގެ ސިއްހީ ހާލަތުގެ މައްޗަށެވެ.

ޕްރޮޑިއުސަރު ބުނި ގޮތުގައި މި ސިލްސިލާގެ ފިލްމުތަކުގެ ތެރެއިން އޭނާ އެންމެ ފުރަތަމަ އުފެއްދި ފިލްމު "ހިންދީ މީޑިއަމް" ޗައިނާގައި ރިލީޒްކުރުމުން އެ ގައުމުގައި އެ ފިލްމު ހިޓް ވިއެވެ. އަދި އަންގްރޭޒީ މީޑިއަމް ވެސް ޗައިނާގައި އެޅުވުމުގެ ވިސްނުމެއް އޭނާގެ އެބަހުއްޓެވެ. ކޮރޯނާވައިރަސްގެ މައްސަލަ ހަމަޔަކަށް އެޅުމުން އެ ފިލްމު ޗައިނާގެ ސްކްރީން ކުރަން ޕްރޮޑިއުސަރު ވަނީ ނިންމާފަ އެވެ.

އިރްފާން، ރާދިކާ މަދަން އަދި ކަރީނާ ކަޕޫރުގެ އަންގްރޭޒީ މީޑިއަމް އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ފިލްމުގެ މިއުޒިކް އަލްބަމާއި ޓްރެއިލާ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވުމާއެކު ބޮކްސް އޮފީހުގައި ވެސް ފިލްމަށް ރަނގަޅު ކާމިޔާބެއް ލިބޭނެކަމަށް އުންމީދު ކުރެވެ އެވެ.