ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(10 މާރިޗު 2020 އާ ގުޅޭ)

"އަހަރެން ގަސްދުކޮށްފައި އޮތްކަމެއް ބުނަންވެގެން... ފުރުޞަތު ވެސް ލިބުނީމަ" ދާރިއަން ވާހަކަފެށިއެވެ.

ހޭޒަލް ބޯޖަހާލި ގޮތުން ވާހަކަކުރިއަށް ގެންދަންވީކަން ދާރިއަން ދެނެގަތެވެ. ކައިވެނި ކުރަން ހޭޒަލް އެއްބަސްވީ ދުވަހުން ފެށިގެން ދާރިއަންގެ އެންމެ ބޮޑު އެދުމަކީ މުސްލިމުންގެ މައްޗަށް މާތްކުރެއްވިގެންވާ ބިމަށް ހޭޒަލް ގޮވައިގެން ދިއުމެވެ. އެތަނުގައި ހުންނަ ﷲގެ ގެކޮޅަށް ޒިޔާރާތްކުރާ ފުރަތަމަ ފަހަރު އޭނާގެ އަނބިމީހާ ވެސް ގާތުގައި ހުރުމެވެ. ހޭޒަލްއާއެކު ސީދާވެގެންވީ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ނިޔަތުގައެވެ. ކުޅަދާނަވެގެންވީ ކޮންމެ މުސްލިމެއްގެ މައްޗަށް ކުރުމަށް ވާޖިބުވެފައިވާ އަޅުކަމުގައި ބައިވެރިވުމެވެ. އަހަރަކު އެއްފަހަރު އަންނަ ބަރަކާތުން ފުރިގެންވީ ދުވަސްތަކުގެ މަންފާ ލިބުގަތުމެވެ. އެކަމުން މުސްތަޤުބަލުގެ ދިރިއުޅުން އުޖާލާ ކުރުވާނޭކަމުގެ ޔަގީންކަމާއެކުއެވެ.

ދާރިއަންގެ ދިރިއުޅުމަށް ޝޭޚް ޔާސީން އަންވަރު އައީ މިސްކިތުން ބައްދަލުވާލެއް ގިނަވުމުގެ ސަބަބުންނެވެ. އެ މިސްކިތުގައި ދަރުސްތައް ދެއްވުމާއެކު ޙައްޖާއި ޢުމްރާއަށް މީހުން ގެންދާ ކުންފިންޏެއް ހިންގަވާ މީހެކެވެ. ފަތިސް ނަމާދުގެ ފުރަތަމަ ސަފުން މެދުކެނޑުމެއްނެތި ފެންނަ ޒުވާނާއަކީ ލޮލުގެ ފިނިކަމެއްކަމުގައި ޔާސީން ދުށްޓެވެ. ދީނީ ޢިލްމަށް ޝައުގުވެރިވާ ޒުވާނަކާ ބައްދަލުވުމުން އިތުރު ގާތްކަމެއް އެ ދެމެދުގައި އުފެދުނީއެވެ. ޔަގީންނުވާ ކަންކަމުގައި ޔާސީންގެ ޚިޔާލު ދާރިއަން ހޯދައެވެ. ދާރިއަންއާއި ހޭޒަލްގެ ކައިވެންޏަށް އޭނާ އައި ނަމަވެސް އެއީ ކާކުކަން ހޭޒަލްއަށް ދާރިއަން ބުނެ ނުދެއެވެ. އެމީހުންގެ ތެރޭގައި ޔާސީން ވެސް މަޑެއްނުކުރިއެވެ. ޙަފުލާގެ ކަންކަން ހުރީ އެންމެ އެދެވޭ ގޮތަށް އިންތިޒާމްކުރެވިފައި ނޫންކަން ޔާސީން ޤަބޫލުކުރާތީ އެ މާޙައުލު އޭނާއަށް ކަމުނުދިޔައީއެވެ. އެހެންނަމަވެސް އޭނާ ޝަކުވާއެއްނުކުރެއެވެ. ދާރިއަންއަށް ވެސް އެކަމުގެ ހަޤީޤަތް އެނގެއެވެ. އަނބިމީހާއާއެކު ޙައްޖެއްކުރަން ބޭނުންވާކަން ދާރިއަން ހާމަކުރުމުން އެކަން ފަހިކޮށްދޭން އޭނާ މަސައްކަތްކުރާނޭކަން އޮތީ ބުނެފައެވެ. އެކަމަކު ޔަގީންކަމެއް ނުދެއެވެ. ފައިސާ ދައްކާފައި މީހުން ތިބުމާއެކު ޖާގަ ހަމަވެފައި އޮތުމުންނެވެ. މިއަހަރު ނުދެވުނަސް އަންނަ އަހަރު އިރާދަކުރެއްވިއްޔާ ދެވޭނެކަން ޔާސީން ބުންޏެވެ. އޭނާ ޔަގީންކޮށްދިނީ އެވަރެވެ. އެހެންނަމަވެސް ހުރިހާކަމެއް ހިންމަވާދެއްވާ ފަރާތަކީ ﷲއެވެ. އިތުރު ދިހަ ޖާގައިގެ ހުއްދަ ޔާސީންމެންނަށް ލިބުމުން އޭނާ ފުރަތަމަ ވެސް ގުޅީ ދާރިއަންއަށެވެ. ފަތިސްނަމާދުން މިސްކިތުން ބައްދަލުވީމާ އެވާހަކަ ދައްކަން އޭނާ ހުރީ ގަސްދުކޮށްގެންނެވެ. އެހެންނަމަވެސް ދާރިއަންގެ ފޯނަށް މެސެޖުކުރަން ޖެހުނީ އާދައިގެ މަތިން ނުފެނުނީމައެވެ. އަންހެނުންގެ ގޭގައިކަން އުޅެނީ ދާރިއަން ހާމަކުރުމާއެކު އޭނާ ޝައުގުވެރިކުރުވި މައުޟޫޢުއަށް ޔާސީންއާ ވާހަކަދެއްކިއެވެ. އެ ޚަބަރު ހިފައިގެން ދާރިއަން ފުރަތަމަ ވެސް އައީ ރިޒްވާނުގެ ގާތަށެވެ. ހޭޒަލްގެ ގޮތް އެ ބައްޕައަށް އޭނާއަށްވުރެ ބޮޑަށް އެނގޭނޭތީއެވެ. ބައްޕަގެ ހަރުދަނާ ވިސްނުންތެރި ޚިޔާލަކަށް ބޭނުންވެފައި ހުރީމައެވެ. އަނބިމީހާ ގޮވައިގެން "ހަނީމޫނަށް" ފުރައިގެން ދިއުމަކުން ދާރިއަންއާއި ހޭޒަލްއާ ދެމެދު އޮތް ހުސްކަން ގާތެއްނުވާނޭކަން އޭނާއަށް އެނގެއެވެ. އެ ދިރިއުޅުމަށް އުފާ ފާގަތިކަން އައުމަށް އެދި ދަންނަވަން އޮތީ އެންމެ ފަރާތަކަށެވެ. އެފަރާތަށް ނޫނީ އެ ދެމެދުގައި މިހާރު އޮތް ހާލަތު ބަދަލުނުކުރެވޭނެއެވެ.

"ހޭޒަލް ވާހަކަދައްކަބަލަ!... އަހަރެމެންނަކީ ނުދަންނަ ދެ މީހުންނެއްނޫން، ހޭޒަލް ބުނީމަ އަހަންނަށް ކަންކަން އެނގޭނީ، ދުލުން ހާމަނުކުރަންޏާ ތި ހިތުގެ އިޙްސާސްތައް އަހަރެން ދެނެގަންނާނީ ކިހިނެއް؟ އެހެންވިޔަސް އަހަރެން މަސައްކަތް މިކުރަނީ ހާމަނުކުރާ ކަންކަން ވެސް ތަރުޖަމާކުރެވޭތޯ" ހޭޒަލްގެ ހިމޭންކަން ދާރިއަންގެ ހިތް ނުތަނަވަސްކުރުވިއެވެ. އޭނާ އެހާ ގިނަ ވާހަކަދެއްކުމުން ވެސް ހޭޒަލް ބުނާނޭ އެކައްޗެއް ވެސް ނެތީބާއެވެ.

"ބައްޕަ ކީކޭ ބުނީ؟ އަހަރެމެން ދެ މީހުން އެކަނިތަ ދަނީ؟... ދިހަ ޖާގަ ލިބުނުއިރު އެމީހުން އަހަރެމެންނާ ބައިވެރިވާން ފުރުޞަތެއްނުދެންތަ؟" ހޭޒަލް ވާހަކަދެއްކިއެވެ.

"ބައްޕަ ބުނީ ހޭޒަލްއާ ވާހަކަދައްކާށޭ، ޔާސީން ގާތުގައި އަހަންނަށް ބުނެވުނީ އަހަރެމެން ދެމީހުންގެ ވާހަކަ" ދާރިއަން ބުންޏެވެ. ހޭޒަލް އެއްޗެކޭ ނުބުނެ އިންނާތީ އަނެއްކާ ވެސް ދާރިއަން ޚިޔާލު ފާޅުކުރިއެވެ.

"ޔާސީންގެ ވާހަކަ ހުރިގޮތުން އިތުރު މީހުން ވެސް އެދިފައިވަނީ އޭނާ ގާތު، އަންނައަހަރު އެންމެން އެއްކޮށްދާން މަޑުކުރެވިދާނެ، ބައްޕަމެން ގާތު ހޭޒަލް އަހާލަބަލަ، އޭރުން އަހަރެން ޔާސީންއާ ވާހަކަދައްކާނަން" ދާރިއަން ބޭނުންވީ ހޭޒަލް އެދޭ ގޮތެއް ޚިޔާރުކުރާށެވެ.

ތިރީތުންފަތުގެ އެއްކޮޅުން ހޭޒަލް ހަފާލަހަފާލާ އިނެވެ. ހީވަނީ ދާރިއަންގެ ވާހަކަތަކާމެދު އޭނާ ވިސްނަނީ ހެނެވެ. ދާރިއަން ވެސް މިފަހަރު ހިމޭނުން އިނީއެވެ. ގޮތް ނިންމަން ހޭޒަލްއަށް ދޫކޮށްލައިގެންނެވެ. ދެފަހަރު ހޭޒަލްގެ ނަޒަރު ދާރިއަންއަށް ހުއްޓުނެވެ. އޭނާ އިނީ އުނގުގައި އިނގިލިތައް މަހާލައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލައަށް ބަލާށެވެ.

"ދިއުން ދޯ ރަނގަޅުވާނީ" އިރުގަނޑަކު އެއްޗެކޭ ބުނަން ނުބުނަން އުޅެފައި އެންމެފަހުން ބުނެލިއެވެ. ދާރިއަންގެ ނަޒަރު އަނބިމީހާއާ ސީދާވީ އެހިނދުއެވެ. އެ ދެ ލޮލުގައިވަނީ ކެތްތެރިކަމެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ހޭޒަލް ބުނޭ... ތި ނަފްސު ތައްޔާރުނޫންކަމެއް ކުރާކަށް އަހަރެން ނުބުނާނަން، އަހަރެން އަމިއްލައަށް އެވަރުގެ ނިންމުމެއް ނިންމައިގެން ނުވާނެކަން މިވިސްނުނީ އަދިކިރިޔާ" ދާރިއަން ބުންޏެވެ.

"އެއީ ހާދަ ބައިވަރު ލާރިއެކޭ" ހޭޒަލް މަޑުމަޑުން ބުނެލިއެވެ. ދާރިއަންގެ ހިނިތުންވުން ލުއި ހުނުމަކަށް ބަދަލުވެލިއެވެ. އޭނާ އެނދުމައްޗަށް އެއްފައި އަރުވާލައި ހޭޒަލްއާ ކުރިމަތިވާނޭހެން ހަމަޖެހިލިއެވެ.

"އަހަރެން އަތުގައި އެބަހުރި، އެއީ އަހަރެން މަސައްކަތްކޮށްގެން ހޯދާފައި ހުރި ހަލާލު ފައިސާ، އަހަރެންގެ ފައިސާ... އަދަދު އެއްކޮށް ހަމަވާނޭކަން ޔަގީނެއްނޫން، އެހެންނަމަވެސް ފުރަން އަދި ވަރަށް ދުވަސް އެބައޮތް، އަހަރެންގެ ތިންމަހުގެ ސެލެރީ ޖަމާކުރީމަ ފައިސާ އިތުރު ވެސް ވާނެ، ޚަރަދުގެ ކަންކަން އަހަންނަށް ދޫކޮށްލާ... އަހަރެން އެދުނިން ބައްޕަ ގާތުން ގޭގެ ޚަރަދުގައި އަހަރެމެން ބައިވެރިވާން"

"ކީކޭ ބައްޕަ ބުނީ" ހޭޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅުނު ކަހަލަ ހަރަކާތެއްކޮށްލިއެވެ. އޭނާއަށް ރިޒްވާނުގެ ޖަވާބު އެނގޭތީ ކަހަލައެވެ.

"އެކަހަލަ ކަންކަމާ އަހަރެން ނުވިސްނާށޭ ބައްޕަ ބުނީ، ބައްޕަގެ ތަނަވަސްކަމަކީ ދަރީންގެ ވެސް އެއްޗެކޭ، ބައްޕަ ކާއެއްޗެއް އަހަރެމެން ވެސް ތިބޭނީ ކައިގެންނޭ، އަހަރެންގެ ފައިސާ އަހަރެންގެ އަތުގައި ބެހެއްޓުމަށްބުނީ، އޭގެން އަހަރެމެންގެ ޚަރަދުތައް ބެލެހެއްޓާށޭ ބުނީ... އެހެންވިޔަސް ކަމެއް ބޭނުންވެއްޖެނަމަ ބައްޕަ ގާތުގައި ނުބުނެ ނުހުންނައްޗޭ ވެސް ބުނި" ދާރިއަންގެ ވާހަކައިން މިފަހަރު ހޭޒަލް ހިނިތުންވެލިއެވެ.

"ބައްޕައަށް ދާރިއަން ވަރަށް ކަމުދޭ" ހޭޒަލްއަށް ބުނެލެވުނެވެ.

"އެކަމަކު ހޭޒަލްއަށް އަހަރެން ކަމަކުނުދޭ" ދާރިއަން ބުނެލީ ސަމާސާގެ ގޮތުންނެވެ. އެހެންނަމަވެސް ހޭޒަލްގެ މޫނުން ހިނިތުންވުން ފިލައިފިއެވެ. ސީރިއަސްކަން ފާޅުވެލިއެވެ. އިސްއޮބާލިއެވެ.

"އެހެނެއް ނުބުނަން!... މެރީ ވެސް ކުރީނު" ހޭޒަލްގެ އަޑު މަޑެވެ.

"ތެންކިއު" ދާރިއަން ކުއްލިއަކަށް ހޭޒަލްގެ ދެއަތުގައި ހިފާލައި އުފުލާލުމާއެކު ދެއަތްތިލައިގައި ވަކިވަކިން ބޮސްދީފިއެވެ. އޭނާގެ އެ ޢަމަލުން ހޭޒަލްއަށް ބަލާނުލާ ނީނދެވުނެވެ. ހޭޒަލްއާ ހަތަރުކަޅި ހަމަވެފައި ހުއްޓާ ދާރިއަންގެ ކަނާއަތް އަނބިމީހާގެ ކޯތާފަތާ ކައިރިކޮށްލިއެވެ. ވަގުތުކޮޅަކަށް އަތުގެ ހަރަކާތްތައް ހުއްޓާލެވުމާއެކު ހޭޒަލްގެ ދެ ލޮލުން ދާރިއަން ކަމެއް ދެނެގަންނަން މަސައްކަތްކުރިއެވެ. އެއާއެކު މަޑުމަޑުން ގެނެސް ހޭޒަލްގެ ކޯތާފަތުގައި ދާރިއަން އަތްތިލަ ޖައްސާލައިފިއެވެ. ބޮޑުވައި އިނގިލިން އެ އޮމާން ހަމުގައި ފިރުމިއެވެ. މަޑުމަޑުން އެ އަތްތިލައިގެ އިނގިލިތަކުގެ ނުފުށުން މޫނުގެ ކޮޅަށް ދަތުރުކޮށްލިއެވެ. ހޭޒަލް އިސްޖަހާލީ އެވަގުތެވެ. ދާރިއަން އޭނާގެ ތުންފަތުގައި އިނގިލި ޖައްސާލަން އުޅުނީއެވެ. ހޭޒަލްއަށް އައި ބަދަލުފެނި ދާރިއަން ވަގުތުން އަތް ދުރަށް ލައިފިއެވެ.

"ތިކަމާ ބައްޕައާ އަހަރެން ވާހަކަދައްކާލިޔަސް އެންމެ ރަނގަޅުތަ؟" ހޭޒަލްގެ ހިތްއަވަސްވުން ފޮރުވާލައި ބަނޑުގައި އެއްއަތުން ހިފާލުމާއެކު ވާހަކަދެއްކީ ނުހަނު އަވަހަށެވެ. ދާރިއަން ހޫން ލައްވާލިއެވެ. އެއާއެކު ހޭޒަލް އެނދުން ތެދުވެއްޖެއެވެ. ކޮޓަރިން ނުކުންނަން އައެވެ. ދޮރު ހުޅުވާލައިފަ އޭނާ ހުއްޓުނެވެ. އެނބުރި ލިއެވެ. ނަމަވެސް ދާރިއަންއާ ނަޒަރު ސީދާއެއްނުކުރިއެވެ. އެބައަންނަމޭ ބުނެލުމާއެކު ކޮޓަރިން އޭނާ ނުކުމެއްޖެއެވެ.

ދާރިއަންނަށް މުއްކާލެވުނު އަތްތިލަ ހުޅުވާލައި އެ އަތަށް ބަލަން އިނދެވުނެވެ. އޭނާ ހޭޒަލްއަށް ބޭނުންވާކަން ޚުދު އޭނާއަށް އެނގެއެވެ. ނަމަވެސް އެ ޚިޔާލު މިފަހަރު އޭނާއަށް ކަމަކުނުދިޔައެވެ. އަލުން އަތްތިލަ މުއްކަވާލެވުނީ އެހެންވެއެވެ. އޭނާގެ ހަށިގަނޑުގެ އެދުންވެރިކަން ހޭޒަލްއަށް ފެންނާކަށް އަދި އޭނާ ނޭދެއެވެ. އެ ޚިޔާލުތަކާ ދުރުވެލުމަށް އޭނާ މޫނުގައި ދެއަތްތިލަ ހިންގާލައި ބޮލުގައި އަތްފުނާ އަޅާލިއެވެ. ދެން ތެދުވެ އޭނާ ވެސް ކޮޓަރިން ނުކުތީއެވެ.

"ތިހެން ފިރިމީހާގެ ކޮންމެ ކަމެއްގައި ދަރިފުޅު ޚިޔާލު ހޯދަން ނާންނާށޭ ބައްޕަ ނުބުނާނަން. އެކަމަކު ތީ ރަނގަޅު ވެސް ގޮތެއްނޫން... ދަރިފުޅު ދާރިއަންއަށް އިތުބާރުނުކުރާކަން ތިހެން ކަންތައްކުރުމުން އެނގެނީ، އެކަމަކު ދާރިއަން އިތުބާރުގެއްލޭވަރުކަމެއް ކުރިތަ؟ އެއްވެސް މީހަކު ނުކުރާ ކަމަކަށް އަދަބުދޭންވާނެތަ؟ ޒެލްގެ މައްޗަށް އިސްވެގެންވަނީ ފިރިމީހާ، އޭނާގެ ނިންމުންތަކާމެދު ޒެލްއަށް ގޮތެއްނިންމެންވާނެ، އޭގެ ފަހުގައި ނިންމި ނިންމުން ބައްޕަމެންނާ މަޝްވަރާ ކުރެވިދާނެ. އެކަމުގައި ގޯހެއްނެތް... ދާރިއަން ދަރިފުޅަށް ކުރާ ޤަދަރު ޒެލް ވެސް ވާނެ އޭނާއަށް ކުރަން، އެޔެއްނު ރަނގަޅު ގޮތަކީ... ދެމަފިރިން އެކުގައި ކަންކަން ނިންމުން، ދާރިއަން ވެސް ދިރިއުޅުމަކާ ކުރިމަތި އެލީ މުޅިން އަލަށް، އޭނާއަށް ވެސް ޒަވާޖީ ހަޔާތެއްގައި ކުރިމަތިވާނޭ ގޮންޖެހުންތަކެއް ނޭނގޭނެ، މި ދިރިއުޅުމުން ޒެލް ބޭނުންވަނީ ކޮންކަމެއްކަން ވާނީ އޭނާއަށް ބުނެދެން، ދެމެދުގައި ނުދެއްކޭނެ އެއްވެސް ވާހަކައެއް އޮވެގެންނުވާނެ، ދަރިފުޅުގެ އަތުގައި ހިފި ނަސީބު ގެއްލިގެން ދިޔަ ނުދޭތި، ﷲ މިންވަރުކުރައްވާ ހެޔޮ ކަންކަން ޤަބޫލުކުރަންވާނީ އެކަމާ ޝައްކުކުރުމެއްނެތި... ދާރިއަން ވަރަށް ވިސްނާފަ ނިންމި ރަނގަޅު ނިންމުމެއްކަމަށް ބައްޕައަށް ޤަބޫލުކުރަން، ދެމަފިރިންގެ ދަތުރަކީ އެ ދެމީހުންނަށް ޚާއްޞަވެފައިވާ ދަތުރެއް، އެހެންވިޔަސް ބައްޕައާއި މަންމަ ދަރިފުޅާއެކު ހުންނާނަން" ރިޒްވާނު ބެލީ ހޭޒަލްއަށް ވިސްނައިދެވޭތޯއެވެ. އެ ދަރިފުޅު އަނތްބެއްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަން ރިޒްވާނު އެދެއެވެ.

* * * * *

ފާއިތުވަމުން ދިޔަ ދުވަސްތަކާއެކު ދާރިއަންއާއި ހޭޒަލް އައީ ޙައްޖުގެ އަޅުކަމަށް ތައްޔާރުވަމުންނެވެ. މަޑުމަޑުން ދެމެދުގައި އޮތް ގުޅުން ރަނގަޅުވީ ނަމަވެސް ހީވަނީ ދެ ރަޙުމަތްތެރިން ހެންނެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ގާތްކަމެއް އަދިވެސް ނެތެވެ.

ހޭޒަލްއަށް ދަންވަރު ހޭލެވުނީ އެހެންޏާ އިޙްސާސް ނުކުރެވޭ ކަހަލަ ހޫނުކަމެއް އިޙްސާސް ކުރެވޭތީއެވެ. މަޑުމަޑުން ލޯހުޅުވާލެވުމާއެކު ފުރަގުން އޭނާގެ ގައިގާ ދާރިއަން ޖެހިގެން އޮތްކަން އެނގުނީ ދެނެވެ. އޭނާގެ ވައަތް ހޭޒަލްގެ އުނަގަނޑުމަތިން އަޅުވާލައިފަ އޮތެވެ. ގުޑިލަން އުޅެފައި ވެސް ހޭޒަލް މަޑުކުރީއެވެ. ދާރިއަންގެ ނޭވާ ހުރި ގޮތުން އޭނާ އެއޮތީ ނިދީގައިކަން ހޭޒަލްއަށް އެނގެއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ދާރިއަންގެ އަތް ގައިމަތިން ނަގަން ހޭޒަލް އުޅުނެވެ. އެ ކުޑަ ހަރަކާތުން ދާރިއަން ޖެހިލީ އިހުނަށްވުރެ ހޭޒަލްއާ ގާތަށެވެ. އެހިނދު ދާރިއަންގެ ހަށިގަނޑު އޮތް ހާލަތު ހޭޒަލްއަށް އިޙްސާސް ކުރެވުނެވެ. ލަދުގަތީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ފިރިހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކަކީ އޭނާއަށް ނޭނގޭ ކަމެއްނޫނެވެ. އެހެންނަމަވެސް ދާރިއަންގެ ފުށުން އިޙްސާސްވުމުން ކުރެވުނީ ދުވަހަކުވެސް ނުވާކަހަލަ ގޮތްތަކެކެވެ. ދުރަށްދާން ހޭޒަލް ކުރިއަށް ޖެހިލިއެވެ. ހޭޒަލްގެ އުނަގަނޑުމަތީ ދާރިއަންގެ އަތުން އޭނާގެ ބަނޑުގައި ހިފަހައްޓާލިއެވެ. އަދި ޒެލްއޭ ގޮވާލިއެވެ. ވީކީއްކަމެއް ހޭޒަލްއަކަށް ނޭނގުނެވެ. ކުއްލިއަކަށް ދާރިއަން ދުރަށް ދެމިގަތެވެ. ހޭޒަލް ދެ ލޯ މަރާ ނިދީގައި ކަމަށް ހެދުނެވެ. އެވަގުތު ދާރިއަންއާ ކުރިމަތިލާން ބޭނުންނުވެގެންނެވެ.

"ނޯ! ނޯ! ދިސް ނޮޓް ގުޑް" ދާރިއަން އަވަސް އަވަހަށް އެނދުން ފޭބީއެވެ. އޭނާ ލައިގެން ހުރި ސްވެޓްޕޭންޓަށް ބަލާލުމާއެކު އަވަހަށް ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ހޭޒަލް ލޯ ހުޅުވާލީ ދެނެވެ. ދާރިއަންއާ ދިމާއަށް އޭނާ ނުބެލި ނަމަވެސް ދާރިއަން އުޅުނުގޮތް އޭނާއަށް ސިފަކުރެވުނެވެ. ހިތްހަމަނުޖެހުމުގެ އަސަރެއް އޭނާގެ ނެތެވެ. ދާރިއަންއަށް މެދުވެރި ހާލަތަކީ ގަސްދުގައި ހިނގައިދިޔަ ކަމެއްނޫންކަން ހޭޒަލްއަށް އެނގޭތީއެވެ. އިރުކޮޅަކު އެހެން އޮވެފައި ހޭޒަލްއަށް ހީނލެވުނީއެވެ. ދާރިއަން އުޅުނު ގޮތް އޭނާއަށް މަޖާވީއެވެ. ދާރިއަން ފާޚާނާއިން ނުކުތީ ވެސް ހޭޒަލް ހޭލާ އޮއްވައެވެ. އުނުގައި އަނދެލައިފަ ހުރި ތުވާލިންނާއި އޭނާގެ އިސްތަށިގަނޑުގެ ތެތްކަން ކޮޓަރީގެ ފަނޑު އަލިކަމުގެ ތެރެއިން ހޭޒަލް ދުށްޓެވެ. އޭނާ އަނެއްކާ ވެސް ލޯމަރާލީއެވެ.

އެރޭގެ ހާދިސާއަށްފަހު ދާރިއަން ދުރުދުރުން އުޅޭކަން ހޭޒަލްއަށް ފާހަގަވިއެވެ. ހޭޒަލް ނަމާދުން ފައިބާ އޮށޯންނަ އިރު ވެސް ދާރިއަން މުސައްލަ މަތީ އިނދެއެވެ. އޭނާ ބަސްމަދުވިއެވެ. އެ ދުރުކަން ހޭޒަލްއަށް އިޙްސާސްވިއެވެ. އެހެންނަމަވެސް ދާރިއަންގެ ޢާއްމު އާދަތަކަށް ބަދަލެއް ނާދެއެވެ. އޮފީހުގައި އިންނަ ވަގުތުގައި ވީޑިއޯ ކޯލުކުރާނެއެވެ. ނޫނީ މެސެޖެއްކޮށްލާނެއެވެ. ހޭޒަލް ނުބުނި ނަމަވެސް ލޯބިވާ ވާހަކަ ދާރިއަން ބުނެއެވެ. އޮފީހުން ގެއަށް އަންނަ ގޮތަށް މެހެމާނުން ވަންނަ ބޭރު ފާޚާނާއަށް ވަދެ އަތްފައި ދޮވެގެން ނޫނީ އެއްވެސް ކަމެއް ނުކުރާނެއެވެ. އެއަށްފަހު އޭނާގެ ފުރަތަމަ ކަމަކަށްވާނީ ހޭޒަލްގެ އަތުގައި ހިފާލުމެވެ. އެ އަތުގައި ބޮސްދިނުމެވެ. ހޭޒަލްގެ ކޮންމެ ވެސް ކަމަކަށް ތާރީފުގެ ބަހެއް ބުނެލުމެވެ. އެކަންކަމަށް ހޭޒަލް އާދަމުން ދިޔަކަމެއް ޚުދު އޭނާ ވެސް ނުދެނަހުއްޓެވެ. އަމިއްލަ މައިންބަފައިން ދެކެ ލޯބިވާ ވަރަށް ހޭޒަލްގެ މައިންބަފައިންއަށް ދާރިއަން އަޅާލައެވެ. ބައްޕައާއި މަންމަ ކަމެއް ބޭނުންވެފައި ހުރޭތޯ އޭނާ ބަލައެވެ. ހުކުރު ދުވަހަށް މަންމައާއި ހޭޒަލްއަށް ކޮންމެވެސް ހަދިޔާއެއް ގެނެސްދޭނެއެވެ. ދެ ޢާއިލާގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް އޭނާ އިސްކަންދެއެވެ. މީގެ ކުރީން އިޙްސާސްކޮށްލުމަށް ނުލިބޭފަދަ އައު ކަންކަމުން ހޭޒަލްއަށް ހިތްހަމަޖެހުން ލިބެމުންދިޔައެވެ.

ހޭޒަލްގެ ހިތުގައި ދާރިއަންގެ ސޫރަ ބިންވަޅުނެގެމުން ދިޔައީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެއް ނޫނެވެ. އޭނާގެ އަތުގައި ހިފާލުމަކުން، ނޫނީ ކޯތާފަތުގައި ހިފާލައި އެ ކޯތާފަތުގައި ނޫނީ ނިތުގައި ދާރިއަން ބޮސްދިނުމަކުން އެކަމާ ހުރަހެއް ނާޅައެވެ. އެފަދަ ކުދިކުދި ބީހުންތަކަކީ އެދުންވެރިކަމެއް ފުއްދުމުގެ ނިޔަތުގައި ކުރެވޭ އިޝާރާތެއްނޫންކަން ހޭޒަލްއަށް އެނގި ޤަބޫލުކުރެވެން ފެށީ އަދިކިރިޔާއެވެ. ދާރިއަންގެ ފުށުން އެކަހަލަ އިސްނެގުމެއް ނުފެނެއެވެ.

ރޭއަޅުކަމުގައި ދާރިއަން ދަންނަވަނީ ކޮންކަމަކަށްކަމެއް ހޭޒަލްއަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތް ނިމި އެނދުގައި ޖައްސާލައިގެން އޮންނަނީ ދާރިއަންއަށް ބަލާށެވެ. އޭނާ ތެދުވާނީ ހޭޒަލްއަށް ނިދޭހާ އިރުންނެވެ. އެހެންނަމަވެސް ހޭޒަލްއަށް ރަނގަޅަށް ނުނިދި އޮންނަ ރޭ ދާރިއަންގެ ޢަމަލުތައް އޭނާ ދުށްޓެވެ. މުސައްލަ ނަގައި އޭނާ އައިސް ހޭޒަލްގެ ގާތުގައި ހުއްޓި ބަލާލާނެއެވެ. ލޯބިވެތި ހިނިތުންވުމެއް ބަދަލުކުރެއެވެ. އޭނާގެ ނިތްކުރީގައި ބޮސްދީފައި އައިސް ހޭޒަލްގެ ދެފައިތިލަގަ ބޮސްދެއެވެ. ނިދަން އެނދަށް އަރަނީ އޭގެ ފަހުގައެވެ. އެފަދަ ރޭ ރޭ ހޭޒަލްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ނުދެއެވެ. ދާރިއަން އެދެނީ ކޮންމެ ކަމަކަށް ވިޔަސް ﷲ އެކަމެއް އިޖާބަ ކުރައްވާނޭ ހޭޒަލްގެ ހިތުގައި އޮންނަނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާއަށްވުރެ ﷲއާ ދެމެދު އޮންނަ ގާތްކަން ދާރިއަންގެ މާވަރުގަދައޭ ހީވާކަހަލައެވެ.

* * * * *

ބުރާސްފަތި ދުވަހު ހެދުނު ސައިބޯން ދާރިއަންއާއެކު އޭނާގެ ޢާއިލާގެ ގާތަށް ދިޔަ ގޮތަށް ހޭޒަލް އުޅުނީ އެގޭގައެވެ. ދެމަފިރިން އެކުގައި ޙައްޖަށް ފުރަން އުޅޭކަން ބުނުމުން އެންމެން ވެސް ތިބީ އުފަލުންނެވެ. އެ ޢާއިލާ ހޭޒަލް ބަލައިގަނެފައިކަން ވަނީ ހޭޒަލްއަށް ވެސް އެނގެއެވެ. އިބާގެ ބެލުމާއި ޢަމަލުތަކުން ފެންނަނީ ރުހުމުގެ އަސަރެވެ. ޅީދަރިފުޅު ދެކެ އެމީހުން ލޯބިވާކަމެވެ. ތަހުމީނާ ޚާއްޞަ ލޯތްބެއް ވެއެވެ. ޢާއިލާގައި އެންމެ ޙާއްޞަ މާމަ ދަރިފުޅުގެ އަނބިމީހާއަށް ވީމަކަމަށް ވެދާނެއެވެ.

މަސައްކަތް ނިންމާލާފައި ޒުކަންއާއެކު ދާރިއަން ގެއަށް އައިރު ހަވީރު ސަޔަށް އެންމެން ތައްޔާރުވަނީއެވެ. މަންމަގެ އެންމެ ގާތުގައި އަނބިމީހާ އުޅޭގޮތް ފެނުމުން ދާރިއަންގެ ނަފްސު ފުރިއްޖެއެވެ. ބަލައިގެންނަން އުނދަގޫވި ޅީދަރިފުޅާމެދު މަންމަގެ ހަރަކާތްތައް ހުރި ގޮތް ނަފްސުގެ ހަމަޖެހުން ކަމުގައި ދާރިއަންއަށް ވިއެވެ. ސައިބޯން ގޮވާލުމާއެކު ކާމޭޒުދޮށަށް އެރީ އެންމެން އެކުގައެވެ. ހޭޒަލް އައި އުޅޭ ދުވަހެއް ވިއްޔާ އައިކު ވެސް ގޭގައި މަޑުކުރެއެވެ. ޢާއިލާގެ ހުރިހާ މެންބަރުންނާއެކު ވަގުތު ހޭދަ ކުރުމަށް އޭނާ ވެސް އިސްކަން ދެއެވެ.

"ވަރުބަލިވާގޮތްވެއްޖެ... މާގިނައިން ކެވުނީ" މޭގައި ފިރުމާލަމުން ދާރިއަން ހަށިގަނޑު އިހުނަށްވުރެ ސީދާކޮށްލިއެވެ.

"ކޮޓަރިއަށް ދާންވީނު" އިބާ ވަގުތުން ބުނެލިއެވެ.

"ތެދެއް" ދާރިއަން ބަލާލީ ހޭޒަލްއަށެވެ. އޭނާ ދެ ލޯ ބޮޑިކޮށްލި ގޮތުން ދާރިއަން ގާތަށް އައީ ނުލަފާ ހިންޏެކެވެ. ފުރުޞަތުގެ ބޭނުން ހިފައި އައިކު ކޮއްކޮއާ ދިމާކޮށްލިއެވެ. ޒުކަންއާއި އިބާ ވެސް ތިބީ ހިނިތުންވެލައިގެންނެވެ. ދާރިއަންގެ ސީރިއަސް މޫނުން ހިނިތުން ފެންނަން ފެށީ ހޭޒަލް އެ ދިރިއުޅުމަށް އައިފަހުންނެވެ. އަނބިމީހާއާއެކު ހުންނައިރު އެމީހުންގެ ފިރިހެން ދަރިއަށް އަންނަ ބަދަލުތައް އެމީހުންނަށް ފާހަގަވެއެވެ.

ދާރިއަން ތެދުވެ ހޭޒަލްގެ އަތުގައި ހިފާލިއެވެ. އެމީހުން އައިސް ވަނީ ދާރިއަންގެ ކޮޓަރިއަށެވެ. ކަރުގައި ދޫކޮށްލެވިފައި އޮތް ޓައީ އޭނާ ނެގިއެވެ. ގަމީހުގެ ކަރުގޮށުން ފެށިގެން ތިރިއަށް ހުރިހާ ގޮށެއް ނައްޓާލައި ބެގީ ނައްޓާލިއެވެ. ގަމީސް ބާލާފައި ކޮޓަރީގައި ހުރި ދަނޑީގައި އަޅުވާލިއެވެ. ހޭޒަލް އެއްފަރާތުގައި ހުރީއެވެ. ދާރިއަންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އޭނާ ފަޓުލޫނުން ބެލްޓު ނައްޓާލުމާއެކު ހޭޒަލްއަށް ބަލާލިއެވެ. ހޭޒަލް ބަލާކަން ފާހަގަކުރެވިގެންނެވެ.

"ދާރިއަން ރެސްޓްކޮށްލާ. އަހަރެން މަންމަ ކައިރީގަ މަޑުކޮށްލާނަން" ހޭޒަލް އެ ކޮޓަރިން ދިއުމަށް އުޅުނެވެ.

"މަޑުކޮށްލަންވީނު" ހޭޒަލްގެ އަތުގައި ދާރިއަން ހިފިއެވެ. ފިނިވެފައި ހުރި ހޭޒަލްގެ ހިތުގެ ހިނގުން އަވަސްވިއެވެ. ދާރިއަން ބުނީމަ މަޑުނުކޮށް ދާކަށް ނުކެރުނެވެ.

ހޭޒަލްގެ އަތްތިލައިގަ ފިރުމާލުމާއެކު އެ ދެ ލޮލަށް ދާރިއަން ބަލާލިއެވެ. އިސްޖެހިފައި ހުރި ގޮތުން ހޭޒަލް ހީވަނީ ލަދުން ހުރީ ހެންނެވެ. ހޭޒަލްގެ އަތްތިލައިގެ ދާރިއަން ބޮސްދިނެވެ. މަޑުމަޑުން ހޭޒަލްގެ ފުޅާ އަތްކުރި މައްޗަށް އަރުވާލުމާއެކު އެ ތުންފަތުގެ ބީހުން ހޭޒަލްގެ މުލައްދަނޑިއާ ހަމައަށް އިޙްސާސްވެގެންދިޔައެވެ. ހޭޒަލްއަށް އަންނަ ބަދަލުތަކަށް ދާރިއަން ހުރީ ސަމާލުވެއެވެ. އޭނާ ހޭޒަލްގެ ކޯތާފަތުގައި ބޮސްދިނެވެ. އެ ދެލޮލަށް އަނެއްކާ ވެސް ބަލާލިއެވެ. ދެން މަޑުމަޑުން ހޭޒަލްގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ. އޭނާގެ ގާތަށް ދާރިއަން ގުދުވެލިއެވެ.

(ނުނިމޭ)