ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަތަލާ ރިސޯޓުން އިތުރު ބިދޭސީއަކު ޓެސްޓު ކުރަނީ

Mar 11, 2020

ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސޭންޑީޒް ބަތަލާ މޯލްޑިވްސް އިން ބިދޭސީއަކު ޓެސްޓުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެ މީހާ ގެންދިޔުމަށް ހަމަޖެހިފައިވަނީ ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ކަމަށެވެ.

އެންމެ ފަހުގެ މައުލޫމާތު

  • ފަރުކޮޅުފުށި އައިސޮލޭޝަން: 16 މީހުން
  • ވިލިވަރު ކަރަންޓީނު: 13 މީހުން

ރާއްޖެއަށް އެ ބަލި ފެތުރިފައިވަނީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އޭގެ ފަހުން އެ ރިސޯޓްގެ ހަތަރު މީހަކު މިހާތަނަށް ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ރިސޯޓް މިހާރު އޮތީ މީހުންނަށް އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ރިސޯޓްގައި ބަޔަކު އެކަހެރިކޮށްފައިވެސްވެ އެވެ.

ރާއްޖޭގައި ދެން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނެވެ. އެއީ ވެސް އިޓަލީގެ ދެ މީހުންނެެވެ. އެ ދެ މީހުން އިތުރަށް މޮނީޓާ ކުރުމަށް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން ކުރަމަތި ރިސޯޓުގައި ތިބި ދެ ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު އަށަކަށް އަރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ.