ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިގުތިސޯދު އެބަ ދަށްވޭ، އެކަމަކު މުސާރަތައް ކުޑަނުކުރާނަން: ރައީސް

Mar 12, 2020
3

ކޮރޯނާ ވައިރަހާ ގުޅިގެން، ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑު އަސަރެއް ކޮށް، ދައުލަތުގެ އާމްދަނީ ދަށްވާނެކަމަށް ލަފާކުރެވޭ ކަމަށާއި، ނަމަވެސް، ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެ ކަމަށާއި، މިއަހަރަށް ރޭވިފައިވާ ތަރައްގީގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ ކޮވިޑް-19 މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، އެކަމާ ގުޅިގެން ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބު ކުރައްވައި ވިދާޅުވީ ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނަމުންދާ ކަމަށެވެ.

އެގޮތުން، ވައިރަހުގެ ސަބަބުން އިގުތިސޯދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ގައުމެއްގެ ގޮތުގައި ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެ ފާހަގަކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެ ކަމަށާއި އަދި ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161،740 ބެޑްނައިޓް ކެންސަލްވެފައިވާ ކަމަށެވެ.

"މިހާރު ހަދާފައި ހުރި ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމުގެ ސަބަބުން އިގުތިސޯދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށެވެ.

"މި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ."

މި ދަތިތައް ކުރިމަތިވިޔަސް، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް ކަމަށެވެ.

"މިވަގުތު އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ކޯވިޑް-19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައި ވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ގަސްދު ނުކުރާ ވާހަކަ،" ރައްޔިތުންނަށް ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް މެދުކަނޑާނުލައި ކުރިއަށް ގެންދިޔުމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ބަލިން އަރައިގަތުމަށްޓަކައި މުޅި ގައުމީ އެކީގައި މަސައްކަތްކޮށް، ފަރުދީ ޒިންމާތައް އަދާކޮށް، ސިއްހީ މާހިރުން ދޭ ލަފަޔާ އެއްގޮތަށް މަސައްކަތް ކުރުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މި ބައްޔަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ.

އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އިއްޔެ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ. މި ތިން ރިސޯޓް ވެސް މިހާރު އޮތީ މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންއަކަށް ގެނެސްފަ އެވެ.