ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގޭގައި އެކަހެރިކުރާ މީހުން ބޭރަށް ނިކުމޭތޯ ފުލުހުން ބަލަނީ

Mar 11, 2020

ބޭރު ގައުމުތަކުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ގޭގައި އެކަހެރިކޮށް ތިބުމަށް އަންގާފައިވާ މީހުން ބޭރަށް ނިކުމެ އުޅޭތޯ ފުލުހުން ބަލަމުންދާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އުމްރާގެ އަޅުކަމަށްފަހު މިއަދު ރާއްޖެ އައި ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ 50 މީހުން ގޭގައި އެކަހެރިކޮށް ތިބުމަށް ވަނީ އަންގައިފަ އެވެ. ނަމަވެސް، އެފަދަ މީހުން ބޭރަށް ނިކުމެ އުޅެފާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ، ގޭގައި އެކަހެރިކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށް ފުލުހުންގެ ފަރާތުން އެފަދަ މީހުނަށް ލިޔުމެއް ހަވާލުކުރާނެ ކަމަށެވެ.

"ދެން އެމީހުން ބޭރު ތެރެއަށް ނުކުމެ އުޅޭނަމަ ފުލުހުން އެކަމަށް އެޓެންޑްވާނެ ކަމަށް ވަނީ ވިދާޅުވެފައި،" މަބުރޫކު ވިދާޅުވި އެވެ.

ގޭގައި އެކަހެރިކުރާ މީހުން އެގޮތުގައި ތިބެންޖެހެނީ ދެ ހަފުތާއަށެވެ. އެ މުއްދަތުގެ އެމީހުންގެ ހާލަތު ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބަލަމުންދާނެއިރު އެމީހުންގެ އާއިލާގެ މީހުން ވެސް މޮނީޓާ ކުރުމަށް ވަނީ ނިންމާފަ އެވެ.

ސައުދި އަރަބިއްޔާއިން މިހާރު ވަނީ އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އެ ފިޔަވަޅަށް ފަހު ވެސް އެ ގައުމުން ވަނީ ކޮރޯނާ ވައިރަހަށް ބަޔަކު ޕޮޒިޓިވްވެފަ އެވެ. އެހެންވެ، އެ ގައުމުގައި ވެސް ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. މިއަދު ސައުދީން އައި އުމްރާ ގުރޫޕަކީ އުމްރާގެ އަޅުކަމަށް މީހުން އައުން ސައުދީއިން މަނާކުރި ދުވަހު ރާއްޖެއިން ފުރި ބަޔަކެެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އަށް މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓެކެވެ. އޭގެ އިތުރުން ކުރަމަތި ރިސޯޓުންވެސް ދެ ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ.