ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މީޑިއާތަކުން ތެދު މައުލޫމާތު ފެތުރުމަށް ރައީސް އެދިވަޑައިގެންފި

Mar 11, 2020
1

މީޑިއާތަކުން ވީހާވެސް ބޮޑަށް ތެދު މައުލޫމާތު ފެތުރުމަށް ބާރުއަޅުއްވައި އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ރާއްޖޭގެ މީޑިއާ ކައުންސިލުގެ އިސްބޭފުޅުންގެ އަރިހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު މިކަމަށް އެދިވަޑައިގަތީ، ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމަށް އެރުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެއްވެސް ކަމެއްގެ ހަގީގަތް އޮޅޭގޮތަށް ހަބަރުތައް ޝާއިއު ކުރަމުންގެންދާނަމަ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ނުކުންނާނެ ކަމަށާއި ކޮންމެ ނޫސްވެރިޔަކުވެސް އެ ނޫސްވެރިއެއްގެ ފުރިހަމަ ޒިންމާ އަދާކުރުން މުހިއްމު ކަމަށެވެ.

ކޮވިޑް-19 ބާރަށް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހަގީގީ މައުލޫމާތު ފޯރުކޮށްދިނުން ވަރަށް މުހިއްމު ކަމަށާއި ރައްޔިތުންގެ ތެރޭގައި ހާސްކަން އުފެދޭފަދަ ގޮތްގޮތަށް ތެދުނޫން މައުލޫމާތު ފެތުރުމަކީ، ޒިންމާދާރު ގޮތެއްގައި ވާޖިބު އަދާކުރުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން، މީޑިއާތަކުން ފަތުރަމުން ގެންދަނީ ތެދު މައުލޫމާތުތޯ ބެއްލެވުމަށް މީޑީއާ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ދެހާސްއަށާރަ ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވެވި ރަސްމިއްޔާތުގައި އައްބާސް އިބްރާހީމަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އޭރު އެރުވިފައިނުވަނީ، އެދުވަސްވަރު ރާއްޖޭގައި ވަޑައިގެން ނެތުމުންނެވެ. ނޫސްވެރިކަމުގެ ދާއިރާގައި އައްބާސް އިބްރާހީމް ކުރެއްވި ހިދުމަތްތަކަށް ރައީސް ބައްލަވާލައްވަމުން، އައްބާސް އިބްރާހީމަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ 75 އަހަރުވީ ތާރީހުގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ނޫސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި އެފަދަ ބޭފުޅުންގެ ތަޖުރިބާ މިއަދުވެސް ބޭނުންވާ ކަމުގައި ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ދެއްކެވި ވާހަކަފުޅުގައި، މީޑިއާ ކައުންސިލުން މިހާރު ކުރަމުން ގެންދަން މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި އެ ކައުންސިލަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.