ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރީތި ބީޗް ލޮކްޑައުންކޮށް މީހަކު ޓެސްޓް ކުރަނީ

Mar 14, 2020

ރީތި ބީޗް ރިސޯޓްގައި ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހަކު ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެ ރިސޯޓް މިހާރު ވަނީ މޮނީޓާ ކުރުމަށް ލޮކްޑައުންކޮށްފަ އެވެ.

އަލާމާތްތައް ފެނިފައިވަނީ ބިދޭސީއެއްގެ ފަރާތުންނެވެ. އޭނާ މިހާރު ހުރީ ހޯމް އައިސޮލޭޝަންގަ އެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ 13 ރިސޯޓެއް ވަނީ މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންގަ އެވެ. އެއީ ރު އައިލެންޑް ރިސޯޓާއި، ޝެރަޓަން އަދި އޮޅުވެލި ރިސޯޓާއި ޑްރީމް ލޭންޑް މޯލްޑިވްސް އެވެ.

އޭގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓާއި، އއ. ބަތަލާ ރިސޯޓާއި އއ. ކުރަމަތި ރިސޯޓާއި، ކ. ސަމަ އައިލެންޑް ރިސޯޓާއި، އދ. ވިލަމެންދޫ ރިސޯޓާއި، ކ. ރީތި ރަށް ރިސޯޓާއި، ދ. އިރުވެލި ރިސޯޓާއި، ސަން ގިލި އަދި، ލ. ސިކްސް ސެންސަސް ރިސޯޓް ވެސް އޮތީ ލޮކްޑައުންގަ އެވެ.

މި ރިސޯޓުތަކުން ވެސް އަލާމާތްތައް ފެންނަ މީހުން ފެނިފައިވާއިރު އެމީހުންގެ ނަތީޖާތައް އަދި ނުލިބެ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

މިހާތަނަށް ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް 10 މީހަކު ފެނިފައިވާއިރު، ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. މިއަދު ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ)އިން ވަނީ މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.