ވާހަކަ

ކުށް ހީ (ފަހުބައި)

(ފަހު ބައި)

އީސަ ހުއްޓުނެވެ. އަހަރެން ކޮޅަށް ތެދުވީމެވެ. ބަދަލުގައި އީސަ އެއްޗެއް ނުބުނެއެވެ. އޭނާ ބަލަން ހުރީއެވެ. އަހަންނަށް އެނގޭ ކަމަކަށް ނުހަދަމެވެ. އަތްމަތި އަވަސްކޮށްލައިގެން ތަށިތައް ނަގަން އުޅެންފެށީމެވެ. އީސަ އައިސް އަހަރެންގެ ފަހަތުން ބައްދައިލިއެވެ. އަހަންނަށް އުނދަގޫވާ ގޮތްވިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އީސަގެ އަތުގެ ތެރެއިން ވީއްލިގަތީމެވެ.

"ފެން ނުވަރާ. ކައްކާ ވަސް." އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

އީސަ ދިޔައީއެވެ. އޭނާ ގޮސް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. އަހަރެން ދިޔައީ ފާޚާނާއަށެވެ. ފާޚާނާއަށް ވަދެވުނު ކަމެއް ނޭނގުނެވެ. ބަޑިފަޅައިގެން ދިޔައީއެވެ. މާގަނޑު ދޫކޮށްލައިގެން އެތައް އިރެއް ވަންދެން ހުރީމެވެ. ރޮމުން، ގިސްލަމުން އެތައް ޝަކުވާއެއް ކުރީމެވެ. އަމިއްލަ ނަފުސަށެވެ. އަމިއްލަ ހިތަށެވެ. ހިތަށް އިވޭ ވަރަށެވެ. އެއްވެސް ލަފުޒެއް ބޭރެއް ނުކުރެވުނެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އީސަ ފަރާތުން ފެންނަމުންދިޔަ ހުރިހާ ކަމެއް ގޮސް ގުޅެނީ ރުޝްދާއާ ކަމަށް ނިންމުނެވެ.

"އޮފީހަށް އަލަށް މީހަކު ޖޮއިން ކޮށްފިތަ؟" އަހަރެން ސޯފާގައި އިށީނދެލަމުން އަހައިލީމެވެ.
"އުހުނ. މި މަހަކު ނުކުރޭ،" ސިހިފައި އީސަ ބުނެލިއެވެ. "ކިހިނެއްވީ؟"
"ކަމެއް ނުވޭ. ކޮންމެ ވެސް ރުތުބާއެއް ގުޅީމަ. އަހަރެން ފޯނު ނަގަން އުޅެނިކޮށް ކެނޑުނީ." އީސަގެ މޫނަށް ބަލައިލަމުން ބުނެލީމެވެ.
"ރުތުބާއޭ؟" ސުވާލުގެ ނަޒަރުން އީސަ ބަލައިލީ ފޯނަށެވެ.
"ރުޝްދާ!" އީސަ ހިނިތުންވެލިއެވެ. "އެއީ ވަގުތީ ގޮތުން ނަގައިގެން އުޅޭ ކުއްޖެއް. ޕްރޮޖެޓަކަށް ކޮންސަލްޓެންސީ ދޭން. ދާއިމީ މީހެއް ނޫން."
"ކާކު ދަށުން އޭނާ ވޯކު ކުރަނީ؟" އަހަރެން ބޭނުންވީ ޔަގީން ކޮށްލާށެވެ.
"އަހަރެން،" އީސަ ބަލައިލުމުގައި އެތައް މާނައެއް ނެގެން ފެށުނެވެ. "ކިހިނެއްވީ؟"
"ކަމެއް ނުވޭ ހަމަ އަހައިލީ." އަހަރެން ބޭނުންވާ ޖަވާބު ލިބުނެވެ.

ކޮޅަށް ތެދުވީމެވެ. ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީމެވެ. ޓީވީގެ އަޑު މަޑުވުމުން އަހަރެން ބަލައިލީ އީސައަށެވެ. އޭނާ މިސްރާބު ހުރީ އަހަންނާ ދިމާއަށެވެ. އީސަ ހިނިތުންވެލި ގޮތުން ވެސް އޭނާގެ މަގުސަދު ސާފުވިއެވެ. އަހަރެން ދެކޮޅެއް ނުހަދަމެވެ. ކަންކަން ޔަގީންކޮށްލަން ލިބޭ ފުރުސަތަށް ނޫނެކޭ ބުނާނީ މޮޔައިންތާއޭ ހިތް ބުނެލިއެވެ.
އަހަންނަށް ލިބެމުންދަނީ މުޅީން ތަފާތު ޖަވާބު ތަކެކެވެ. އީސަގެ ފަރާތުން ފެންނަނީ މުޅީން ތަފާތު ކަންކަމެވެ. ހިތުގައި ހުރި އެއްވެސް ސުވާލަކަށް ފުރިހަމަ ޖަވާބެއް ނުލިބެއެވެ. ވަގުންގެ ފޮށި ބާރަށް ބަންނާނެތާއޭ ހިތްބުނެލިއެވެ. އީސައަކީ ވަގެއް ހެއްޔެވެ؟ އަހަރެންގެ މަގާމު އޭނާގެ ހިތުން ކިލަނބު ވެދާނެ ހެއްޔެވެ؟ އޭނާ މޮޅީ ހެއްޔެވެ؟

"އަހަރެން ދެކެ ފޫހިވާން ފަށައިފި ދޯ؟" ޖެހިގެން އައި ދުވަހުގެ ހެނދުނު ސައިބޯން އިނދެ އަހަރެން ނުގޮތަކަށް އަހައިލީމެވެ.
"ކިހިނެއްވީ؟" އީސަ ހިނިތުންވެލިއެވެ.
"ކާ ހިތް ނުވެ އިނދެ ކާ ހެން ހީވާތީ؟" އަހަރެން ބުނެލީމެވެ.
"އަމިއްލައަށް ރަހަ ބަލައިލަބަލަ." ރޮށި ކޮޅަކުން މަސްހުނި ކޮޅެއް ނަގައި އަހަންނަށް ދިށްކޮލިއެވެ.

އަހަރެން އީސަ ދިއްކޮށްލި ރޮށި ކޮޅަށް ބަލައިލީމެވެ. ފުން ނަޒަރަކުންނެވެ. ބަދަލުގައި އީސަ ހިނިތުންވެލަމުން އިޝާރާތްކޮށްލިއެވެ. އަހަރެން ދެވަނަ ފަހަރަށް ވެސް ބަލައިލީމެވެ. ހިތުގައި ފެވެމުން ދިޔައީ ތަންކޮޅެއް ކުރީގެ ހަނދާންތަކެކެވެ.

"ފޮނި ރަހަ ދޯ." އަހަރެން އަނގައިގެ ތެރެއިން ރޮށިކޮޅު ނެރުނީމެވެ.
"އަހަރެންވާ އެހެން ވެސް ނުބުނަމެއްނު،" އީސަ ހިނިތުންވެލިއެވެ. "ދެން ކެއުމުގެ ފޯރިއެއް ނުހުންނާނެއްނު."
"ސޮރީ."
"މި ކުރިން ދުވަހަކު ވެސް ނޫރާއަށް ވާގޮތެއް ނޫން. ރެއިން ފެށިގެން މިހެން މި ވަނީ. އަހަރެން އަބަދުވެސް ބުނަން ދޯ ނޫރާ ވައްޓާލެވޭ ވަރުގެ އަންހެނަކު ނުފެންނާނޭ،" އީސަ ބުނެލިއެވެ. "ރެސްޓޯރެންޓަށް ވަދެލައިފަ މި ދަނީ އޮފީހަށް. ނޫރާ ވެސް ގޮސް އަލަށް ގެނަ ދެ މީހުންނާ ބައްދަލުކޮށްލަންވާނެ. ޑިއުޓީއަށް ދާންވީމަ ގުޅައިލާ އިނގޭ."

އީސަ ތެދުވެގެން ދިޔައީއެވެ. އޭނާގެ މޫނުމަތިން ފެނުނީ ފޫހި ކަމުގެ ކުލަވަރެވެ. އީސަ ގެއިން ނުކުތުމުގެ ކުރީން އަހަރެން އޭނާގެ ފަހަތުން ދިޔައީމެވެ. އީސަގެ ފުރަގަހުން އަހަރެން ބައްދައިލީމެވެ. އީސަ ހުއްޓުނުވެ. އޭނާ ފަސް އެނބުރިލިއެވެ. ގިރުވާން ރީތިކޮށްލާ ކަމަށް ހަދަމުން އަހަރެން ބަލައިލީ ގިރުވާނަށެވެ. ބޭނުންވީ ޔަގީންކޮށްލާށެވެ.

"ސޮރީ. ދެން އެހެން ނުވާނެ." އަހަރެން ލޮލަށް ޖަމާވި ކަރުނަތައް ގަދަކަމުން ހިންދާލެވޭތޯ ބަލައިލީމެވެ.
"އެ މައްސަލައެއް ނޫން." އީސަ ހިނިތުންވެލިއެވެ. "ރަހައަށް ބަދަލު އަންނާނީ މާބަނޑުވާންވީމަ ކަމަށްވަނީ."

އީސަ ހިފައިލީ އަހަރެންގެ ނޭފަތުގައެވެ. އޭނާ ހިނިތުންވެލިއެވެ. ބަދަލުގައި އަހަރެން ތުންފަތް ދެފަރާތަށް އަނބުރައިލީމެވެ.

އީސަ ނުކުންނަންދެން ދޮރު ކައިރީގައި ހުރީމެވެ. އީސަގެ ލުއި ހިނިތުންވުން ފެނިފައި ހިތަށް ހަމަޖެހުން ލިބެއެވެ. ނަމަވެސް، އިއްޔެ ފެނުނު މެސެޖުތަކަކުން އީސަ މަތިން ފޫހިވާން ފެށީއެވެ. އީސަ ދިޔުމުން ތަށިތައް ނެގުމަށްފަހު އަހަރެން ނުކުތީ ބޭރަށެވެ. ރެސްޓޯރެންޓުގެ ކަންކަން ހިނގައި ނުހިގާ ގޮތް ބަލައިލާށެވެ. އެއީ އަހަރެންގެ ޒިންމާއެކެވެ. ހެނދުނުގެ ކަންކަން ބަލައިލުމެވެ.

ރެސްޓޯރެންޓަށް ގޮސް އަލަށް ގެނައި ދެމީހުންނާ ބައްދަލުކުރަން ހަމަޖެހިފައި އޮތެވެ. އަހަރެން އިނީ ރެސްޓޯރެންޓުގެ އޮފީސް ބައިގައެވެ. އޮފީހަށް ދެމީހުން ވަނުމުން އަތުގައި އޮތް ނޫސް ތިރިކޮށްލަމުން ބަލައިލީމެވެ. ހީވީ ހިތް ބޭރަށް ނުކުތް ހެންނެވެ. އެހާ ރީތި ފުރިހަމަ ފިރިހެނެއް ފެނުނީ އަލަށެވެ. ވަރަށް އަދަބުވެރި ކަމާއެކު ދެމީހުން ވެސް ބަލަން ތިބީ ސީދާ އަހަރެންގެ މޫނަށެވެ.
"އަހަންނަކީ ނޫރާ. މިތަނުގެ އިސްކޮށް އުޅޭ މީހާ." އަމިއްލައަށް ތަޢާރަފުވީމެވެ.

ދެމީހުންގެ ތެރެއިން އެކެއްގެ މޫނަށް ބަލައިގެން އިނދެއެވެ. ދޮންކޮށް ހުރި މީހާއަކީ ކުރިން ފެނިފައިވާ މީހެއް ހެން ވެސް ހީވަމުން ދިޔައެވެ. އޭނާގެ ބެލުމުގައި ވަނީ އާދަޔާ ޚިލާފު ކަމެކެވެ. އެ ދެ ލޮލުން ދައުވަތު ދެނީ އެހެން ދުނިޔެއަކަށެވެ.

"އަހަންނަކީ ކަބީރު." އިނގިރޭސި ބަހުން ކަބީރު ވާހަކަފެށިއެވެ.
"ކަބީރު؟" އަހަރެން ދެތިން ފަހަރަކު ބުނެލީމެވެ.

ތަނާ ގުޅޭ ގޮތުން ދޭން ޖެހޭ މުހިއްމު މައުލޫމާތާއި، ދޭން ޖެހޭ އިރުޝާދުތައް ދިނުމަށްފަހު ދިޔުމަށް އިޝާރާތްކޮށްލީމެވެ. ދެމީހުން ކޮޅަށް ތެދުވިއެވެ. އަހަރެންގެ އަތުގެ އިޝާރާތުން ކަބީރުގާތު މަޑުކޮށްލުމަށް އިޝާރާތްކޮށްލީމެވެ. ކަބީރު ގޮނޑީގައި އިށީނެވެ.
"މަށަށް ކަބީރު ވަރަށް ކަމު ހިނގައްޖެ. މަ ބުނާ ކަންކަން ކޮށްލަ ދޭންވާނެ. ބަދަލުގައި ރަނގަޅު ހަދިޔާއެއް ލިބޭނެ." ކަބީރުގެ މޫނަށް ބަލައިގެން އިނދެ ސީދާ ވާހަކަދެއްކީމެވެ.

ކަބީރު ބޯޖަހައިލީއެވެ. އަހަރެން ދެއްކި ހުރިހާ ވާހަކައަކަށް ކަބީރު ބޯޖަހަމުން ދިޔައެވެ. އޭނާއަށް މަސައްކަތަށް ދިޔުމަށް އިޝާރާތްކޮށްލީމެވެ. ކަބީރު ނުކުމެގެން ދަން ދެން އަހަރެން ބަލަން އިނީ އޭނާ އަށެވެ. ފާޑަކަށް ހިނިތުން ވެވުނެވެ.
"ރުޝްދާއަށް ވުރެ މަ ވެސް ކުޅަދާނަވާން ޖެހޭނެ ދޯ." ކަބީރު ނުކުތުމުން އަހަންނަށް ބުނެލެވުނެވެ.
އެދުވަހުގެ ހަވީރެވެ. އަހަރެން ޑިއުޓީ ނިންމުމަށްފަހު އީސައަށް ގުޅައިލީމެވެ. ކޮބައިތޯ ބަލައިލުމަށެވެ.
"އަހަންނަށް ދެވޭނީ ތަންކޮޅެއް ލަހުން. މި ވަންނަނީ މީޓިންއަކަށް." އީސަގެ ޖަވާބު ލިބުނީ މެސެޖަކުންނެވެ.

ފުރުސަތުގެ ބޭނުން ހިފަން އަހަރެން ވިސްނީމެވެ. ރެސްޓޯރެންޓަށް ގުޅައިލުމަށްފަހު، ގެއަށް ގެނެސްދިނުމަށް އެދި ދެތިން އެއްޗަކަށް އޯޑަރު ދިނީމެވެ. އެ ހިފައިގެން ކަބީރު ފޮނުވައިދިނުމަށް ބުނީމެވެ.

އަހަރެން އުޅުނީ ފާޚާނާގައެވެ. ރަނގަބީލުވާ އަޑު އިވުމުން ބޮލުގައި އެއް ތުވާލި އޮޅައިލައިގެން އަނެއް ތުވާލި ގައިގައި އޮޅައިލައިގެން ނުކުތީމެވެ. ފާޑަކަށް ހެވިފައި ހުރެގެންނެވެ. ދޮރުގެ ފަހަތަށް ވަދެ ހުރެ އަހަރެން ދޮރު ހުޅުވާލީމެވެ. ލިބުނީ ހައިރާން ކަމެކެވެ. ކުރިމަތީގައި ހުރީ އީސައެވެ. އަހަރެން ހީކުރީ އަންނާނީ ކަބީރު ކަމަށެވެ.

"އީސަ؟" ސުވާލުގެ ނަޒަރުން އަހަރެން ބަލައިލީ އީސަގެ މޫނަށެވެ.
"ކިހިނެއްވީ؟" އީސަ ހިނިތުންވެލިއެވެ.
"މީޓިން؟"
"ކެންސަލްވީ. ވަރަށް ގުޅައިފީމޭ." އެތެރެއަށް ވަންނަމުން އީސަ ބުނެލިއެވެ.
"ފާޚާނާގަ ހުރީމަ." އެތެރެއަށް ވަދެ ދޮރު ލައްޕައިލަމުން އީސަ ބަލައިލީ އަހަންނަށެވެ.
އީސަ ދަހިވެތި ގޮތަކަށެވެ. އަހަރެން ކުރިއަށް ހިނގައިގަތީމެވެ.

ކުއްލިއަކަށް ދޮރުގައި މީހަކު ޖަހައިލިއެވެ. އިރުކޮޅެއް ފަހުން ރަނގަބީލުވާން ފެށިއެވެ. ސިހިފައި އީސަ ތެދުވިއެވެ. އަހަރެންގެ ސޯފާގައި ހަމަޖެހިލަމުން ތުވާލު ރަނގަޅުކޮށްލީމެވެ. އަތުން ބޮލުގައި ފުނާ އަޅައިލަމުން އީސަ ދިޔައީ ދޮރާ ދިމާއަށެވެ.
"އަހަނ. ކަބީރު ގެނޭ." އީސަ ދޮރާ ނިވާވެގެން ހުރެ ބުނެލިއެވެ.
"މެޑަމް ބުނީމަ." ކަބީރު ބޯ ދިއްކޮށްލީ ގޭތެރެ އަށެވެ.
ފާޑަކަށް ރަކިވެފައި އަހަރެން ބަލަން އިނީމެވެ. އަތުގެ އިޝާރާތުން ދާށޭ ބުނެލީމެވެ. ކަބީރު ދިޔުމުން ދޮރު އީސަ ލައްޕައިލިއެވެ. އީސަ ހުރީ ފާޑަކަށް ހެވިފައެވެ.

އަހަންނަށް ހިތައިހިތައި ދުއާކޮށްލެވުނެވެ. ބޮލުގައި ކުރެހުނު މަންޒަރު ކާމިޔާބު ނުވިކަމަށް ޓަކައި ޝުކުރުކޮށްލެވުނެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށޭ ހިތަށް އެރިއެވެ. އީސަ ދިޔައީ ކޮޓަރިއާ ދިމާއަށެވެ. އީސަގެ ގަމީސް ނަގައި ބަލައިލީމެވެ. އަހަންނަށް ބަލައިލެވުނީ ގަމީހުގެ ފަހަތުން ގިރުވާނާ ދިމާއެވެ.

އަނެއްކާ ވެސް ލިބުނީ ހިތްދަތިކަމެވެ. އިއްޔެއަށް ވުރެ ފާޅުކޮށް މިއަދު ގަމީހުގައި ރަތްކުލަ ހުރީމައެވެ. އަވަސް އަވަހަށް ގަމީހުގެ ވަސް ބަލައިލެވުނެވެ. ދުވީ ހަމަ އެއް ވަހެކެވެ. އިއްޔެ ވެސް ދުވި ވަހެވެ. ލޮލަށް ގިނަވި ހުރިހާ ކަރުނަތަކެއް ކޯތާފަތްމަތިން ގަމީހަށް އެޅެމުން ދިޔައެވެ. އަހަންނަށް ގަމީހުގައި ނޭފަތް ޖައްސައިގެން އިނދެވުނީއެވެ. ރޯށެވެ. އަޑުން އަޑުނަގާ ރޯށެވެ. ގިސްލެވެން ފެށުނެވެ. ބާރުބާރަށެވެ.

އަހަރެން ގޮތެއް ނިންމީމެވެ. އީސައަށް ފިލާވަޅެއް ދިނުމަށް އަޒުމު ކަނޑައެޅީމެވެ. އަސަރު ކުރަނީ ކާކަށްތޯ ބަލައިލަން ބޭނުންވީއެވެ. ގޮތް ގޮތަށް އުޅުމުން ހިތްދަތިކަން ލިބެނީ އަހަންނަށް އެކަނި ހެއްޔެވެ؟ ދެމީހުން ހަމަހަމަވާން ޖެހޭނެއޭ ހިތަށް އެރިއެވެ. ހިތުގެ ތެރޭގައި ކަންކަން ތަރުތީބުކޮށްލީމެވެ. ޖެހިގެން އައި ދުވަހެވެ. ހުރިހާ ކަމެއް ދިޔައީ އަހަރެން ބޭނުންވާ ގޮތަށެވެ.

ކަބީރު ގެއަށް ގެނައީމެވެ. އީސައަށް ގުޅީމެވެ. އީސައަށް އާދެވުނު އިރު ކަބީރު އެޕާޓުމަންޓުން ނުކުންނަނީއެވެ. އޭނާ ކަންކުރީ އަހަރެން ބުނި ގޮތަށެވެ. އަހަރެން ބުނި ތަރުތީބުންނެވެ. ހަރަކާތްތައް އަވަސްކޮށްލަމުން، ތުވާލި ގައިގައި އޮޅައިލައިގެން އަހަރެން ސޯފާގައި އޮށޯވެލީމެވެ. ވަރުބަލިވެފައިވާ ކަމަށް ހެދިގެންނެވެ. ބޭނުންވީ އީސަގެ ހިތުގައި ވިކައިލާށެވެ. އޭނާގެ ލޯ މައްޗަށް މަންޒަރެއް ސިފަކޮށްދޭށެވެ.

"ނޫރާ." އީސަ ދޮރުން ވަން ގޮތަށް ބާރުބާރަށް އަހަންނަށް ގޮވާލިއެވެ.

ސިހިފައި ކަހަލަ ގޮތަކަށް އަހަރެން ތެދުވެ އިށީނދެލީމެވެ. އީސަގެ މޫނަށް ބަލަމުންނެވެ. އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަތަކަށް ބަލަން އިނދެގެންނެވެ.

"ކީއްކޮށްފަ އޭނާ އެ ދިޔައީ؟ އޭނާ ކީއްކުރަން މިގެއަށް އައީ؟" އީސަ އައިސް އަހަރެން ދެ ކޮނޑުގައި ހިފައިލިއެވެ.
އަހަންނަށް އިހުސާސްކުރެވެމުން ދިޔައީ އީސަގެ އަތުގެ ހަރަކާތްތަކެވެ. ތުރުތުރު އެޅުންތަކެވެ. އޭނާ ރުޅި ކޮންޓްރޯލު ކުރަން ކުރަމުން ދިޔަ މަސައްކަތްތަކެވެ.

"ކިހިނެއްވީ؟ ހާދަ ރުޅި އައިސް." އަހަރެން ހަމަޖެހިލަމުން ބުނެލީމެވެ.
"ރުޅި އައީމަ ރުޅިއަންނަ ވާހަކަ ދައްކާނީ. އުޅެވޭ ގޮތެއް ހިތަކަށް ނާރާ." އީސަ ބުނެލިއެވެ.
"އަހަރެންތަ ގޮތަކަށް މި އުޅެނީ؟" އަހަންނަށް ފުރުސަތު ލިބުނެވެ. "ތިމާ މީހާއަށް އުޅެވޭ ގޮތެއް ނޭނގެ. އާނ އެހެންނު ވާނީ ވަގުންނަށް ހީވާނީ އެހެން މީހުން ވެސް ކުރާނީ ވައްކަމޭ ދޯ."
"ނޫރާއަށް އަހަންނަށް ވަގަށް ގޮވުމުގެ ހައްގެއް ނޯންނާނެ." އީސަ ރުންކުރުވަމުން ދިޔައެވެ.
"ހައްގު އޮންނަނީ ތިމާއަށް އެކަނިތަ؟ ހައްގަކީ ވަކި މީހަކަށް އޮންނަ އެއްޗެއްތަ؟"
"ނޫރާ ތިއުޅެނީ ކިހިނެއް ވެގެންތަ؟ ކޮންކަމެއް އެނގިގެންތަ؟" އީސަ ރުޅިވެރި ކަމާއެކު ތެދުވިއެވެ.
"ދާންވީނު އެ ކަމަނާ ގާތަށް. އެއީނު މީހަކީ. އެއީނު އުފަލަކީ. މިހާރު އަހަންނަކީ މީހެއް ނޫންވިއްޔަ." އަހަރެން ވެސް ދޫދޭކަށް ގަސްތެއް ނުކުރަމެވެ.
"ކޮން ވާހަކައެއް ހޭ ތި ދައްކަނީ؟ ކާކުގެ ވާހަކައެއްހޭ ތި ދައްކަނީ؟" އީސަ އަޑު ބާރުވަމުން ދިޔައެވެ.
"ރުޝްދާ! ރުޝްދާ! ކޮންމެ ހުކުރު ދުވަހަކު ގެއަށް އައުން ލަސްވާ ސަބަބަކީ އެއީނު. ހުކުރު ދުވަހު ވެސް އޮފީސް އޮންނަ ސަބަބަކީ އެއީނު." އަހަރެން އެނގޭކަން އަންގައިލީމެވެ. "އެއީނު މިހާރު މީހަކީ."
"އޭނ!" އީސަ ހުއްޓުން އެރިއެވެ.
"އާނ! އަހަންނަށް އެނގިގެންނޭ މި ވާހަކަ ދައްކަނީ." މަލާމާތުގެ ރާގުގައި އަހަރެން ބުނެލީމެވެ.
"ތީ ކުށް ހީއެއް." އީސަގެ އަޑުމަޑުވިއެވެ.
"އަހަންނަށް ފެންނަ މަންޒަރޯ. އެވެސް ކުށްހީތަ؟" އަހަރެން އަހައިލީމެވެ.
"ކޮންކަމެއް ފެނިގެންތަ ތި އުޅެނީ؟" އަނެއްކާ ވެސް އީސަ ބުނެލިއެވެ.
"ކޮންމެ ދުވަހަކު ގަމީހުގައި އެ ހުންނަ ކުލަތަކޯ. ގަމީހުން އެ ދުވާ ވަހޯ. އެވެސް ކުށްހީތަ؟"
އީސަ ސޯފާގައި އިށީނެވެ. ދެ ފަރާތަށް ބޯ ހޫރައިލަމުން ދެތިން ފަހަރަކު ޗުސް ޖަހައިލިއެވެ.
"ސުބުހާނަﷲ،" އީސަގެ ޝަހާދަތް އިނގިލި ނޭފަތާ ކައިރިކޮށްލިއެވެ. "ނޫރާއަށް ކުރެވިގެން ތިއުޅެނީ ކުށްހީއެއް."
"އާނ އަހަންނަށްވިއްޔަ ކުށްހީއެއް ކުރެވިގެން މިއުޅެނީ." އަހަރެން ހިތްހަމަ ނުޖެހޭކަން އަންގައިދިނީމެވެ.
"އަޑު އަހާ! ރުޝްދާ އުޅެނީ އަހަރުމެން މާ ހަމަޖެހިގެން އުޅޭތީ ދެމީހުން ދުރުކުރުވަން ވެގެން. އޭނާގެ މަގުސަދަކީ ވެސް އެ. އެކި ގޮތްގޮތުން އޭނާ އަހަންނަށް ޖެއްސުން ކުރަމުން ދިޔަ. އޮފީސްތެރޭގަ ވެސް. އޭނާ ކަންތައް މާ ބޮޑުވުމުން އޭނާއަށް ހަވާލުކުރި މަސައްކަތް ވެސް ނެގީ. އޭގެ ބަދަލުގަ އޭނާ އަހަންނަށް ގުޅަމުން ދިޔައީ. ޖެއްސުން ކުރަމުން ދިޔައީ. މެސެޖު ކުރަމުން ދިޔައީ. ބަދަލުގައި އަހަރެން ނޯންނާނެ އޭނާއަށް އެއްވެސް ކަމެއް ކޮށްދީފަ. އޭނާ ބުނި އެއްވެސް ތަނަކަށް ގޮސް ވެސް." އީސަގެ އަޑު މަޑުވަމުން ދިޔައެވެ. "އަހަންނަކަށް ނޭނގެ ނޫރާއަށް ތި ޚަބަރު ލިބުނު ގޮތެއް."

އަހަންނަށް ބުނަންވީ އެއްޗެއް ނުވިސްނުނެވެ. ދައްކަންވީ ވާހަކައެއް ނޭނގުނެވެ. އަމިއްލަ ނަފުސަށް މަލާމަތް ކުރެވެން ފެށުނެވެ. އަމިއްލައަށް ހެދެން އުޅުނު ގޯސް ހަނދާންވާން ފެށިއެވެ.
"ނޫރާ ޕްލީސް ވިސްނައިލަބަލަ. އަހަރެން ނޫރާ ދޫކޮށްލައިފަ ދާން ޖެހޭ ސަބަބެއް އެބަ އޮތްތަ؟ ނޫރާދެކެ ނުވާ ލޯތްބެއް އެހެން މީހަކު ދެކެ ވާން ޖެހޭނެތަ؟ އަހަންނަކީ އެހައި ގޯސް މީހަކީތަ؟ އެހައި އަމިއްލަ އެދުން ބޮޑު މީހަކީތަ؟ އަހަންނަށް ނޫރާ ފުދެއޭ. ފުދި އިތުރުވެސް ވެޔޭ." އީސަ އަހަރެންގެ ދެ އަތުގައި ހިފައިލިއެވެ.
"ސޮރީ." އަހަންނަށް ބުނެވުނެވެ. "އަހަންނަށް ގޯސް ހެދުނީ."
"ދެން ކަބީރު؟" އީސަ ސުވާލުގެ ނަޒަރުން އަހަރެން މޫނަށް ބަލައިލިއެވެ.
"އެއްވެސް ކަމެއް ނުކުރޭ. އަހަރެން ގޮތް ދައްކާލީ. އީސައަށް ކުރާ އަސަރު ބަލައިލަން ބޭނުންވީ؟" އަހަރެން އީސަގެ މޭގައި ލައްވެލީމެވެ.
"ކުށްހީގެ މައްޗަށް ކުށްހީ،" އީސަ ބުނެލިއެވެ. "ކުށްހީ އަކަށް މެހުމަށްވުރެ ވޭން ހުންނަ ކަމެއް ނޯންނާނެ."
"އާނ! އަހަންނަށް ޝައްކު ކުރެވުނީ. ކުށްހީގެ އަސްލަކީ ޝައްކާއި ވަހުމު. ގޯސް ހެދުނީ އަހަންނަށް. އީސަ ގާތު އަހައިލެވުނު ނަމަ. ފެނުނު ކަންކަން ކިޔައިދިން ނަމަ،" އަހަންނަށް ވިސްނައިލެވުނެވެ. "އެކަމަކު ވެސް އީސަގެ ގަމީހުގައި ރުޝްދާގެ ލިޕްސްޓިކް ހުންނަންވީ ގޮތެއް ނޭނގެ."
"އެއީ އޭނާގެ ރޭވުން. އޭނާ އެ ސަކަރާތެއް ޖަހައިތާ ދެ ތިން ދުވަސް ފަހުން އަހަންނަށް އެނގުނީވެސް. އަހަރެން ގޮނޑީގައި އިންދާ ކޮންމެ ދުވަހަކު އޭނާ އިނގިލީގައި ލިޕްސްޓިކް ޖައްސައިފަ ގިރުވާނުގައި ޖައްސާ. އޮފީސް ކުއްޖަކަށް އެ ކަން ފެނިގެން ފަޅާއެރީ. ދެން ގެއަށް އަންނަން ނުކުންނަން އުޅޭ އިރަށް ދަބަހުން ސެންޓުފުޅި ނަގައި އޭނާ ގަޔަށްބުރުވާ ކަމަށް ހަދައިފަ އަހަރެން ގަޔަށްވެސް ޖަހަނީ." އީސަ އަހަރެންގެ ކޮނޑުގައި ހިފައިލިއެވެ.

އީސަ އަތް އަހަރެންގެ މޫނުގައި ޖެހުނެވެ. ސިހިފައި އަހަންނަށް ބަލައިލެވުނެވެ. އޭރު ވެސް އީސަ އޮތީ އަރާމުކޮށް ނިދައިލައިފައެވެ. މި ހުރިހާ އިރު މި އުޅެވުނީ މާޒީތެރޭގައެވެ. އެ ހަނދާންތަކުން ދުރަށް ނުދެވިގެންނެވެ. ހަޔާތުގައި ލިބުނު އަގުހުރި ފިލާވަޅު ބޮލުން ނުނެރެވިގެންނެވެ.

އަހަނަށް ބަލަން އޮވެވުނީއެވެ. އީސަގެ މޫނަށެވެ. އެ މޫނު މަތިން ފެންނަނީ ތެދުވެރިކަމުގެ ކުލަވަރެވެ. އޯގާތެރިކަމުގެ ނިޝާންތަކެވެ. ގޯސް ހެދުނީ އަހަންނަށެވެ. ނުބައިކޮށް ވިސްނުނީ ވެސް އަހަންނަށެވެ. ކުށް ހީއެއްގެ މައްޗަށް ގޮތް ނިންމުނީއެވެ.

ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ފުންކޮށް ވިސްނައިލެވުނެވެ. އިތުބާރު ކުރާ ނަމަ އަހައި އޮޅުން ފިލުވުމަކީ މައްސަލައެއް ނޫނޭ ބުނެލެވުނެވެ. ގޯހަށް ކޮށޭ މަގުތައް ބަންދުކުރެވޭނީ އެހެން ހަދައިގެން ކަމަށް ވިސްނުނެވެ. ގޯހަކުން ގޯހެއް އުފަން ނުވަނީސް ވިސްނުނީތީ ހަމުދު އެޅުނެވެ. ކަބީރަށް ދައުވަތެއް ނުދެވެނީސް، ހުރިހާ ކަމެއް ހާމަވުމުން އުފާކުރެވުނެވެ. އެނަޒަރުން ކަބީރަށް ބެލުނީތީ މިއަދު ލަދު ވެސް ގަނެއެވެ. އޭނާގާތު ދެއްކުނު ވާހަކަތައް ހަނދާންވާ ކޮންމެ ފަހަރަކު އިސްޖަހައިލެވެއެވެ. ނަސީބަކީ ކަބީރަށް ކަމެއް ފަހުމު ނުވިކަމެވެ. އޭނާއަށް އެއްޗެއް ނޭނގުނު ކަމެވެ.

އެކަމަކު ވެސް އަހަންނަށް އުނދަގޫވެއެވެ. އޭނާއާ ކުރިމަތި ލާށެވެ. އޭނާ ފެންނަ ހިސާބަށް ދާށެވެ. މާދަމާއަކީ ކަބީރު ފޮނުވާލާ ދުވަހެވެ. ވަޒީފާއިން ވަކިކުރުމަށްފަހު ހަމަސް ދުވަހުގެ މުސާރަ ވެސް ދީފައެވެ. އެއީ އީސައާއި އަހަރެންގެ ނިންމުމެވެ. ކުށްހީތަކުން އުފަންވި ގުޅުމެއް ނިންމަން ފެނުނު އެންމެ މޮޅު ފަންޑިތައެވެ. ކަބީރަށް ދެރައެއް ގެއްލުމެއް ނުލިބޭ ގޮތަށެވެ. އޭނާ އެކަމާ ރުހެއެވެ. (ނިމުނީ)