ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގެސްޓް ހައުސްތައް

ގެސްޓުން ގެންދިއުން ތޮއްޑޫން ހުއްޓާލައިފި

Mar 12, 2020
5

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، އއ. ތޮއްޑޫއަށް ގެސްޓުން ގެންދިއުން އެ ރަށުގެ ގެސްޓްހައުސް ތަކުން ހުއްޓާލައި ރައްކާތެރިކަމުގެ ފިޔަވަޅު ތަކެއް އަޅައިފި އެވެ.

ތޮއްޑޫ ސެރީނާ ގެސްޓްހައުސްގެ ވެރިޔާ އަދި ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ކުރީ ގެ ރައީސް އަހުމަދު ކަރަމް މިއަދު ވިދާޅުވީ ކޮވިޑް-19 އިން އެ ރަށުގެ އިގްތިސޯދު ސަލާމަތް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އެރަށުގެ ހުރިހާ ގެސްޓްހައުސް ތަކުން ގެސްޓުން ގެންދިއުން ހުއްޓާލައި "ސެލްފް ލޮކްޑައުން" އަކަށް ދާން ނިންމާފައިވާ ކަމަށެވެ. މި ނިމުން ނިންމީ ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކާއި ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުން ގުޅިގެން މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ރަށުގެ އޮކިއުޕެންސީ އުޅެނީ 50 ޕަސެންޓުގައި. މި ރަށަށް ގިނައިން މި އަންނަނީ ރަޝިއާ މީހުން. މިހާރު ބުކިންވެސް ލިބެމުން އާދެ. އެކަމަކު މިވަގުތަކީ ރައްކާތެރިވާން ޖެހޭ ވަގުތު. އަޅުގަނޑުމެން ބޭނުން ވަނީ ރަށުގެ ރައްޔިތުންގެ ރައްކާތެރި ކަމަށް ފިޔަވަޅު ތަކެއް އަޅަން،" ކަރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ނިންމުން ނިންމުމުގައި ދަނޑުވެރިކަން ހިމާޔަތް ކުރަން ފިޔަވަޅު ތަކެއް އެޅުން ވެސް ހިމެނޭ ކަމަށެވެ.

"މި ރަށުން ބަލި މީހަކު ފެނިއްޖެނަމަ މުޅި ރަށް ލޮކްޑައުންއަކަށް ދާނެ. އަނެއްކާ މި ރަށުގައި 500 އެއްހާ ބިދޭސީން މަސައްކަތް ކުރޭ. އެ މީހުންގެ މީހަކު ބަލިވެއްޖެނަމަ ދަނޑުވެރިކަމަށް އަސަރު ކުރާނެ. ރޯދައަށް ބޮޑު އިންވެސްޓްމަންޓްތަކެއް ދަނޑުވެރިން ވަނީ ކޮށްފައި،" ކަރަމް ވިދާޅުވި އެވެ.

ތޮއްޑޫއިން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސިއްހީ މަރުކަޒުގެ އިތުރުން ރަށުގެ ދެ ގެސްޓްހައުސްއެއް ކަރަންޓީނު ފެސިލީޓީއެއްގެ ގޮތުގައި ބޭނުން ކުރަން ހާއްސަ ކުރަން ވެސް ނިންމާފަ އެވެ.

ތޮއްޑޫ ގެސްޓްހައުސްއަކުން މިއަދު ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ތޮއްޑޫއަށް ގެސްޓުން ގެންދިއުން ހުއްޓާލުމުގެ ބޮޑެތި ގެއްލުން ތަކެއް ވާނެ އެވެ. ނަމަވެސް ރަށުން އަޅަނީ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

"މި ކަމުގައި ކައުންސިލްގެ ރޯލެއް ނެތް. މިއީ ވިޔަފާރިވެރިން ގުޅިގެން އެޅި ފިޔަވަޅެއް،" ނަން ނުޖެހުމަށް އެދި އެ މީހާ ބުންޏެވެ.

ތޮއްޑޫ ބީޗް ވިއު ގެސްޓްހައުސް އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 72 ގަޑިއިރުން ފެށިގެން އެ ރަށަށް ގެސްޓުން ނުގެންނާނެ ކަމަށެވެ.

"ދެން މި ރަށަށް އެރައިވަލްއެއް ނޯންނާނެ. އެ އަށްފަހު އޮންނާނީ ގެސްޓުން ފުރުން،"

ޗައިނާގެ ވުއާން ސިޓީ އިން ފެނުނު ކޮވިޑް-19 ވައިރަސް މިހާރު ވަނީ މުޅި ދުނިޔެއަށް ފަތުރިފަ އެވެ. މި ބައްޔަކީ މުޅި ދުނިޔެ އަށް ފެތުރޭ ބަލިމަޑު ކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ވަނީ ރޭ ނިންމާފަ އެވެ. އަދި މި ބައްޔަށް މިހާތަނަށް އަށް މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. މި މީހުން ޕޮޒިޓިވް ވެފައިވަނީ ރިސޯޓު ތަކުންނެވެ. މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ ބިދޭސީންނެވެ.