ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓުތަކަށް މީހުން އަރައި ފޭބުން މަނާކޮށްފި

Mar 14, 2020
2

ކޮރޯނާ ވައިރަހާ ގުޅިގެން، ރާއްޖޭގެ އެއްވެސް ރިސޯޓަކަށް މީހުން ދަތުރުކުރުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖޭންސީ (އެޗްޕީއޭ)އިން މިއަދު އަންގައިފި އެވެ.

އެ ބައްޔާ ގުޅިގެން، ރާއްޖޭގައި މިހާރު އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށްފައިވާއިރު، އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުނުކުރުމަށާއި، ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ 14 ދުވަހުގެ މުއްދަތަށްކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން މިގޮތަށް އަންގާފައިވަނީ، ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަން ބުނިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެވެ.

މިއީ ކުރެއްދޫ ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި ފަސް ވަނަ މީހާ އެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި ކޮވިޑް19ގެ އަލާމާތްތައް ފެނިގެން އެ ރިސޯޓުން މިފަހުން އެކަހެރިކުރި 10 މީހުންގެ ނަތީޖާ މިއަދު ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން އެކެއްގެ ނަތީޖާ ޕޮޒިޓިވްވިއިރު އަނެއް ނުވަ މީހުންގެ ނަތީޖާ ނެގަޓިވް އެވެ. މި އެންމެންނަކީ ވެސް ކޮންޓެކްޓް ޓްރޭސިންއިން ފާހަގަވި މީހުންނެވެ.

ކޮވިޑް19 އަށް މިފަހަރު ވެސް ޕޮޒިޓިވްވެފައިވަނީ ބިދޭސީ މީހެކެވެ. އޭނާ މިހާރު ވަނީ ފަރުކޮޅުފުއްޓަށް ބަދަލުކޮށްފަ އެވެ.

އެއާއެކު، ކޮވިޑް-19 އަށް ރާއްޖޭން ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ.

އޭގެ އިތުރުން، ވައިރަހާ ގުޅިގެން ރާއްޖޭގެ 14 ރިސޯޓެއް ވަނީ މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންގަ އެވެ. އެއީ މީރު އައިލެންޑް ރިސޯޓާއި، ބަންޑޮސް އައިލެންޑް ރިސޯޓާއި، ޝެރަޓަން އަދި އޮޅުވެލި ރިސޯޓެވެ.

އޭގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓާއި، އއ. ބަތަލާ ރިސޯޓާއި އއ. ކުރަމަތި ރިސޯޓާއި، ކ. ސަމަ އައިލެންޑް ރިސޯޓާއި، އދ. ވިލަމެންދޫ ރިސޯޓާއި، ކ. ރީތި ރަށް ރިސޯޓާއި، ދ. އިރުވެލި ރިސޯޓާއި، ސަން ގިލި އަދި، ލ. ސިކްސް ސެންސަސް ރިސޯޓް ވެސް އޮތީ ލޮކްޑައުންގަ އެވެ.