ރަންބީރު ކަޕޫރު

ނީނާ ބޭނުމީ ރަންބީރުއާއެކު ރޮމޭންޓިކް ފިލްމެއް

ނީނާ ގުޕްތާ އަކީ ހިތު ހުރި އެއްޗެއް ބުނެލަން ފަސް ނުޖެހޭ ބަތަލާ އެކެވެ. މިހާރު އުމުރުން ދުވަސްވެފައި ހުއްޓަސް އޭނާ އަދިވެސް ބޭނުމީ އޭނާއަށް ވުރެ މާ ހަގު އެކްޓަރުންނާ ރޮމޭންސް ކުރާށެވެ.

އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ނީނާ ބުނީ ޝާހްރުކް ޚާން ނުވަތަ ރިތިކް ރޯޝަން އާ ރޮމޭންސް ކުރަން ލިބޭ ކަހަލަ ރޯލެއް ކުޅެލަން ލިބިދާނެ ދުވަހަކަށް އުންމީދު ކުރާ ކަމަށެވެ. ނަމަވެސް އެމީހުން މިހާރު ވެސް މަސައްކަތް ކުރަނީ އެމީހުންނަށް ވުރެ 20 އަހަރާއި 25 އަހަރު ހަގު ބަތަލާއިންނާ އެކު ނޫންތޯ ނީނާ ސުވާލު ކުރި އެވެ.

އެގޮތަށް ވިސްނާފައި ނީނާ ބުނީ އޭނާ އާއި ރަންބީރު ކަޕޫރުގެ އުމުރުގައި ވެސް ހުރީ 25 އަހަރާއި 20 ވަރަކަށް އަހަރުގެ ތަފާތު ކަމަށާއި އެހެންވީމާ ރަންބީރާއެކު ރޮމެންޓިކް ފިލްމެއް ކުޅެވިދާނެ ކަމަށެވެ. ނަމަވެސް ކިތަންމެ ބޭނުންވިޔަސް އަދި އެމީހުން ފިލްމެއް ކުޅުނަސް އިންޑިޔާ މީހުން އެ ފިލްމު ބަލައި ނުގަންނާނެކަން އެނގޭ ކަމަށް ވެސް ނީނާ ބުންޏެވެ.

"އަހަންނަށް ރަންބީރު އާ ވެސް ރޮމޭންސް ކުރެވިދާނެ. އެކަމަކު އަހަރެމެންގެ ގައުމުގެ މީހުން އަދި އެކަހަލަ ފިލްމުތައް ބަލައިގަންނަން ވަގުތު ނަގާނެ،" ނީނާ ބުންޏެވެ.

ނީނާ ބުނި ގޮތުގައި "ވޭކް އަޕް ސިދް" އާއި "އޭ ދިލް ހެ މުޝްކިލް" އަކީ ހަގު ބަތަލުންނާއި ދޮށީ ބަތަލާއިން ރޮމޭންސް ކުރާ ތަން ފެންނަ ވަރަށް މޮޅު ފިލްމުތައް ކަމަށާއި އެފަދަ ފިލްމުތައް ބޮލީވުޑުން އުފައްދާލެއް ވަރަށް މަދު ކަމަށެވެ. އަދި އެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ވެސް ރަނގަޅު ކާމިޔާބެއް ލިބިފައިވާކަން ނީނާ ފާހަގަ ކުރި އެވެ.

އެހެންވީމާ ނީނާ އާއި ރަންބީރު ރޮމެންޓިކް ރޯލަކުން ފެނިދާނެ ފަދަ ފިލްމެއް ވެސް ލިޔުންތެރިޔެއްގެ ޚިޔާލަށް ކޮންމެވެސް ދުވަހަކުން އަތުވެދާނެ ކަމަށް ނީނާ އުންމީދު ކުރެ އެވެ.

ނީނާގެ ފަހުގެ ފިލްމުތަކުގެ ތެރެއިން "ބަދާއީ ހޯ"ގައި އޭނާ ކުޅެފައިވާ ރޯލަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބިފައި ވެއެވެ. އެ ފިލްމުގައި އޭނާ ކުޅެފައިވަނީ 50ގެ އަހަރުތައް ގުނަމުންދާ އަންހެނަކު ބަލިވެ އިނދެގެން އެކަމާ ލަދުން އެ ދެމަފިރިން އުޅޭ ގޮތާއި އެމީހުންގެ ދަރިންނާއި އާއިލާގެ މީހުން އެކަމާ ލަދުން ކަންތައްތައް ކުރި ގޮތެވެ.