ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރަމަތި އަދި ބަތަލާގައި އޮތީ ޔެލޯ އެލާޓް

Mar 12, 2020

ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ކޭސްތައް މިހާތަނަށް ފެނުނު ތިން ރިސޯޓުގެ ތެރެއިން، އޮރެންޖް އެލާޓް ކަނޑައަޅާފައިވަނީ ހަމައެކަނި އެ ވައިރަސް ފުރަތަމަ ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ރާއްޖެއަށް އެ ބަލި ފެތުރިފައިވަނީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އޭގެ ފަހުން އެ ރިސޯޓްގެ ހަތަރު މީހަކު މިހާތަނަށް ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ރިސޯޓް މިހާރު އޮތީ މީހުންނަށް އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ރިސޯޓްގައި ބަޔަކު އެކަހެރިކޮށްފައިވެސްވެ އެވެ.

ރާއްޖޭގައި ދެން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނެވެ. އެއީ ވެސް އިޓަލީގެ ދެ މީހުންނެެވެ. އެ ދެ މީހުން އިތުރަށް މޮނީޓާ ކުރުމަށް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން ކުރަމަތި ރިސޯޓުގައި ތިބި ދެ ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ.

ވައިރަސް ފެނުމާއެކު، މުޅި ރާއްޖެއަށް ޔެލޯ އެލާޓް އަދި ކުރެއްދޫއަށް އޮރެންޖު އެލާޓް ސަރުކާރުން ކަނޑައެޅި އެވެ. ނަމަވެސް، އޭގެ ފަހުން ވައިރަސް ފެނުނު ބަތަލާގެ އިތުރުން ކުރަމަތި ރިސޯޓުގެ އެލާޓް ލެވެލް ސީދާ ހާމަކޮށްފައެއްނުވެ އެވެ.

އެ ކަމާ ގުޅިގެން، ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް މިރޭ ވިދާޅުވި ގޮތުގައި ބަތަލާގެ އިތުރުން ކުރަމަތި ރިސޯޓު އޮތީ ޔެލޯ އެލާޓުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ދެ ރިސޯޓު ޔެލޯ އެލާޓުގައި އޮތީ އެ ދެ ރަށުންވެސް ވައިރަސް ފެނިފައިވަނީ ރާއްޖޭން ބޭރުން އައި މީހެއްގެ ކިބައިން ކަމަށްވާތީ ކަމަށެވެ. އަދި އޮރެންޖު އެލާޓަށް މަތި ކުރާނީ ޕޮޒިޓިވްވި މީހެއްގެ ފަރާތުން އެ ބަލި އެހެން މީހަކަށް އެރުމުން ކަމަށްވެސް މަބުރޫކު ވިދާޅުވި އެވެ.

ކުރެއްދޫގެ އެލާޓް ލެވެލް ތަފާތުވަނީ އެހެންވެކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެ ތިން ރަށަށްވެސް އަރާ ފޭބުން މަނާކޮށްފައިވީ ނަމަވެސް، ކުރެއްދޫ ރިސޯޓުގައި ކަރަންޓީނުކޮށްފައިވާ މީހުން ރަށުގެ ވަކި ސަރަހައްދަކަށް ބަދަލުކޮށް، ރަށް އަލުން ހުޅުވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށް މަބުރޫކު މިއަދު ހެނދުނު ވަނީ ވިދާޅުވެފަ އެވެ.