ދުނިޔޭގައި ފެތެރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވާން ބޭނުން ކުރާ ބައެއް ސާމާނު އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.
ސްރީ ލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން އެދުމާ ގުޅިގެން ކޮވިޑް-19 މެނޭޖްކޮށް އެ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން 400 ކޮވަރޯލްއާއި ބޫޓާއި އަންގި ހަދިޔާ ކޮށްފައިވާ ކަމަށެވެ.
އެ ތަކެތި ހަވާލު ކުރީ ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއާ އެވެ.
އެމެރިކާއިން ބައެއް ވަސީލަތްތައް ރާއްޖެއަށް ހަދިޔާ ކުރިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އެކުވެރި ބައެއް ގައުމުތަކުގެ އެހީ ލިބޭނެ ކަމުގެ ފެހި ސިގްނަލް އެ ގައުމުތަކުން ދީފައިވާ ކަމަށެވެ.
މި ގޮތުން އިންޑިއާގެ ސިއްހީ މާހިރުންނާއި ހިދުމަތްތެރިން ހިމެނޭ ޓީމެއް ރާއްޖެ ފޮނުވަން ނިންމާފައިވާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ. އެ ޓީމުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުންނާއި ފިޒީޝަނުން ހިމެނޭނެ ކަމަށް އެ ގައުމުން ބުނެ އެވެ. އަދި ބައެއް ބޭސް ވެސް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް ނުވަ މީހަކު ވަނީ ފެނިފަ އެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކާއި އެ ރިސޯޓުގައި ތިބި ދެ ޓޫރިސްޓެއްގެ އިތުރުން އއ. ބަތަލާ ރިސޯޓުގައި ތިބި ދެ ޓޫރިސްޓުންނާއި އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ ޓޫރިސްޓުން، އަދި ކ. އަންނަތަރަ ދިގު ރިސޯޓުގައި ހުރި ބިދޭސީއަކަށެވެ.
ރާއްޖޭން ކޮރޯނާ ވައިރަސް ފެނުމާ ގުޅިގެން ކުރިއަށް އޮތް 30 ދުވަހަށް ވަނީ ސިއްހީ ކުއްލި ހާލަތެއް ވެސް އިއުލާންކޮށްފަ އެވެ.