ލައިފްސްޓައިލް

އެއިންސްޓެއިނަށްވުރެ އައިކިއު ލެވެލް މަތި ކުއްޖެއް!

މެކްސިކޯގެ މެކްސިކޯ ސިޓީގައި ދިރިއުޅޭ އަށް އަހަރުގެ މި އަންހެންކުއްޖާ އަކީ ސޯޝަލް މީޑިއާގައި މިހާރު ވަރަށް މަޝްހޫރު ކުއްޖެކެވެ. މިހާ ޅަ އުމުރުގައި ކޮލެޖުގައި އެސްޓްރޯފިޒިކްސް ކިޔަވަން ފެށުމާ ގުޅިގެންނެވެ. އަދި މި ކުއްޖާ ވަނީ ދެ އޮންލައިން ކޮލެޖް ކޯސް ފުރިހަމަކޮށްފަ އެވެ.

އަދާރާ ޕެރޭޒްއަކީ މެކްސިކޯގެ ވަރަށް ފަގީރު އަވަށެއްގައި ދިރިއުޅޭ ކުއްޖެކެވެ. ފަގީރު އަވަށެއްގައި އުޅުނަސް މި ކުއްޖާގެ ވިސްނުން ތޫނު ކަމުން މުޅި ދުނިޔެ ވަނީ ހައިރާން ކޮށްލާފަ އެވެ. އިއުލާން ކޮށްފައިވާ ގޮތުގައި މި ކުއްޖާގެ އައިކިއު ލެވެލް އަކީ 162 އެވެ. މިއީ ދުނިޔޭގެ އެންމެ ވިސްނުން ތޫނު ޖީނިއަސް ކަމަށް ބެލެވޭ އަލްބަޓް އެއިންސްޓެއިން އާއި ސްޓެފަން ހޯކިންގް އައިކިއު ލެވެލް އަށް ވުރެ ވެސް ދެ އަދަދު މައްޗެވެ.

އަދާރާގެ އައިކިއު ލެވެލް މަތިކަމުން އޭނާ އެންމެ ކުޑައިރު ގިނަ މީހުންނަށް އޭނާ ކުރާ ކަންތައް ދެނެގަންނަން އުނދަގޫވެ އެވެ. ޕްރީސްކޫލްގައި އުޅުނުއިރު އޭނާއާ އެއްވެސް ކުއްޖަކު ރައްޓެއްސެއް ނޫނެވެ. އަދާރާއަކީ އަޖައިބެއް ކަހަލަ ކުއްޖެއް ކަމަށް ކުދިންނަށް ގަބޫލު ކުރެވޭތީ އެއްވެސް ކުއްޖަކު އޭނާއާ އެކުވެރިވާން ބޭނުން ނުވީ އެވެ. އެއްވެސް ގޭމެއް ކުޅޭކަށް އަދާރާ ބޭނުމެއް ނުވެ އެވެ. ކުޅިވަރަކީ ފޫހި އެއްޗެއް ކަމަށް ގަބޫލު ކުރާތީ އެވެ.

ކުޅިވަރު ކުޅުމުގެ ބަދަލުގައި އަދާރާ ބޭނުންވަނީ އަބަދުވެސް ފޮތް ކިޔާށެވެ. ކުޑަކުދިން މި ކިޔާ އާދައިގެ ކުދިކުދި ވާހަކަ ފޮތެއް ނޫނެވެ. ބޮޑެތި ޓެކްސްޓް ފޮތެވެ.

އަދާރާގެ ޓީޗަރު ވެސް އޭނާ އުޅޭ ގޮތުން ވަރަށް ކަންބޮޑުވެ އެވެ. ސަބަބަކީ ކްލާހުގައި ކިޔައިދޭ އެއްޗެއް އަޑުއެހުމުގެ ބަދަލުގައި އަދާރާ އަބަދު ކުލާހުގައި ނިދާތީ އެވެ.

ނަމަވެސް ޗައިލްޑް ސައިކޮލޮޖިސްޓަކަށް އަދާރާ ދެއްކުމުން އޭނާގެ އެސްޕާގާ ސިންޑްރޯމް ހުރިކަން ޑައިގްނޯސް ކުރެވުނެވެ. އަދި އޭނާގެ އަޖައިބެއް ފަދަ އައިކިއު ލެވެލްގެ ސަބަބުން ޕްރީސްކޫލް ފިލާވަޅުތައް މާ ސިމްޕަލް ވެފައި ބޯރިން ކަމަށް އަދާރާއަށް ގަބޫލު ކުރެވޭ ކަމަށް ބުންޏެވެ. އޭނާ ކުލާހުގައި ނިދަނީ އެހެންވެ އެވެ.

އަދާރާގެ މައިންބަފައިންނަށް ސައިކޮލޮޖިސްޓް ލަފާ ދިނީ އޭނާ ގޮވައިގެން ސެންޓަ ފޯ އެޓެންޝަން ޓު ޓެލެންޓް (ސީއީޑީއޭޓީ) އަށް ދިއުމަށެވެ. އެތަނުގައި އެލެމެންޓްރީ ސްކޫލް އަދާރާ ފުރިހަމަކުރީ އުމުރުން ފަސް އަހަރުގަ އެވެ. އަދި ހަ އަހަރުގައި މިޑްލް ސްކޫލް ފުރިހަމަކުރި އެވެ. އަދި އަށް އަހަރުގައި އޭނާ ވަނީ ހައި ސްކޫލް ނިންމާފަ އެވެ.

އަދި މި ދުވަސްތަކުގެ ތެރޭގައި އޮންލައިންކޮށް ކޮލެޖް ކޯސްތަކުގެ ދެ ކޯހެއް ހަދަން ވެސް އަދާރާގެ ތޫނު ވިސްނުމަކަށް އެއްވެސް އުނދަގޫ ކަމަކަށް ނުވި އެވެ. އެގޮތުން ޔުނިވަސިޓީ އޮފް ޓެކްނޮލޮގިކާ ޑި މެކްސިކޯގެ އިންޑަސްޓްރިއަލް އިންޖިނިއަރިން އިން މެތެމެޓިކްސް ކޯހަކާއި ސިސްޓަމް އިންޖިނިއަރިން އެޓް ދަ ކޮމްޕްރިހެންސިވް ނެޝަނަލް ސައިބަސެކިއުރިޓީ އިނީޝިއޭޓިވް ކޯހެއް އޭނާ އޮންލައިންކޮށް ހެދި އެވެ.

ޔުނިވަސިޓީ އޮފް އެރިޒޯނާގައި މިހާރު އެސްޓްރޯފިޒިކްސް ކިޔަވަމުންދާ އަދާރާގެ އުންމީދަކީ އެސްޓްރޮނޯޓަކަށް ވުމެވެ. ޔުނިވަސިޓީގެ ޕްރެޒިޑެންޓް ރޮބަޓް ރޮބިންސް އަށް އަދާރާގެ ވާހަކަ އަޑުއިވިގެން އެ ޔުނިވަސިޓީގައި ކިޔަވަން ދައުވަތު ދީގެން އެތަނަށް ވެއްދީ ކަމަށް ވެއެވެ. ރޮބަޓް ބުނި ގޮތުގައި އަދާރާގެ މުސްތަގްބަލް ވަރަށް އުޖާލާ އެވެ.