ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މުވައްޒަފުންނަށް އަނބުރާ ރިސޯޓްތަކަށް ދެވޭނެ: އެޗްޕީއޭ

Mar 14, 2020
1

މިހާރު ޗުއްޓީގައި ތިބި ރިސޯޓް މުވައްޒަފުންނަށް އަނބުރާ ރިސޯޓްތަކަށް ދިޔުމަށް ހުރަހެއް ނެތް ކަމަށާއި ނަމަވެސް ރިސޯޓްތަކުގައި މިހާރު ތިބި މުވައްޒަފުންނަށް ޗުއްޓީގައި ވެސް ރަށްރަށް ނުދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން، ރާއްޖޭގެ އެއްވެސް ރިސޯޓަކަށް މީހުން ދަތުރުކުރުން ހުއްޓާލުމަށް އެޗްޕީއޭއިން މިއަދު ވަނީ އަންގާފަ އެވެ.

އެ އެންގުން ތަފްސީލްކޮށް މިއަދު ނެރުނު ބަޔާނެއްގައި އެޗްޕީއޭއިން ބުނީ ރިސޯޓަށް ޗުއްޓީ ނިންމާފައިވާ މުވައްޒަފުންނަށް ދެވޭނެ ކަމަށާއި ނަމަވެސް އެ މުވައްޒަފުން ވެސް ހިމެނޭ ގޮތަށް އެއްވެސް މުވައްޒަފަކަށް ވެސް ރިސޯޓުން ފޭބުމުގެ ހުއްދައެއް ނޯންނާނެ ކަމަށެވެ.

މުވައްޒަފުންނަށް ރިސޯޓުން ފޭބޭނީ ހަމައެކަނި ރިސޯޓުގައި ތިބި ޓޫރިސްޓުން ފުރުވުމަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އޭގެއިތުރުން ރިސޯޓްތަކަށް މުދާ ސަޕްލައިކުރާ އުޅަނދުތަކުގައި އުޅޭ ފަރާތްތަކަށް ޖެޓީއާ ހަމައަށް ދެވިދާނެ ކަމަށާއި ރިސޯޓްގެ އެތެރެއަށް ފައިބައިފިނަމަ އެ މީހަކަށް ވެސް ރިސޯޓުން ފޭބުމުގެ ހުއްދަ ނޯންނާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކުރިއަށް އޮތް ދެ ހަފުތާ އެއްވެސް ޓޫރިސްޓަކަށް ވެސް ޗުއްޓީ ހޭދަކުރާ ރިސޯޓް ފިޔަވައި އެހެން ރަށަކަށް ދިޔުމުގެ ހުއްދައެއް ނޯންނާނެ އެވެ.

މިހާތަނަށް ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް 10 މީހަކު ފެނިފައިވާއިރު، މިއަދު ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ)އިން ވަނީ މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.