ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެއަށް އެހީވުމުގެ މަޝްވަރާ ދަނީ ކުރެވެމުން: ޗައިނާ ސަފީރު

Mar 12, 2020
6

ދުނިޔޭގައި ވަރަށް ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، އެ ބަލިން ރައްކާތެރިވުމަށް ރާއްޖޭން ކުރާ މަސައްކަތްތައް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ދިވެހި ސަރުކާރާއެކު ކުރެވެމުންދާކަމަށް ޗައިނާ އިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖޭންގް ލީޖޮންގް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޗައިނާ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތައް ދެނެގަތުމަށް ރާއްޖޭގެ މިނިސްޓަރުންނާއެކު ވަރަށް ގާތުން މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް އިހުސާސްކުރެވޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޗައިނާއާމެދު އޮތް ހަމްދަރުދީއާއި ސަޕޯޓު. އެކަން ޗައިނާ އިން ރާއްޖެއަށްވެސް އަނބުރާ އަދާކޮށްދޭނަން،" ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޗައިނާ ސަފީރު މި ގޮތަށް ވިދާޅުވެފައިވަނީ އެބަލި ފެތުރުން ހުއްޓުވަން ރާއްޖޭން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ސިއްހީ މާހިރުންގެ ޓީމައަކާއެކު ބޭސްފޯރުކޮށްދޭން އުޅުމުން، އެ އެހީ ދިވެހި ސަރުކާރުން ގަބޫލުނުކުރި ކަމުގެ ތުހުމަތު އިދިކޮޅުން ކުރުމާ ގުޅިގެންނެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ހޫބޭ ޕްރޮވިންސުން ފެނުނު ވައިރަސް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުފައިވާއިރު، ޗައިނާގައި އެ ބަލި ވަނީ 80،754 މީހުނަށް ޖެހިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް 3،136 މީހުން މަރުވެފައިވާއިރު، ފާއިތުވި ދެ ހަފްތާއެއްގެ ތެރޭގައި އެ ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

އެގޮތުން، އެ ބަލި މިހާރު ފެތުރެމުން ނުދާކަމަށް ޗައިނާގެ ހެލްތު ކޮމިޝަނުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ. އެ ވައިރަހާ ދެކޮޅަށް ޗައިނާ ސަރުކާރުން އެޅި ފިޔަވަޅުތަކާއި ކުރި މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް މީގެ ކުރިން ވަނީ ތައުރީފުކޮށްފަ އެވެ.

އެ ވައިރަސް މިހާރު 100 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާއިރު، އެ ބަލީގެ އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކަށް ޗައިނާ އިން ދަނީ އެ ގައުމުގެ ތަޖުރިބާ އާއި ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.