އަހަރެން މި ހުރީ ނުބަލާށެވެ. އެއްވެސް ތަނެއް ނުބަލާށެވެ. އަމުދުން ކުރިމަތި ނުބަލާށެވެ. ދެ ލޯ މަރައިލަން ބޭނުންވިއެވެ. އެކަމަކު ލޯ މަރާ ހިތެއް ނުވިއެވެ. ކަޅި ހަރަކާތްކޮށްލާ ހިތެއް ނުވިއެވެ. މޫނު އަނބުރާލާކަށް ބޭނުމެއް ނުވިއެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހައިލެވުނެވެ. އިސްޖަހައިލީމެވެ. ނުބަލާ ކަމަށް ހެދުނީމެވެ.
"ނޫރާ." އީސަ ގޮވައިލި އަޑު އިވުނެވެ.
ސިހިފައި އަހަންނަށް ބަލައިލެވުނެވެ. ފަހަތަށެވެ. އޭރު އީސަގެ ބަދަލުނުވާ ހިތުންވުން އަހަންނަށް ފެނުނެވެ. އަހަންނަށް ހިންދިރުވާލެވުނެވެ. މަޑުމަޑުން ފަސްއެނބުރި ބަލައިލީމެވެ. ކުރިމައްޗަށެވެ.
"ކިހިނެއްވީ؟" އަނެއްކާ ވެސް އީސަ ބުނެލިއެވެ.
ބަދަލުގައި އަހަރެން ދެ ކޮނޑު އަރުވާލީމެވެ. މޫނުމައްޗަށް ދެތިން ހަރަކާތް ގެނައީމެވެ. ނޭނގެއޭ ބުނާ ކަހަލަ ގޮތަކަށެވެ.
"ކަބީރު ބޮޑުކޮށް ބަލާ ހުންނަނީ އިނގޭ،" އީސަ ވާހަކަދެއްކީ ބިދޭސީންނާ މުޚާތަބު ކުރާ ގޮތަށެވެ. "އަވަސްކޮށްލައިގެން ނަގަނީ. މި މެޑަމް. މެޑަމް ބުނާ ގޮތަށް ބަރާބަށް މަސައްކަތް ކުރަނީ އިނގޭ."
އީސަ އަހަރެންގެ އަތުގައި ހިފިއެވެ. މަޑުމަޑުން ގަޔާ ކައިރިކޮށްލިއެވެ. ކަބީރު ތިރިވެލިއެވެ. ތެޅިފައިވާ ބިއްލޫރި ތަށީގެ އެތިކޮޅުތައް ހޮވަމުން ދިޔައެވެ. އީސަ ހިނގައިގަތެވެ. އަހަރެން ތިރިވެލީމެވެ. ކަބީރު ބަލައިލިއެވެ. އަހަރެންގެ މޫނަށެވެ. އަހަންނަށް ވެސް ބަލައިލެވުނެވެ. ސީދާ ކަބީރުގެ ލޮލަށެވެ. ހަތަރުކަޅި ހަމަވިއެވެ. އެ ފުން ދެ ލޮލުގެ ތެރެއިން އެތައް ވާހަކައެއް އަހަންނަށް ފެންނަން ފެށިއެވެ. އެތައް އިހުސާސެއް ތަރުޖަމާ ކުރެވެމުން ދިޔައެވެ. ސިކުނޑީގައި އާވީ ރޭގެ ހަނދާންތަކެވެ.
"ސޮރީ." ކަބީރު ވައި އަޑުން ބުނެލިއެވެ.
"އިޓްސް އޯކޭ. މަށޭ ސޮރީ ބުނަން ޖެހޭނީ." އަހަރެން ވެސް ވައި އަޑުން ބުނެލީމެވެ.
ކަބީރު ބަލައިލީ އީސަ ކޮބައިތޯއެވެ. އޭރު އޭނާ ރެސްޓޯރެންޓު ދޮރުން ބޭރަން ނިކުންނަނީއެވެ. އަހަންނަށް ޕަރސް ދިއްކޮށްލީ ވެސް ކަބީރެވެ. ޕަރހުގައި ހިފަމުން ގަސްތުގައި ކަބީރުގެ އަތުގައި ހިފީމެވެ. ހީވީ ގަނޑުފެން ގަނޑެއްގައި އަތް ޖެހުނުހެންނެވެ. އޭނާގެ އަތް އެހައި ވެސް ފިންޏެވެ. ބިންމަތީގައި އޮތް ދެތިން ފުޅިތޮށިކޮޅު ނަގައި ކަބީރު ގެންގުޅުނު ތަބަކަށް ލައިދިނީމެވެ.
"މެޑަމް އަތް ހަލާކު ވަނީ." ކަބީރު ބުނެލިއެވެ.
"އީސަ ބުންޏަސް، މެޑަމް ނުކިޔާތި! ނޫރާ ކިޔާ އިނގޭ. ރޭގަ ވެސް ބުނީމެއްނު. އަހަންނަކީ މަރިޔަމް ނޫރާ." އަހަރެން ބުނެލީމެވެ.
"އޯކޭ މެޑަމް،" އަނެއްކާ ވެސް ކަބީރު ބުނެލިއެވެ. "އަދިވެސް ބޭނުންތަ؟"
އަހަރެން ހިނިތުންވެލީމެވެ. ކަބީރު ވެސް ހިނިތުންވެލިއެވެ.
"ކަބީރު ތަޅައިލީ އަހަރެންގެ ހިތް." އަހަރެން ތެދުވަމުން ބުނެލީމެވެ.
އަހަރެން ބުނިއެއްޗެއް ކަބީރަށް ނޭނގުނީ ކަމެއް ނޭނގެއެވެ. އޭނާއަށް އަޑު ނީވުނީ ކަން ނޭނގެއެވެ.
އީސަ އެތެރެއަށް އަންނަތަން ފެނުނެވެ. އަހަރެން ހިނގައިގަތީމެވެ. އީސަ ހުއްޓުނެވެ.
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އީސަ އޮތީ ނިދީގެ ރާގުގައެވެ. އީސަގެ މޫނަށް ބަލައިލެވުނެވެ. ރަޖާގަނޑު ނަގައި ގައިމަތީގައި އަޅައިލީމެވެ. ރަޖާގަނޑު ބޮނޑިކޮށްލައި މޭގައި ޖައްސައިލައިގެން އީސަ އޮތް އަރާމު ގޮތް ފެނުނެވެ. އެ މޫނުމަތިން ފެންނަނީ މައުސޫމުކަމެވެ. ނިޔަނެތިކަމެވެ. އެއީ އޯގާތެރިއެކެވެ. އެއީ، ހިތްހެޔޮ ފިރިއެކެވެ. އަހަންނަށް މިވީ ކީއް ހެއްޔެވެ؟ އޯގާތެރި ފިރިއަކު ލިބުމުން ވެސް ހިތް ނުފުރިގެން މިއުޅެވެނީ ކީއްވެ ހެއްޔެވެ؟ އީސަގެ މޫނަށް ދެވަނަ ފަހަރަށް ބަލައިލެވުނެވެ.
އީސަ އަހަންނާ ގުޅޭ ހެއްޔެވެ؟ އޭނާގެ މަދު ވަނީ ކޮން ސިފައެއް ހެއްޔެވެ؟ އަހަންނަށް ނުލިބިގެން މި އުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟ ބޭނުންވެގެން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ވިސްނައިލެވުނެވެ. ފުންކޮށް ވިސްނައިލެވުނެވެ. ދިރިއުޅުމާ މެދުގައެވެ. އަހަރެންގެ ނަމުގައި ރެސްޓޯރެންޓެއް ހުޅުވައި ދިނީ އީސައެވެ. އެތަނުގެ ނަން ނިސްބަތް ކުރީ އަހަންނާއެވެ. އެތަނުގައި އީސަގެ ހިއްސާއެއް ނެތެވެ. ތަން ހިންގަނީ އީސައެވެ. ބަލަހައްޓަނީ އީސައެވެ. ލިބޭހާ ފައިސާއެއް ޖަމާކުރަނީ އަހަރެންގެ އެކައުންޓަށެވެ. ފައިސާއަކު އީސައެއް ނުޖެހެއެވެ. އޭނައަކީ އަމާނާތްތެރި އެއް ހެއްޔެވެ؟ ނޫނީ މަކަރުވެރިއެއް ހެއްޔެވެ؟ އެއީ އީސަ އަހަންނަށް ދައްކާ ދަޅައެއް ހެއްޔެވެ؟ ނޫނީ އޮޅުވާލުމެއް ހެއްޔެވެ؟ ކަން ދެއްކުމެއް ހެއްޔެވެ؟ އެކަން އަހަންނަކަށް ނުވިސްނެއެވެ.
ކަބީރަކީ ރެސްޓޯރެންޓަށް އަލަށް ގެނައި މުވައްޒަފެކެވެ. ދެތިން އަހަރު ރާއްޖޭގައި އުޅުމުގެ ސަބަބުން އޭނާއަށް ކޮށިކޮށް ނަމަވެސް ދިވެހި އެނގެއެވެ. ދިވެހިންގެ ގޮތް އެނގެއެވެ. ދިވެހިން ގަޔާވާ ކަންކަން އެނގެއެވެ. އަހަންނަށް ފުރަތަމަ ކަބީރު ފެނުނު ދުވަހުން ފެށިގެން އޭނާއަށް ސަމާލު ވެވުނެވެ. އޭނާއާ މެދު ވިސްނެން ފެށިއެވެ. އަހަރެންގެ މަގުސަދު ހާސިލުކުރުމުގެ ހަތިޔާރަށް އޭނާ ހޮވީމެވެ. ސިއްރުންނެވެ. މުޅި ދުނިޔެއާ ސިއްރުންނެވެ.
ފޯނަށް މެސެޖެއް ލިބުނު ހެން ހީވިއެވެ. މިއޮށް ދަންވަރު މެސެޖު ކުރަނީ ކާކު ހެއްޔެވެ؟ އަހަރެން ފޯނު ނަގައި ބަލައިލީމެވެ. މެސެޖެއް ނެތެވެ. ނޮޓިފިކޭޝަނެއް ވެސް ނެތެވެ. ހިތުގައި ވިކައިލީ ނައްސި ހިޔާލެކެވެ. އީސަގެ ފޯނު ނަގައި ބަލައިލީމެވެ. މެސެޖެއް ނެތެވެ. ނޮޓިފިކޭޝަނެއް ވެސް ނެތެވެ. ދެން އެއިވުނީ ކޮން އަޑެއް ހެއްޔެވެ؟
"އަނެއްކާ ރުޝްދާތަ؟" ހިތައިހިތައި ކިޔައިލެވުނެވެ.
މިއީ ހީވި ގޮތެއް ހެއްޔެވެ؟ ނޫނީ ހަގީގަތެއް ހެއްޔެވެ؟ ލޮލަށް ސިފަވަމުން ދިޔައީ ކުރިން ދުވަހު ފެނުނު މެސެޖުތަކެވެ. ހީވަނީ އެ މެސެޖުތައް އަނެއްކާ ފެންނަ ހެންނެވެ. ފަހަރަކު މެސެޖެކެވެ. މެސެޖުތައް ލޮލުކުރިމަތީގައި އުދުހެން ފެށި ކަހަލައެވެ. ހަނދާނުގެ ސަމުގާގެ ކަށި ގޮސް ހުއްޓުނީ އެ މަންޒަރަށެވެ.
އަހަރެން ހުރީ އީސަ އަންނަންވާއިރަށް ކައްކާށެވެ. އަތްމަތި އަވަސްކުރަމުން ގަޑިއަށް ބަލަމުން ދިޔައީމެވެ. ގަޑިން ހަތެއް ޖަހަން އުޅެނީއެވެ. ޑިއުޓީ ނިންމާފައި އަހަންނަށް އާދެވުނުލެއް ތަންކޮޅެއް ލަސްވީއެވެ. އާއްމުކޮށް ހައެއް ޖަހަންވާ އިރަށް ގެއަށް އާދެވޭނެއެވެ. އީސަ އަންނާނީ ހަތްގަޑި ބައިގައެވެ. ދެމީހުން އުޅެނީ ދެ ތަނުގައެވެ. އީސަ އުޅެނީ އަމިއްލަ މީހެއްގެ ގާތުގައެވެ. އަހަރެން އިންނަނީ ފިހާރައެއްގެ ވަތްގަނޑާ ހަވާލުވެގެންނެވެ.
ތަރުތީބުން ކަންކަން ނިންމަމުން ދިޔައީމެވެ. ކުއްލިއަކަށް އިވުނީ އެޕާޓުމަންޓުގެ ރަނގަބީލުވާން ފެށި އަޑެވެ. އީސަ އައީއޭ ހިތް ބުނެލިއެވެ. އަތްދޮވެލައިގެން ގޮސް ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ އީސައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. ގަމީހުގެ ޓައީ ހުރީ އެއްފަރާތަށް ޖެހިފައެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ހޭވިފައިވާ އީސަގެ އިސްތަށި ކޮޅެވެ. ތަރުތީބުކޮށް ކޮޅަށް ޖަހައިފައި ހުންނަ އިސްތަށިކޮޅުގެ ތަރުތީބުވަނީ ގެއްލިފައެވެ.
"އަދި ނިންމާ ނުލެވިގެން މިއުޅެނީ. ސޮރީ." އަހަންނަށް ބުނެވުނެވެ.
"އެބަ އަންނަން ފްރެޝްވެލައިގެން. ތައްޔާރުކޮށްލާ." ފުން ނޭވާއެއް ދޫކޮށްލަމުން އީސަގެ ބަރު ސޯފާއާ ހަވާލުކޮށްލިއެވެ.
އީސަ އިށީނުމުން އިސްޓާކީނު ބަލައިދިނީ އަހަރެންނެވެ. ގަމީހުގެ ގޮށްތައް ނައްޓުވައިދިނީ ވެސް އަހަރެންނެވެ. އީސަ އިނީ އަހަރެންގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާގެ ފޯނު މޭޒުމަތީގައި ބާއްވާލިއެވެ. އަހަންނަށް ބަލައިލެވުނީ އީސަގެ މޫނަށެވެ. ލުއި ހިނިތުންވުމަކާއެކުގައެވެ. ބަދަލުގައި ލުއި ގޮތަކަށް އީސަ ވެސް ހިނިތުންވެލިއެވެ.
"މިއަންނަނީ." އީސަގެ ގަމީސް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ.
އޭނާ ދިޔައީ ކޮޓަރިއާ ދިމާއަށެވެ. އީސަ ކޮޓަރިއަށް ދިޔުމުން އަވަސްއަވަހަށް އީސަގެ ގަމީހަށް ބަލައިލީމެވެ. ހުދުކުލައިގެ ގަމީހުގެ ގިރުވާނާ ދިމާގައި ހުރި ފެވިފައިވާ ރަތްކުލަތައް ލޮލުގައި އަޅައިގަތެވެ. ޝައްކުވާން ފެށިއެވެ. އެކި ޚިޔާލުތަކުން ބޯ ހާސްވާން ފެށިއެވެ. ކުއްލިއަކަށް އީސަގެ ގަމީސް ބޮނޑިކޮށްލެވެނެވެ. ދެ ބުމަ ގޮށް ޖަހައިލެވުނެވެ. އޭރު ކަރުނަތައް ލޮލަށް ގިނަވަމުން ދިޔައެވެ.
ދެވަނަ ހިޔާލެއް އައުމުން އަނެއްކާ ވެސް ގަމީހަށް ބަލައިލީމެވެ. ގަމީސް ނަގައި ނޭފަތުގައި ޖައްސާލީމެވެ. އެހައި ހިސާބުން ޔަގީންވިއެވެ. ވަހުންނެވެ. އެއީ އަހަންނަށް އޮޅުވާލެވޭނެ ވަހެއް ނޫނެވެ. އެއީ އަންހެން ސެންޓެއްގެ ވަހެވެ. އީސަ ޖަހާ ސެންޓުގެ ވަހެއް ނޫނެވެ. އަހަރެންގެ އަތުން ގަމީސް ވެއްޓުނެވެ. ލޮލުގެ ތެރެއަށް ގިނަވަމުން ދިޔަ ކަރުނަތައް ކޯތާފަތް މަތިން ފައިބަން ފެށިއެވެ. އަހަންނަށް އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ގަދަކަމުން ހިންދިރުވާލެވުނެވެ. ހިތުގައި ސުވާލުތައް އުކެން ފެށިއެވެ.
އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީ ބާއޭ ހިތަށް އެރިއެވެ. އީސަ ނުރުހޭ ކަމެއް ކުރެވުނީ ބާއޭ ހިތް އަހައިލިއެވެ. އީސައަށް މަދުވަނީ ކޮންކަމެއްބާއެވެ؟ އޭނާއަށް ނުފުދެނީ ހެއްޔެވެ؟ އަހަރެން ކަމުނުދަނީ ހެއްޔެވެ؟ ދެން ކޮންކަމެއް ހެއްޔެވެ؟ އީސަ ބަދަލުވީ ހެއްޔެވެ؟
ކުއްލިއަކަށް ސިހޭގޮތްވިއެވެ. އުނދުން މައްޗަށް އުދާފައި ހުރި ތެލިން ވައި ބޭރުވާ އަޑަށެވެ. ދުވެފައި އަހަންނަށް އެދިމާއަށް ދެވުނެވެ. އީސަގެ ގަމީސް ބާއްވާލެވުނީ ސޯފާމަތީގައެވެ.
އަތްމަތި އަވަސްކޮށް މަސައްކަތްތައް ނިންމާލުމަށް ހިފައިލީމެވެ. ގަޑިއަށް ބަލައިލީމެވެ. ބާކީ ހުރި މަދުން ކަންކަން އީސަ ނުކުންނަންވާ އިރަށް ނިންމާލެވޭތޯއެވެ. ކުއްލިއަކަށް ފޯނު ރިންގުވާ އަޑު އިވެމުން ދިޔައެވެ.
"ނޫރާ. ފޯނު ނަގައިބަލަ. ބުނޭ އަހަރެން ފާޚާނާގައޭ." އީސަގެ އަޑު އިވެމުން ދިޔައެވެ.
އަހަރެން ހެދުމުގެ ފަސްބައިން އަތްފޮހެލަމުން އީސަގެ ފޯނު ނަގަން ދިޔައީމެވެ. އަހަންނަށް ބަލައިލެވުނީ ފޯނަށް އަރާފައިވާ ނަމަށެވެ. ރުޝްދާގެ ނަން ހިތުން ކިޔައިލީމެވެ. ފޯނު ނަގަން ގުދުވެލި އިރަށް ފޯނު ކެނޑުނެވެ. ވީ ފޫއްސެއްގެ ބޮޑު ކަމުން އެނބުރި މަސައްކަތަށް ދާން ފިޔަވަޅެއް ނެގި އިރަށް މެސެޖެއް އާ އަޑު އިވުނެވެ. އަހަރެން ފޯނަށް ބަލައިލީމެވެ. އެއީ ރުޝްދާގެ މެސެޖެކެވެ.
"ކިހިނެއްވީ؟ ރުޅި އައިސްގެންދޯ ތި ދިޔައީ." އަހަރެން ފޯނު ނަގައި މެސެޖު ކިޔައިލީމެވެ.
"މަ އެވަރަށް ބުނީމަ ވެސް. ތިހާ އަނބިދަށުވާ އެއްޗެއް ނޫނޭ." އަނެއްކާ ވެސް ރުޝްދާ މެސެޖެއް ލިބުނެވެ.
"ހުކުރު އަންނަންދެން ހަމަ ކެތް ނުވަނީއޭ." މިފަހަރު ހިތެއް މެދުން ފަޅިވެފައިވާ އިމޯޖީއެއް މެސެޖުގައި އޮތެވެ.
"އޯކޭ. މާދަމާރޭ ރޫމު ވެސް އެބަހުސްވޭ. އޮފީސް ނިންމާގޮތަށް ދާނީ ދޯ." ރުޝްދާގެ ފަހު މެސެޖު ކިޔައިލެވުނު އިރު އަހަރެންގެ ލޮލުން ކަރުނަ އޮހިގަތެވެ.
ކުރެވެމުން ދިޔަ ޝައްކުތައް ޔަގީންވާން ފެށިއެވެ. އީސައާ މެދު ހިތުގައި ޖަހަމުން ދިޔަ ވިންދުތައް ކިލަނބުވާން ފެށީ އެހައި ހިސާބުންނެވެ. ޝައްކުގެ ރާޅުބާނިތައް ބޮޑުވެ ސުނާމީތައް އުފެދެން ފެށީއެވެ. ނަމަވެސް، ކެތްކޮށްލާނީއޭ ހިތަށް އެރިއެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމާއެކު މޭޒުމަތީގައި ފޯނު ބާއްވާލީމެވެ. އީސަގެ ގަމީސް ނަގައި ހިނގައި ގަތީމެވެ.
ކަޅި ޖަހައި ނުލައި އަހަންނަށް ބެލުނީ އީސަގެ މޫނަށެވެ. ފެންވަރައިގެން ނުކުތް އިރު އޭނާ ފެންނަނީ ވަރަށް ތާޒާކޮށްނެވެ. މޫނުމަތިން ވަރުބަލި ކަމުގެ އިހުސާސް ފެންނާކަށް ނެތެވެ. މުޅި މީހާ ވަނީ އާވެފައެވެ. އެ މޫނަށް ބަލައިލުމުން ވެސް ބަލާ މީހާއަށް ވެސް އުފާވެރިކަން ލިބޭހައި ވެއެވެ.
"ދޭ ތައްޔާރުވެލައިގެ އަންނަން." އީސަ ބުނެލިއެވެ.
"ނިންމައިފަ ތަށިތައް ނަގައިފަ ދާނީ." އަޑުވަނީ ކުރަކި ވެފައެވެ.
"ރޯގާ ޖެހުނީތަ؟" އީސަ އަހައިލިއެވެ.
"ނޫން." އަހަރެން އީސައަށް ފުރަގަސްދިނީމެވެ.
އޭރު ވެސް ލޮލަށް ޖަމާވެފައިވާ ކަރުނަތައް ކޯތާފަތްމަތިން ދަތްދޮޅިއާ ހަމައަށް ފައިބަމުން ދިޔައެވެ. އަތުގެ ނުފުށުން ލޯ ފޮހެލީމެވެ. އަވަސްއަވަސް ކޮށްލުމަށްފަހު މޭޒުމަތީގައި ތަށިތައް އަތުރައިލީމެވެ. އީސައަށް ގޮވާލުމުން އޭނާ އައިސް އިށީނެވެ. އީސަގެ ތަށްޓަށް މުގުރިހަ އަޅައިދިނީމެވެ. އެއީ އޭނާއަށް އެންމެ މީރު ރިހައެވެ. ކުޅިމަސްތަށި ކައިރިކޮށްދިނީމެވެ. އަހަރެން އިނީ އިސް ޖަހައިގެންނެވެ. އީސަގެ މޫނަށް ބަލައިލަން ބޭނުން ނުވެފައެވެ. އަހަރެންގެ މޫނު އީސައަށް ފެނިދާނެތީއެވެ.
"ކޮބާ ރޮށި؟" އީސަ އަހައިލިއެވެ.
"އޯހ." އަހަރެން އަވަހަށް ތެދުވީމެވެ.
ރޮށި ތަބަށް ގެނެސް މޭޒުމަތީ ބަހައްޓައިލީމެވެ. އީސަ އަހަރެންގެ މޫނަށް ބަލައިލިއެވެ. އޭނާއަށް ކަމެއް ފާހަގަވީ ކަންނޭނގެއެވެ. އަހަރެން ނޭނގޭ ކަމަށް ހަދައިލީމެވެ.
"ކިހިނެއްވީ؟ ހާދަ ނެގިމަޑު ވެފަ؟" އީސަ އަހައިލިއެވެ.
"ކަމެއް ނުވޭ." ފަރުވާ ކުޑަ ރާގަކަށް އަހަރެން ބުނެލީމެވެ.
"ނޫރާއަކާ ނުވެސް ގުޅޭ." އީސަ އަނެއްކާ ވެސް ބުނެލިއެވެ.
އީސަ ރޮށްޓެއް ނަގައި ކާންފެށިއެވެ. އަހަންނަށް ބަލައިލެވުނީ އީސަގެ މޫނަށެވެ. ހައިރާން ކަމާއެކު އޭނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އޭނާ އަނގަޔަށްލީ ރޮށިކޮޅު ވެސް ބޭރަށް ނެރުނެވެ.
"ކިހިނެއްވީ؟" އަހަންނަށް ބުނެލެވުނެވެ.
"ލޮނު ރަހަ..." އީސަ ހުއްޓައިލިއެވެ.
"ސޮރީ." އަހަންނަށް ބުނެވުނެވެ.
"ދީބަލަ ލޮނު ފުޅި." އީސަ ބުނެލިއެވެ.
އަހަންނަށް އީސަގެ މޫނަށް ބަލަން އިނދެ އަތްދިއްކޮށްލާ ފުޅިއެއް ނެގީމެވެ. އީސަ ޗުސް ޖަހައިލިއެވެ. އޭނާ ތެދު ވެލައި ލޮނު ފުޅި ނެގިއެވެ. އަހަންނަށް ބަލައިލެވުނީ އަތުގައި އޮތް ފުޅިއަށެވެ. ދެފަރާތަށް މަޑުމަޑުން ބޯ ހޫރައިލެވުނެވެ. އަތުގައި އޮތީ އަސޭމިރުސް ފުޅިއެވެ. އަހަންނަށް އިސްޖަހައިލެވުނެވެ.
"އަހަންނަކަށް ނޭނގެ ނޫރާއަށް ތިއައީ ކޮންކަހަލަ ބަދަލެއް ކަމެއް،" އީސަ ބުނެލިއެވެ. "ނޫރާގެ ރަހައެއް ނެތް."
އަހަންނަށް އަނެއްކާ ވެސް ބަލައިލެވުނީ އީސަގެ މޫނަށެވެ. އޭނާ އިނީ ތަށްޓަށް ބަލައިގެންނެވެ. އޭނާ ކައި މަންޒަރު ބަލާށެވެ. އެހެންޏާ ހުންނަ ޝައުޤުވެރިކަމެއް އެ މޫނަކުން ނުފެނެއެވެ. އެ ފޯރިއެއް ވެސް ނެތެވެ.
"ކިހިނެއްވީ؟ ކައި ހިތް ނުވަނީތަ؟" އީސަ ބަލައިލީ އަހަރެންގެ މޫނަށެވެ.
އަހަންނަށް އިނދެވުނީއެވެ. އަތުގައި އޮތް ރޮށިކޮޅު ތަށީގައި ހޭކުނީއެވެ. އަނގަޔަށް ލާ ހިތް ނުވަނީއެވެ. ފެނުނު ކަންކަމުން ކެއުން މަތިން ވެސް ފޫހިވީއެވެ.
"ނޫރާއަށް ކުއްލި ބަދަލެއް އަތުވެއްޖެ." އީސަ އަނެއްކާ ވެސް ބުނެލިއެވެ.
އަހަރެން ނޫންކަމަށް ހެދީމެވެ.
"ފާޑަކަށް މޭ ނުބައި ކުރަނީ. އޯކަށް ދެމޭ ގޮތްވަނީ." އަހަންނަށް ބުނެލެވުނެވެ.
"އޭނ، ހަމަ ހުވާ؟" އީސަ ހިނިތުންވެލިއެވެ. "ތި ވަރަށް އުފާވެރި ކަމެއް."
އީސަ އަހަރެންގެ އަތުގައި ހިފައިލިއެވެ. ހައިރާން ކަމާއެކު އަހަރެން ބަލަން އިނީމެވެ. ކުރިއަށް ވުރެ ބޮޑަށް ފޫހިވާގޮތްވިއެވެ.
"އާނ، މަށަށް އެހެން ހީ ވެއްޖޭ. އެހެންވެ ދެބުމައިން ޖޯލި ގަތައިގެން ތި އިންނަނީ ދޯ." އީސަ ހިނިތުންވަމުން އަހަރެންގެ އަތުގައި ފިރުމައިލިއެވެ.
"ތި ހީކުރާ ކަމެއް ނުވޭ." ފަރުވާ ކުޑަ ރާގެއްގައި އަހަރެން ބުނެލީމެވެ.
"ނުވާނެ. ތީ ހަމަ އެކަމުގެ އަލާމާތްތައް." އީސަ ކޮޅަށް ތެދުވިއެވެ.
"ނޫނެކޭ. ކީއްވެގެންތަ ތިއުޅެނީ؟ އަހަރެން ބަނޑުބޮޑެއް ނޫނޭ." ބާރުބާރަށް އަހަންނަށް ބުނެލެވުނެވެ.
(ނުނިމޭ)