ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްކޫލްތައް ބަންދުކުރަން ޓީޗަރުންގެ ޖަމިއްޔާއިންވެސް ގޮވާލައިފި

Mar 11, 2020
1

ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް ރާއްޖޭންވެސް ފެނިފައިވާތީ، ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮަތަށް ސްކޫލްތައް ބަންދުކުރުމަށް ޓީޗާރުންގެ ޖަމިއްޔާ އިން މިއަދު ގޮވާލައިފި އެވެ.

ޓީޗާސް އެސޯސިއޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުން ސްކޫލުތަކުގެ ކިޔެވުން އަލުން ނުފަށައި، ސްކޫލްތައް ބަންދުކުރަން ޖެހޭނެ ކަމަށެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދޭން ޖެހޭނީ ޓީޗަރުންނާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހަތަށް ކަމަށްވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

ސްކޫލުތައް މިހާރު އޮތީ ފުރަތަމަ ޓާމުގެ މިޑް-ޓާމް ބްރޭކުގަ އެވެ. ހަފުތާއެއްގެ ޗުއްޓީއަކަށް ފަހު އަންނަ އާދިއްތަ ދުވަހު ކިޔެވުން ފަށާއިރު، މިހާރު އޮތް ހާލަތުން ސްކޫލުތައް ބަންދުކުރަން ޑޮކްޓަރުންގެ ޖަމިއްޔާއިން ވެސް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސްކޫލްތައް ބަންދުކުރަންޖެހޭ ހާލަތެއް އަދި ނެތް ނަމަވެސް، އެކަން ކުރަން ޖެހިއްޖެނަމަ، ކުދިންނަށް ގޭގައި ތިބެގެން ކިޔަވައިދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ސަރުކާރުން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ވަނީ ބުނެފަ އެވެ.

ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ އިރުޝާދާއެކު ވައިރަހާ ގުޅިގެން ކަނޑައަޅަންޖެހޭ އެލާޓް ލެވެލްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން، ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރަންޖެހޭ ހާލަތަކަށް އަދި ރާއްޖެ ނުދާ ކަމަށް މަބުރޫކު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ސްކޫލްތައް ބަންދު ނުކުރި ނަމަވެސް ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މި ދުވަސްވަރު ކުރިއަށް ނުގެންދަން މިނިސްޓްރީއިން ވަނީ ސްކޫލްތަކަށް އަންގާފަ އެވެ. މީގެ އިތުރުން، މާލޭގައި ހިންގާ ދެ ޔުނިވާސިޓީގެ އިތުރު ހަރަކާތްތައްވެސް ވަނީ މެދުކަނޑާލާފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އަށް މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓެކެވެ. އޭގެ އިތުރުން ކުރަމަތި ރިސޯޓުންވެސް ދެ ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ.