ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަނަންތަރާއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

އަނަންތަރާ ދިގު ރިސޯޓުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ އަނަންތަރާ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓްކުރި ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެމީހާއަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ހުރި މީހެއް ކަމަށެވެ.

މީގެ ދެ ދުވަސް ކުރިން ވެސް އަނަންތަރާ ދިގު ރިސޯޓުން ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އެމީހާއާ ކޮންޓެކްޓްވި މީހުން ބޭތިއްބީ އެކަހެރި ކޮށްފަ އެވެ.

ކޮންޓެކްޓް ޓްރޭސިން ނިންމައި އަނަންތަރާ ދިގު ރިސޯޓް މިހާރު އޮތީ ހުޅުވާލާފަ އެވެ. އެ ރިސޯޓުން އެކަހެރިކޮށްފައިވާ މީހުންގެ ސީދާ އަދަދު ސާފެއް ނޫނެވެ.

އަލަށް ޕޮޒިޓިވްވި މީހާއާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 11 އަށް އެރީ އެވެ. އަނަންތަރާ ދިގުގެ ދެ މީހުން ފިޔަވައި މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.