ސްކޫލް ހުޅުވުން ލަސްވި ނަމަވެސް ދަރިވަރުންނަށް ކިޔެވުން މެދުކަނޑާނުލާ އަންނަ ހަފުތާ އޮންލައިންކޮށް ކިޔައިދިނުމުގެ އިންތިޒާމްތައް އެޑިއުކޭޝަން މިނިސްޓްރީއިން ހަމަޖައްސަން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހަފުތާ އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރެއް ނުވާނެ ކަމަށާއި ނަމަވެސް އެ މުއްދަތުގައި ދަރިވަރުންނަށް ފިލާވަޅުތައް ލިބޭނެގޮތް އިންތިޒާމްކުރެވޭނެ ކަމަށެވެ.
ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނީ ޕީއެސްއެމްގެ ޗެނެލަކުންނާއި ޔޫޓިއުބްފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށް މިނިސްޓްރީއިން ބުންޏެވެ. ބަޔާނުގައި ބުނީ އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދެވޭނީ އެޑިޔުޕޭޖްއާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ. އަދި އިތުރު ރިސޯސްތައް އެކަމަށް ހާއްސަކުރެވިފައިވާ ވެބްޕޯޓަލްއާއި ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.
ބަޔާނުގައި ބުނީ މި އަހަރު ގްރޭޑް 10އެއްގައި ކިޔަވާ ދަރިވަރުންނާއި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެހެން ގްރޭޑްތަކުގެ ފިލާވަޅުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ.
ރާއްޖޭގެ ސްކޫލްތައް އެއް ހަފުތާއަށް ފެށުން ލަސްކޮށްފައިވަނީ މީގެ ކުރިން އޮތް ހާލަތަށް ބަލާފަ އެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެ ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އެ ހާލަތު އިއުލާން ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކުރަން ޖެހެ އެވެ.