ކަންގަނާ

20 ކިލޯ ބަރުވުމަށްފަހު ކަންގަނާ ހިކެން މަސައްކަތް ފަށައިފި

ކަންގަނާ ރަނާވަތު އަކީ ވަރަށް ވަރުގަދަ ޝަޚްސިއްޔަތެއްގެ ވެރި އެހާމެ މޮޅު އެކްޓަރެކެވެ. ސްކްރީންގައި ވިޔަސް ޒާތީ ދިރިއުޅުމުގައި ވިޔަސް ކަންގަނާ އަޒުމު ކަނޑައަޅައިފި ކޮންމެ ކަމެއް ހާސިލު ކުރަން އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރަށް ހުރެ އެވެ.

ދާދިފަހަކާ ޖެހެން ދެން ކަންގަނާ ޝޫޓް ކުރަމުން ދިޔައީ އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ އަދި ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން ކުރި ޖަޔަލަލީތާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމު "ތަލައިވީ" އެވެ. އެ ފިލްމުގައި ޖަޔަލަލީތާގެ ރޯލަށް ފިޓްވުމަށް ކަންގަނާ އަށް 20 ކިލޯ ބަރުދަން އިތުރުވާން ޖެހުނެވެ.

މިހާރު އެ ފިލްމުގެ މަސައްކަތް ނިމުމާއެކު އަލުން އަނބުރާ ކުރިން ހުރި ބަރުދަނަށް ލުއި ވުމުގެ މަސައްކަތް އޭނާ ވަނީ ފަށާފަ އެވެ. އެއީ ދެން އޭނާ ކުޅެން އޮތީ "ތޭޖަސް" އާއި "ދާކަޅް" ކަމަށް ވެފައި އެ ފިލްމުގައި އޭނާ ހުންނަން ޖެހެނީ ލޫޅާފަތިކޮށް ކަމަށް ވާތީ އެވެ.

ދާދިފަހުން ކަންގަނާގެ ޓީމުން އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި މިހާރު އޭނާގެ ބަރުދަން ހުރި ވަރާއި ހިކެންކުރާ މަސައްކަތް ޝެއާ ކޮށްފައި ވެއެވެ.

"ކަންގަނާ 'ދާކަޅް' ގައި އަދާކުރާ ރޯލަށް ފިޓްވާން ވިހި ކިލޯ ލުއިކުރަން ލިބިފައިވަނީ އެންމެ ދެ މަސް ދުވަސް. މި ވީޑިއޯގައި މި ފެންނަނީ ކަންގަނާ މި ރޯލަށް ފިޓްވުމަށްޓަކައި ހިތްވަރާއި އަޒުމާއެކު ކުރަމުންދާ މަސައްކަތް،" ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

ވީޑިއޯގައި ބުނާ ގޮތުން ކަންގަނާގެ މިހާރުގެ ބަރުދަނަކީ 70.3 ކިލޯ އެވެ. އަދި އޭނާގެ ޓްރެއިނާ ބުނަނީ ދާދި އަވަހަށް އެމީހުން ބޭނުންވާ އަމާޒަށް ވާސިލު ވެވޭނެ ކަމަށެވެ.

"ތަލައިވީ" ރިލީޒްކުރުން އަންނަ ޖޫން 26 އަށް ހަމަޖެހިފައިވާއިރު "ދާކަޅް" ރިލީޒްކުރާނީ 2021 ގައެވެ.