އަނަންތަރާ ދިގު ރިސޯޓުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މި މީހާއާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ނުވަ އަކަށް އެރީ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހަވީރު ބުނީ އަނަންތަރާ ދިގު ރިސޯޓުގައި ހުރި ބިދޭސީއަކު ކޮވިޑް-19 ގެ ވައިރަސްއަށް ޓެސްޓް ކުރުމުން އޭނާގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ ރިސޯޓުގެ މުވައްޒަފެއް ކަމަށް ނުވަތަ އެ ރިސޯޓުގައި ހުރި ޓޫރިސްޓަކު ކަމެއް އަދި ސާފެއް ނުވެ އެވެ.
މާލެ އަތޮޅުގައި އޮންނަ އަނަންތަރާ ދިގު ރިސޯޓުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހާއާ އެކި ގޮތް ގޮތުން ކޮންޓެކްޓް ވެފައިވާ 11 މީހަކު އެކަހެރިކޮށްގެން ފަރުވާ ދެމުންދާ ކަމަށް ވެސް އެޗްޕީއޭ އިން މިއަދު ބުންޏެވެ.
ދުނިޔޭގައި ފެތުރެމުންދާ އެ ވައިރަސްއަށް ރާއްޖޭން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވާ ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކަށެވެ. އޭގެ ފަހުން ކުރެއްދޫން ދެ ޓޫރިސްޓަކު ވެސް ޕޮޒިޓިވް ވި އެވެ. ކުރެއްދޫގައި ކޮރޯނާ ފެތުރުނީ އެ ތަނުގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް މާލޭގައި ވެސް ދެ ދުވަހު މަޑުކުރި އެވެ.
އޭގެ އިތުރުން އއ. ބަތަލާ ރިސޯޓްގެ އިޓަލީ ދެ ޓޫރިސްޓަކަށާއި އއ. ކުރަމަތި ރިސޯޓްގައި ތިބި ދެ ޓޫރިސްޓަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ.
ރާއްޖޭން ވެސް ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފައިވާ އެ ކުއްލި ހާލަތުގައި ސްކޫލްތައް ބަންދުކޮށް މީހުން އެއްވެ އުޅޭ އާންމު ތަންތަނަށް އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ދަތުރުފަތުރު ކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.