ކޮރޯނާ ވައިރަހާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ހަދިޔާކުރި ބޭސް މިއަދު ރާއްޖެ ގެނެސްފި އެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ތިން މަހަށް ބޭނުންވާ ޒަރޫރީ ބޭސް ކަމަށެވެ.
ބޭހުގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޮނުވި މެޑިކަލް ޓީމުވެސް އިއްޔެ ވަނީ އައިސްފަ އެވެ. އެ ޓީމު މިހާރުވެސް ރާއްޖޭގެ ކަމާބެހޭ ސިއްހީ އިދާރާތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިއާއިން ރާއްޖެއަށް އައިސް އުޅޭ ސިއްހީ މާހިރުންނާއި ޑޮކްޓަރުންގެ ޓީމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ރާއްޖެއަށް ޒިޔާރަތް ކުރި އިންޑިއާގެ ޑޮކްޓަރުންގެ ޓީމުން ފޯރުކޮށްދޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ޓީމުގައި ޑޮކްޓަރުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާސި ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުންނާއި ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުން ވެސް ހިމެނެ އެވެ.
ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ވަނީ 10 އަކަށް އަރާފައި އެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.
އެ ވައިރަހުން ރައްކާތެރިވުމަށްޓަކައި ސަރުކާރުން މިއަދު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. ވައިރަހާ ގުޅިގެން މިހާރުވެސް 13 ރިސޯޓެއް މޮނީޓަރިންގެ ހާލަތުގައި އޮތް އިރު، މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
އަދި މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓްހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކޮށްފައިވާއިރު، ކޮލްޖުތަކާއި ޔުނިވާސިޓީތައްވެސް ކުރިަށް އޮތް 14 ދުވަހަށް ބަންދުކުރަން އަންގައިފަ އެވެ.
އޭގެ އިތުރުން، ސަރުކާރުން މިއަދު ސްޕެއިންގެ އިތުރުން، ފްރާންސް އަދި ޖާމަނީގެ ބައެއް ސިޓީތަކުން މީހުން އެތެރެވުންވެސް މަނާކޮށްފަ އެވެ. މީގެ ކުރިން، ޗައިނާ، އިރާން، ބަންގްލަދޭޝް އިޓަލީ އަދި ދެކުނު ކޮރެއާގެ ބައެއް ސިޓީތަކުން މީހުން އައުންވެސް ވަނީ މަނާކޮށްފަ އެވެ.