ބޮލީވުޑް

"އެކް ވިލަން 2"ގައި ދިޝާއާއެކު ތާރާ

"އޭކް ވިލަން" ގެ ސީކުއަލް "އޭކް ވިލަން 2" ގެ ދެ ވަނަ ބަތަލާ އަކަށް ތާރާ ސުތާރިއާ ހަމަޖައްސައިފި އެވެ. މޯހިތު ސޫރީ ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލުންގެ ގޮތުގައި ޖޯން އަބްރަހަމް އާއި އަދިތުޔާ ރޯއި ކަޕޫރު އަދި ބަތަލާގެ ރޯލަށް ދިޝާ ޕަޓްނީ ވަނީ ކުރިން ހަމަޖައްސާފަ އެވެ.

ބާލާޖީ މޯޝަން ޕިކްޗާޒް އިން ކުރި ޓުވީޓެއްގައި "އޭކް ވިލަން 2" އަށް ތާރާ ހަމަޖެހުނުކަން ވަނީ އިއުލާންކޮށްފަ އެވެ. އަދި ވިލަން ގޭންގަށް އޭނާއަށް މަރުހަބާ ކިޔާފައި ވެއެވެ.

މި ފިލްމުގައި ތާރާ ބައިވެރިކުރުމާ ބެހޭ ގޮތުން މޯހިތު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއުޒީޝަނެއްގެ ރޯލަށް ފިޓްވާން މުޅި އުމުރުވެސް މަދުކަމަށާއި ނަމަވެސް ސާރާއަކީ ކުޑައިރުއްސުރެ މިއުޒީޝަނެއްގެ ތަމްރީނުތައް ހޯދަމުން އައި ބަތަލާއަކަށް ވާތީ މި ރޯލަށް އޭނާ ވަރަށް ފިޓް ކަމަށެވެ. ތާރާގެ އަޑު ރީތިވެފައި އެ އަޑުގައި ތެދުވެރިކަން އެކުލެވޭ ކަމަށާއި ފިލްމު އުފައްދާ މީހަކަށް އޭނާގެ ފިލްމަށް މިހާ ފުރިހަމަ އެކްޓަރެއް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް ޑައިރެކްޓަރުގެ ބަޔާނުގައި ބުނެފައި ވެއެވެ.

"އޭކް ވިލަން" އަކީ 2014 ގައި އުފެއްދި ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމުގެ ތަރިންނަކީ ސިދާރްތު މަލްހޯތުރާ އާއި ޝްރައްދާ ކަޕޫރު އަދި ރިތޭޝް ދޭޝްމުކް އެވެ.

މޯހިތު ދާދި ފަހުން ވަނީ އަދިތުޔާ ރޯއި ކަޕޫރާއި ދިޝާ ޕަޓްނާ އާއެކު "މަލަންގް" އުފައްދާފަ އެވެ. އަދި "އޭކް ވިލަން 2"ގައި މި ދެ ތަރިން ބައިވެރިކޮށްފައި ވަނީ އެ ފިލްމުގައި ދެއްކި އެކްޓިން ކަމަށް ވެސް މޯހިތު ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ. ނަމަވެސް "އޭކް ވިލަން 2"ގައި އަދިތުޔާގެ ލޯބިވެރިޔާގެ ރޯލު ކުޅޭނީ ތާރާ އެވެ. ދިޝާ ކާސްޓް ކޮށްފައި ވަނީ ޖޯންގެ ލޯބިވެރިޔާގެ ރޯލަށެވެ.

"އޭކް ވިލަން" ގެ ދެ ވަނަ ބައި ޕްރޮޑިއުސްކުރަނީ ބާލާޖީ ޓެލެފިލްމްސް އާއި ޓީ-ސީރީޒް ގުޅިގެންނެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޖެނުއަރީ 8، 2021 ގައެވެ.