ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބަށް ހާލަތު ރަނގަޅުވާނެ ކަމަށް ގަބޫލެއް ނުކުރެވޭ: އަމީން

Mar 12, 2020

ދުނިޔޭގައި ވަރަށް ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާ ބަޔަކު ރާއްޖޭންވެސް ފެނިފައިވާއިރު އަންނަ މަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދުު ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާން ކޮށްފި އެވެ. މިއީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފުރަތަމަ ފަހަރެވެ.

އެކަން އިއުލާނު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، ރާއްޖެ މިހާރު އޮތް ހާލަތާއި ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ މިންވަރަށް ބަލާއިރު ކުރިއަށް އޮތް އެއް މަސް ދުވަހު ވެސް މީހުން އެއްވެ އުޅެވޭވަރަށް ހާލަތު ރަނގަޅު ވާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

އެހެންކަމުން އިންތިހާބާ ގުޅޭ ގޮތުން އެކަމާ ބެހޭ މުއައްސަސާތަކުން ގޮތެއް ނިންމާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ. ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކުރީ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަށެވެ. އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކުއްލި ހާލަތު އިއުލާނުކޮށްފައިވަނީ އިތުރު ބަޔަކު އެ ވައިރަހަށް ޕޮޒިޓިވްވެގެން ނޫން ކަމަށާއި، އެ ފިޔަވަޅު އަޅަން ނިންމާފައިވަނީ ރާއްޖޭގައި އެ ބަލި ފެތުރިގެން ދިޔުން ހުއްޓުވުމަށްޓަކައި ރާއްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނު ގޮތުގައި، ރާއްޖޭގެ ވަށައިގެން ހުރި ގައުމުތަކުން މި ވައިރަހުގެ ނުރައްކާ ބޮޑުވުމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަކީ މުހިންމު ކަމެއް،" އަމީން ވިދާޅުވި އެވެ. "މި ހާލަތުގެ ދަށުން މީހުން ކަރަންޓީނު ކުރުމާއި، އެކަހެރި ކުރުމުގެ ބާރު ޕަބްލިކް ހެލްތު ޑިރެކްޓަރަށް ލިބިގެންވޭ، ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައެޅީ މި ބަލި އިތުރަށް ފެތުރިގިގެން ދިޔުން ހުއްޓުވުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން ދަނީ ހުރިހާ އިދާރާތަކެއް ގުޅިގެން، ބޭރުގެ ލަފަޔާ އެއްގޮތަށް ރައްޔިތުންގެ ރާއްކާތެރިކަމާއި ސަލާމަތަށް ފިޔަވަޅުތައް އަޅަމުން ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް19 ބަލީގެ ނުރައްކާތެރިކަމަށް ބަދަލެއް ނާންނަ ކަމަށާއި ނުރައްކާ އޮތީ ބަލި ފެތުރޭ މިންވަރުގެ މައްޗަށް ކަމަށެވެ. ބަލި އިތުރަށް ފެތުރިގެން ގޮސްފިނަމަ ވަރަށް ގިނަ ކަންތައްތަކެއް ގައުމުތަކަށް ކުރިމަތިވާނެ ކަމަށާއި ވައިރަހާ ކުރިމަތިލާން ވަރަށް ގިނަ ގޮންޖެހުންތައް ވެސް މެދުވެރިވާނެ ކަމަށެވެ.

"މި ބަލި ކޮންޓެއިން ކުރުމަށް ކުރާ އުއްމީދު ކަނޑައެއް ނުލަން، އެ ވައިރަހަށް ޕޮޒިޓިވްވިޔަސް އަޅުގަނޑުމެން މި ބަލަނީ އެ މީހަކާ ކޮންޓެކްޓްވި ހުރިހާ ފަރާތްތަކެއް ހޯދައި، އެ ވައިރަސް އިތުރު ބަޔަކަށް ފެތުރިގެން ނުދާނެ ގޮތަކަށް، އެކަމަކު އެހެން ގައުމުތަކުގައި ވެސް އެ ބަލި ފެތުރޭ މިންވަރަށް ބަލާއިރު، އަޅުގަނޑުމެންވެސް އެބަޖެހޭ އެފަދަ ހާލަތަކަށް ދުރާލައި ތައްޔާރުވާން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ބައްޔަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ.

އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އިއްޔެ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ. މި ތިން ރިސޯޓް ވެސް މިހާރު އޮތީ މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންއަކަށް ގެނެސްފަ އެވެ.