ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ރާއްޖޭންވެސް ފެނިފައިވާއިރު، އެކަމާ ގުޅިގެން ކަނޑައަޅާފައިވާ އެލާޓް ލެވެލް ދަށްކުރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުން އެ ރިސޯޓުގެ ދެ މުވައްޒަފަކަށް އެ ބަލި ޖެހުމާއެކު، މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ކަނޑައަޅައިފަ އެވެ.
ޔެލޯ އެލާޓަކީ ގައުމަކުން ބޭރުން އައި ފަރާތަކުން އެ ވައިރަސްޖެހިފައި ވީނަމަވެސް، ގައިން ގަޔަށް އެ ބަލި ދަތުރުކޮށް އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިނުވާ ހާލަތަކެވެ.
ނަމަވެސް، ވައިރަހާ ގުޅިގެން އިގުތިސޯދަށް ނޭދެވޭ އަސަރުތައް ކުރާތީ، އެ ލެވެލް ދަށްކުރުމަށް ސަރުކާރުން އުޅޭކަމުގެ ތުހުމަތެއް ވަނީ ފެންމަތިވެފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އެލާޓް ލެވެލް ދަށްކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
މުޅި ރާއްޖެއަށް ޔެލޯ އެލާޓް ލެވެލް ކަނޑައަޅާފައިވާއިރު، އެ ވައިރަހަށް ޕޮޒިޓިވްވި ކޭސްތައް އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ ރިސޯޓު އޮތީ އޮރެންޖު ލެވެލްގަ އެވެ. އޮރެންޖު އެލާޓަކީ ގައުމަކުން ބޭރުން އައި ފަރާތަކުން އެ ވައިރަސް ޖެހި ސީދާ އެ މީހާގެ ފަރާތުން އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިވާ ހާލަތު ބަޔާންކުރާ ދަރަޖަ އެވެ.
އޭގެ ފަހުން، ބަތަލާ ރިސޯޓުގެ އިތުރުން ކުރަމަތި ރިސޯޓުންވެސް އެ ބަލި ވަނީ ފެނިފަ އެވެ. އެ ތިން ރިސޯޓަށް ވެސް އަރާ ފޭބުން މަނާކޮށްފައިވީ ނަމަވެސް، ބަތަލާ އާއި ކުރަމަތި ރިސޯޓު އޮތީ ކޮން އެލާޓް ލެވެލެއްގައި ކަމެއް ނޭނގެ އެވެ. އެކަމާ ގުޅިގެން މަބުރޫކު މިއަދު ވިދާޅުވީ އެކަން މީޑިއާތަކަށް ސާފުކޮށްދެއްވާނެ ކަމަށެވެ.
އޮރެންޖު ލެވެލް ކަނޑައަޅާފައިވާ ޅ. ކުރެއްދޫ ރިސޯޓްގައި އެކަހެރިކޮށްފައިވާ މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ބަންދު ކުރުމަށްފަހު، ރިސޯޓް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މަބުރޫކު ވަނީ މިއަދު ވިދާޅުވެފަ އެވެ.
އެ ތިން ރިސޯޓުން ޖުމްލަ އަށް މީހަކު މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއްގެ އިތުރުން ފަތުރުވެރިންނެވެ.