ބޮލީވުޑް

ކުރީގެ ފިލްމު "ދަ ބާނިން ޓްރެއިން"ގެ ރިމޭކެއް

ފިލްމު ޕްރޮޑިއުސަރު ޖޫނޯ ޗޯޕްޅާ އާއި ޖެކީ ބަގްނާނީ ގުޅިގެން "ދަ ބާނިން ޓްރެއިން" ގެ ރިމޭކެއްގެ މަސައްކަތް ފަށައިފި އެވެ. މި ފިލްމަކީ 1980 ގައި ރިލީޒް ކޮށްފައިވާ ވަރަށް ރީތި އެކްޝަން-ތުރިލާ ފިލްމެކެވެ. ޗޯޕްޅާ ދާދި ފަހުން ވަނީ ހަމަ މިކަހަލަ ކުރީގެ ރީތި ފިލްމެއް ކަމަށްވާ "ޕަތީ ޕަތުނީ އައުރް ވޯ" ގެ ރިމޭކެއް ވެސް ޕްރޮޑިއުސްކޮށްފަ އެވެ.

މި ފިލްމުގެ މަސައްކަތް ކުރާކަން ބަގްނާނީ ވަނީ ޓުވިޓާގައި އިއުލާންކޮށްފަ އެވެ. އޭނާ ލިޔެފައިވާ ގޮތުގައި އޭނާގެ އެކުވެރި ޖޫނޯ ޗޯޕްޅާ އާ ގުޅިގެން "ދަ ބާނިން ޓްރެއިން" ގެ ރިމޭކެއްގެ މަސައްކަތް ފަށާކަން އުފަލާއެކު އިއުލާންކުރާ ކަމަށާއި މިއީ ރަވީ ޗޯޕްޅާގެ ކްލެސިކް ފިލްމެއް ކަމުން ފިލްމު އެކަށީގެންވާ އިންސާފެއް ލިބޭ ފަދަ ގޮތަކަށް އުފައްދަން އުންމީދުކުރާ ކަމަށެވެ. އަދި "ދަ ބާނިން ޓްރެއިން" ގެ ޖާދޫ މިފަހަރުގެ ފިލްމުގައި ވެސް ދެއްކުމަށް އުންމީދުކުރާ ކަމަށް ވެސް ބަގްނާނީ ބުނެފައި ވެއެވެ.

"ދަ ބާނިން ޓްރެއިން"ގައި ވިނޯދް ކަންނާ ވަރަށް ހަލުވިކޮށް ދުވާ ސުޕަ އެކްސްޕްރެސް ރޭލެއް އުފައްދަ އެވެ. ހަ އަހަރުގެ މަސައްކަތުން އޭނާ އުފައްދާ މި ރޭލު އުފެއްދުމަށް ފިލްމުގައި ނުބައިބައި ކުޅޭ ޑެނީ ޑެންޒޮޕާ ވެސް މަސައްކަތް ކުރެ އެވެ. ނަމަވެސް ޑެނީގެ ޑިޒައިން ނުހޮވި ރޭލު އުފެއްދުމަށް ހޮވެނީ ވިނޯދްގެ ޑިޒައިނެވެ. ޑެނީ މިކަމާ ރުޅިގަދަވެ އެވެ. އަދި ރޭލު ދުއްވަން ފެށުން އިފްތިތާހު ކުރުމުގެ ގޮތުން ދިއްލީ އިން މުމްބައި ކުރާ ދަތުރުގައި އޭގައި ބޮމެއް ހަރުކުރެ އެވެ.
ރޭލުގައި ބޮން ގޮވާއިރު އޭގެ ހުރިހާ ކޮމްޕާޓްމަންޓެއްގައި ކަހަލަ ގޮތަކަށް ފުރެންދެން މީހުން ތިބެ އެވެ. ފިލްމުގެ ބާކީ ބައިގައި ފެންނަނީ ވިނޯދްގެ އެކުވެރި ދަރުމެންދުރަ އާއި އެ ރޭލުން ދަތުރުކުރި އެހެން ދެ މީހެއް ކަމަށްވާ ޖީތެންދުރަ އާއި ވިނޯދް ގުޅިގެން ރޭލުގައި ތިބި މީހުން ސަލާމަތްކުރަން ކުރާ މަސައްކަތެވެ.

"ދަ ބާނިން ޓްރެއިން" އަކީ ޖޫނޯ ޗޯޕްޅާގެ ބައްޕަ ރަވީ ޗޯޕްޅާ ޑައިރެކްޓްކޮށްފައިވާ ފިލްމަކަށް ވާތީ އެ ފިލްމު އަލުން އުފެއްދުމުގެ މަސައްކަތް ކުރެވޭތޯ ވަރަށް އުފަލުން ހުރި ކަމަށް ޖޫނޯ ނެރެފައިވާ ބަޔާނެއްގައި ވެސް ބުނެފައި ވެއެވެ.

ޖޫނޯ ބުނި ގޮތުގައި އޭނާ ބޭނުންވަނީ ބައްޕަ އުފެއްދި ފިލްމުގެ އޭނާގެ ވާޝަން މިފަހަރު ނެރޭށެވެ.

މި ވަގުތު ކުރަމުންދަނީ ފިލްމު ޑައިރެކްޓްކުރާނެ މީހެއް ހޯދުމުގެ މަސައްކަތް ކަމަށާއި އަދި ލީޑް ރޯލު ކުޅޭނެ ތަރިން ވެސް މިހާރު ހޯދަމުންދާ ކަމަށް ޖޫނޯ ބުނެފައި ވެއެވެ. އަދި މި ހުރިހާ މީހުން ހަމަޖެހުމުން އަލުން ބަޔާނެއް ނެރޭނެކަމަށް ވެސް ޖޫނޯ ބުނެފައި ވެއެވެ.

"ދަ ބާނިން ޓްރެއިން"ގެ ތަރިންނަކީ ވިނޯދް ކަންނާ، ދަރުމެންދުރަ، ޖީތެންދުރަ، ޕަރްވީން ބާބީ، ނީތޫ ސިންގް، ހެމާ މާލިނީ، ވިނޯދް މެހެރާ އަދި ޑެނީ ޑެންޒޮޕާ އެވެ.

ބީއާރް ޗޯޕްޅާ ޕްރޮޑިއުސްކުރި މި ފިލްމު ޑައިރެކްޓްކުރީ ރަވީ ޗޯޕްޅާ އެވެ. ފިލްމަށް އާރްޑީ ބަރްމަން ތައްޔާރުކޮށްދިން މިއުޒިކް މިއަދާ ޖެހެންދެން ވެސް ހިންދީ ފިލްމުތަކަށް ލޯބިކުރާ މީހުންގެ ހިތުގައި ބިންވަޅު ނެގިފައި ވެއެވެ.