ހަބަރު

އޭދަފުށީގައި މޫދަށް ގެނބި ކުއްޖެއްގެ ހާލު ސީރިއަސް

ބ. އޭދަފުށީގައި މޫދަށް ކުޑަކުއްޖަކު ގެނބި، ހާލު ސީރިއަސްވެއްޖެ އެެވެ.

ފުލުހުން ބުނީ މިއަދު 16:45 ހާއިރު އޭދަފުށި ހުޅަނގު ފަރާތު ދޯނި އެހެލާ ސަރަހައްދަށް މޫދަށް އެރިއުޅުނު 12 އަހަރުގެ އަންހެން ކުއްޖެއް ގެނބިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި ގެނބުނު ކުއްޖާ ސަލާމަތް ކޮށްފައިވަނީ އާންމު މީހެއް ކަމަށާއި އެކުއްޖާއަށް މިހާރު ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މިކަމުގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ މިއަދު ހަވީރު 16:30 ހާއިރު ކުޑަކުއްޖަކު ގެނބިގެން އެ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުންދާ ކަމަށާއި ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އެ ކުއްޖާ އިތުރު ފަރުވާ އަށް މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދިޔަ ނަމަވެސް މާލެ ފޮނުވާ ވަރަށްވުރެވެސް ހާލު ދެރަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ހާލު ސީރިއަސް ކުއްޖާއާއެކު އެހެން ދެ ކުދިން ވެސް ގެނބުނެވެ. ގެނބުނު އަނެއް ދެ ކުދިން ހާލު ރަނގަޅު ނަމަވެސް ނަފްސާނީ ގޮތުން އެކުދިންނަށް އަސަރު ކޮށްފައިވާތީ، ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން އެކުދިންނަށް ކައުންސިލިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.