ހަބަރު

ވެރިފަރާތުގެ ހުއްދަ ނެތި ގެއަކަށް ވަނުމުން ހަތަރު މަހަށް ޖަލަށްލާން ހުކުމްކޮށްފި

ވެރިފަރާތުގެ ހުއްދަ ނެތި ގެއަކަށް ވަތް މީހަކު ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގއ. ވިލިނގިލީ ވައިޖެހޭގޭ މުހައްމަދު ކަރަމްގެ މައްޗަށް ކޯޓުން މިއަދު އިއްވި ހުކުމުގައިވަނީ ޖޫން، 2013 ގެ ދުވަހެއްގައި މުލިއާކޮށި އަށް ނަމްބަރު ގެއަށް އެގޭގެ ވެރިފަރާތުގެ ހުއްދަ ނެތި ކަރަމް ވަދެފައިވާ ކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އެހެންވެ އޭނާ ހަތަރު މަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ އާންމު ގާނޫނުތަކުގެ ހަތަރު ވަނަ މާއްދާއާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގަ އެވެ.

އާންމު ގާނޫނުތަކުގެ ހަތަރު ވަނަ މާއްދާގައިވަނީ ވެރިފަރާތުގެ ހުއްދަ ނެތި ގެއަކަށް ނުވަތަ ގޮވައްޗަކަށް ނުވަތަ ފުރާދުއްވާ އުޅަނދަކަށް އެރޭނީ ނުރައްކަލެއް ދިމާވެގެން އެކަނި ކަމަށެވެ.