ކ. ގުރައިދޫއަށް އަންނަ ކޮންމެ މީހެއްގެ ވެސް ޓެންޕަރޭޗާ ބެލުމަށް އެ ރަށުގެ ސިއްހީ މަރުކަޒުން ނިންމައި އެ މަސައްކަތް ފަށައިފި އެވެ.
ގުރައިދޫ ގެސްޓްހައުސްތައް ގިނަ، ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ގެސްޓުން އަރާ ފައިވބާ ރަށެކެވެ.
އެހެންވެ، އެ ރަށުގެ ރައްޔިތުންގެ ސަލާތަމާއި ރައްކާތެރިކަމަށްޓަކައި ގުރައިދޫއަށް އަންނަ ލޯންޗު އަދި ފެރީގެ ހުރިހާ ދަތުރުވެރިންގެ ޓެންޕަރޭޗާ ޗެކު ކުރުމަށް މިއަދު ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، މިއަދު ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ)އިން ވަނީ މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ.
އެގޮތުން އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.
އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.
ޔޫރަޕްގެ އިތުރު ތިން ގައުމަކުން ރާއްޖެއަށް މީހުން އައުން ވެސް މިހާރު ވަނީ މަނާކޮށްފި އެވެ. މިރޭއިން ފެށިގެން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވަނީ ސްޕެއިންނާއި ޖާމަނީ އަދި ފްރާންސްއިންނެވެ.
މި ފިޔަވަޅު އެޗްޕީއޭއިން އެޅީ ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް އަރާފައިވަނިކޮށެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.