ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޖަލުގެ ފިޔަވަޅުތަކާ ގުޅިގެން ހަމަނުޖެހުން ހިންގައިފި، ދެ ގައިދީއަކަށް އަނިޔާވެއްޖެ

Mar 14, 2020
1

ކޮވިޑް19 އާ ގުޅިގެން މާފުށީ ޖަލުގައި ފިޔަވަޅުތައް އަޅާތީ އެ ޖަލުގައި ތިބި ގައިދީންތަކެއް ހަމަނުޖެހުންތަކެއް ހިންގައިފި އެވެ. މި ހަމަނުޖެހުންތަކުގައި ދެ ގައިދީއަކަށް އަނިޔާވެފައިވެ އެވެ.

މާފުށީ ޖަލު ބަލަހައްޓާ ކަރެކްޝަނަލަ ސާވިސްއިން ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމުން އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލާފަ އެވެ. ނަމަވެސް ގައިދީންއަށް ފޯނު ކޯލް ވަނީ އިތުރުކޮށްފަ އެވެ.

އޭގެއިތުރުން ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ދަށުން ރާއްޖޭގެ މައި ޖަލު މާފުށީ ޖަލު މިއަދުން ޑިސްއިންފެކްޓް ކުރަން މިއަދު ފެށި އެވެ. އެ ހަރަކާތުގައި ޖަލުގެ ގޮޅިތަކާއި ފާހާނާތަކާއި ކޮރިޑޯތަކުގެ އިތުރުން ގައިދީންނާއި ބޭނުންކުރާ އާންމު ތަންތަންވެސް ސާފުކޮށް ޑިސްއިންފެކްޓްކުރާނެ އެވެ.

ކަރަކެޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ޔުސްރީނު މިރޭ އަވަސްއަށް ވިދާޅުވި ގޮތުގައި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ޖަލު އޮފިސަރުން ކުރިއަށް ގެންދިޔައިރު ގައިދީންތަކެއް އެކަމަށް ހުރަސް އަޅަން މަސައްކަތް ކުރި އެވެ. އޭގެ ސަބަބުން ދެ ގައިދީއަކަށް އަނިޔާވި ކަމަށެވެ. ނަމަވެސް އެ ގައިދީންނަށް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނެތް ކަމަށާއި ލިބުނު ކުދި އަނިޔާތަކަށް މިހާރު ފަރުވާދެމުންދާ ކަމަށެވެ. އެ ދެ ގައިދީން ވަނީ މާލެ ޖަލަށް ބަދަލުކޮށްފަ އެވެ.

ޔުސްރީން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަރެކްޝަނަލްއިން އަޅަނީ ވައިރަސްއިން ޖަލު ސަލާމަތް ކުރުމަށްޓަކައި ގައިދީންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. ޖަލު އޮފިސަރުން ވެސް ޑިއުޓީއަށް ނެރެނީ ސްކްރީންކޮށް އެއްވެސް އަލާމާތެއް ހުރިތޯ ބެލުމަށްފަހު ކަމަށެވެ.

ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ވަނީ 10 އަކަށް އަރާފައި އެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.